ކުރީގެ ރައީސުންގެ އިނާޔަތާއި ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި ބަދަލު އުވާލަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުން އަދި ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތާބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަކީ، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރައީސްކަން ކޮށްފައިވާ މީހަކު، އެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާނަމަ، އޭނާ އާއި އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތް ނުލިބޭގޮތަށް އޮތް އޮތުން އިސްލާހުކުރުމެވެ.

ރައީސް އޮފީހުން ބުނީ، ސަރުކާރުން ހުށައަޅާފައިވާގޮތަށް އެ ގާނޫނު އިސްލާހު ވުމާ އެކު، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހާއާއި، އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތް ނުލިބޭ ގޮތަށް ހަމަޖެހޭނީ، އެ ގާނޫނު ވުޖޫދަށް އައުމަށްފަހު ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވުމުން ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށް އޮތް ބައި އުނިކޮށް އެ ގާނޫނު އިސްލާހުކުރުމަށެވެ.

ކުރީގެ ރައީސުންގެ ގާނޫނާއި ރިޔާސީ އިންތިހާބުގެ ގާނޫނު އިސްލާހު ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ގާނޫނު އިސްލާހު ކުރީ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށެވެ.

comment ކޮމެންޓް