ކުޑަކުދިންގެ ހައްގުތަކާ ބެހޭ އާ ގާނޫނެއް ސަރުކާރުން މަޖިލީހަށް ފޮނުވަނީ

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ރައްޔިތުންގެ މަޖިލީހުގައި --- ފޮޓޯ/ މަޖިލިސް

މިހާރު އަމަލުކުރަމުންދާ ކުދަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނުގެ ބަދަލުގައި، އެ ގާނޫނު އަލުން އެކުލަވާލުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މިއީ މިދިޔަ ޖޫން މަހުގެ ތެރޭގައި ބަންޑާރަ ނައިބުގެ އޮފީހުން އާންމުކުރި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެކެވެ.

މިހާރު ރާއްޖޭގައި އަމަލުކުރާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަކީ 1991 ވަނަ އަހަރު ފާސްކުރެވި، އަމަލުކުރެވެން ފެށި ގާނޫނެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިހާރު އަމަލުކުރާ ގަނޫނު ބައްޓަންކުރެވިފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ އެންމެހާ ހައްގުތައް އޭގެ އެންމެ ފުޅާމިނުގައި ލިބިދެވޭ ފަދަ ގޮތަކަށް ނޫން ކަމަށެވެ.

"އެ މުއާހަދާގައި ކުޑަކުދިންނަށް ކަށަވަރުކޮށްދޭ ހައްގުތައް، ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި ކުޑަކުދިންނަށް ލިބިދެވޭނެ ހައްގުތައް މި ބިލުގައި ހިމަނާފައިވެއެވެ،" ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުން ހުށަހަޅާ ބިލުގައި ކަނޑައަޅާފައިވާ ހައްގުތަކުގެ ތެރޭގައި ތަފާތުނުކުރުމާއި، ދިރިހުރުމާއި ހެދިބޮޑުވުމުގެ ހައްގާއި، ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުމާއި، އަޅާލުމާއި ހިމާޔަތް ލިބުމާއި، އަނިޔާއާއި ގޯނާކުރުމާއި އަޅާނުލުމުން ރައްކާތެރިކަން ލިބުމާއި، މައިންބަފައިން އެނގުމާއި އެމީހުންގެ އާޅަލުން ލިބުމުގެ ހައްގާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ އަޅާލުމާއި ރައްކާތެރިކަން ލިބުމާއި، ދުޅަހެޔޮ ސިއްހަތާއި ސިއްހީ ފަރުވާ ލިބުމާއި، އުނގެުނުމުގެ ހައްގާއި، ރަހުމުކުޑަ ލާއިންސާނީ އަދަބު ނުދިނުމާއި، އަނިޔާއިން ރައްކާތެރިވުމާއި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އާންމުނުކުރުމުގެ ހައްގު ފަދަ ކަންކަން ހިމެނެ އެވެ.

މި ބިލުގައި ވާ ގޮތުން އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ ކައިވެނި މަނާވާނެއެވެ. އަދި ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމުގައި ކަނޑައެޅުމަށް ހުށަހަޅާފައިވާ އިރު، 15 އަހަރުން ދަށުގެ ކުދިންނަށް ޖިނާއީ އެއްވެސް ކުށެއްގެ ދައުވާއެއް ނުއުފުލޭނެއެވެ. އޭގެ ބަދަލުގައި އެކުދިން ކުށާ ދުރުހެލިކޮށް، ފަރުވާ ދީ، ރިހެބިލިޓޭޓުކުރުމަށްޓަކައި އަޅާންޖެހޭ އަވަސް ފިޔަވަޅު އަޅާ ނިޒާމެއް ހަމަޖެއްސުމަށް އެ ބިލުގައި ހިމަނާފައި ވެއެވެ.

ކުޑަކުދިންނަކީ ބޮޑެތި މީހުންނާ އެއް މިންވަރަށް ހެދިބޮޑުވެ، ތަސައްރުފު ފުދިފައިވާ ބައެއް ކަމުގައި ނުވާތީ އެކުދިންނަށް މަރުގެ އަދަބު ދިނުން މަނާކުރުމަށް އެ ބިލުގައި ހުށަހަޅާފައި ވެއެވެ.

ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ އާ ބިލުގެ ދަށުން ކުޑަކުދީންނާ ބެހޭ ސިޔާސަތު ކަނޑައެޅުމަށާއި މިނިސްޓަރަށް ލަފާދިނުމަށް ކައުންސިލެއް އުފެއްދުމަށް ހިމަނާފައި ވެއެވެ. އަދި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި މިނިސްޓަރުގެ ލަފާގެ މަތިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއެއް އުފެއްދުމަށްވެސް ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން ފާސްކުރެވޭ ގާނޫނު ތަންފީޒުކުރެވޭ މިންވަރު ބަލައި މޮނީޓަރުކުރުމަށް މިނިވަން މުސްތަގިއްލު ޗިލްޑްރަންސް އޮމްބަޑްސްމަނެއް އައްޔަނުކޮށް، ހިއުމަން ރައިޓްސް ކޮމިޝަނުގައި އޭނާއަށް އިދާރާއެއް ގާއިމުކުރަން ޖެހެއެވެ.

ބިލުގައި ހިމެނޭ ކަންކަން

  • ކުޑަކުދިންނަށް ލިބިދޭ ހައްގުތައް ބަޔާންކުރުން.
  • 18 އަހަރުން ދަށުގެ ކުދިންގެ ކައިވެނި މަނާކުރުން.
  • 15 އަހަރުން ދަށުގެ ކުދިންނަށް ޖިނާއީ ދައުވާ ނުކުރުން.
  • ކުށަށް އަރައިގަންނަ ކުދިން ރިހެބިލިޓޭޓުކުރެވޭނެ އަވަސް ނިޒާމެއް ގާއިމުކުރުން.
  • އޮލްޓަނޭޓިވް ކެއާ ފޯރުކޮށްދޭ ރެޒިޑެންޝަލް ފެސިލިޓީތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކުރުން.
  • ސިޔާސަތު ކަނޑައެޅުމަށް މިނިސްޓަރަށް ލަފާދޭ ކައުންސިލެއް އުފެއްދުން.
  • ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އުފެއްދުން.
  • ގާނޫނު ތަންފީޒުކުރެވޭ މިންވަރު މޮނީޓަރުކުރުމަށް ޚާއްސަ ކޮމިޝަނަރެއް އައްޔަނުކުރުން.
comment ކޮމެންޓް