އާސެނަލާއި ލިވަޕޫލް މޮޅުވި އިރު ސިޓީއާއި ޓޮޓެންހަމް މެޗު އެއްވަރުވެއްްޖެ

އިނގިރޭސި ޕްރްމިއާ ލީގުގައި މިއަދު އާސެނަލާއި ބާންލީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-2 އިން ކާމިޔާބު ކުރީ އާސެނަލް -- ފޮޓޯ// ޕެޓްރިކް ރިޖް

އިނގިރޭސި ޕްރިމިއާ ލީގުގެ "މެޗް ޑޭ ދޭއް" ގެ މެޗުތަކުގައި މިިރޭ އާސެނަލާއި ލިވަޕޫލް މޮޅުވި އިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމް ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ، އަދި އެންމެ ވާދަވެރި ލީގުގެ ގޮތުގައި ފާހަގަވެފައި އޮންނަ އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނަ ހަފްތާގެ ކުޅުން މިއަދު ފެށި އިރު ފޯރިގަދަ ގިނަ މެޗުތަކެއް ވަނީ ކުޅެފަ އެވެ. އެގޮތުން މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބާންލީ ގާތުން އާސެނަލް މޮޅުވެފައި ވަނީ 0-2 ގެ ނަތީޖާ އަކުންނެވެ. އެމެޗަށްފަހު ލިވަޕޫލުން ކުޅުނު މެޗުން އެ ޓީމު މޮޅުވީ 1-2 އިންނެވެ.

އިނގިރޭސި ޕްރްމިއާ ލީގުގައި މިއަދު އާސެނަލާއި ބާންލީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-2 އިން ކާމިޔާބު ކުރީ އާސެނަލް -- ފޮޓޯ// ޕެޓްރިކް ރިޖް

އަދި މިރޭ ކުޅުނު އެންމެ ވަރުގަދަ މެޗުގައި ބައްދަލު ކުރި ސިޓީއާއި ޓޮޓެންހަމް މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ގިނަ އަހަރުތަކަކަށްފަހު ބޮޑު އަގު ދީގެން ކުޅުންތެރިންތަކެއް ގަނެ ބޮޑެތި ބަދަލުތަކާ އެކު އާސެނަލް މިފަހަރުގެ ސީޒަނާއި ކުރިމަތިލި އިރު އެ ޓީމުން ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ވެސް އެ ޓީމުން މޮޅު ކުޅުމެއް ދެއްކި އިރު މެޗުގެ ތަރިއަކަށް ވެގެން ދިޔައީ ރެއާލް މެޑްރިޑުން ލޯނުގެ އެއްބަސް ވުމެއްްގެ ދަށުން އެ ޓީމަށް އަލަށް ގުޅުނު ޑެނީ ކެބަލޯސް އެވެ. އޭނާ ވަނީ މިއަދުގެ މެޗުގައި އެއް އެސިސްޓްކޮށް ތަފާތު މޮޅު ޕަފޯމެންސެއް ދައްކައިފަ އެވެ.

އެ މެޗުގައި އާސެނަލުން ޖެހި ދެ ގޯލު އެ ޓީމަށް ޖަހައިދިނީ އެރިކް އޮބަމަޔެންގާއި އަލެކްސެންޑަރާ ލަކަޒެޓް އެވެ.

އެންމެ ފަހުގެ ޔޫރޮޕުގެ ޗެމްޕިއަން ލިވަޕޫލުން މިރޭ ހަނިގޮތަކަށް ސައުތަމްޓޮން ގާތުން މޮޅުވި އިރު ލިވަޕޫލްގެ ސްކޮޑުގައި މިވަގުތު ތިބި މުހިއްމު ބައެއް ކުޅުންތެރިންނަކީ ކުރީގެ ސައުތަމްޓޮން ކުޅުންތެރިންނެވެ. އެގޮތުން ސާޑިއޯ މާނޭއާއި ވާގިލް ވެންޑައިކް ފާހަގަ ކޮށްލެވެ އެވެ.

އިނގިރޭސި ޕްރްމިއާ ލީގުގައި މިއަދު ލިވަޕޫލާއި ސައުތަމްޓޮން ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 1-2 އިން ކާމިޔާބު ކުރީ ލިވަޕޫލް --- ފޮޓޯ// ބެން ސްޕްރަޓް

ލިވަޕޫލުން މިރޭގެ މެޗުގައި އެހެން މެޗުތަކަށް ވުރެން އާދައިގެ ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމުން މިރޭގެ މެޗުން ލިބުނު މޮޅާ އެކު އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. ޕޮއިންޓްގެ ގޮތުން އާސެނަލާއި އެ ޓީމުން އެއްވަރު ނަމަވެސް ލިވަޕޫލަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ލިވަޕޫލުން މިރޭގެ މެޗުގައި ޖެހި ގޯލުތައް ކާމިޔާބު ކޮށްދިނީ ސާޑިއޯ މާނޭއާއި ރޮބާޓޯ ފިރްމީނިއޯ އެވެ. ސައުތަމްޓޮނުން ޖެހި ހަމައެކަނި ގޯލު މެޗު ނިމެން ފަސް ވަރަކަށް މިނަޓަށް ވެފައި ވަނިކޮށް އެ ޓީމަށް ޖަހައިދިނީ ޑެނީ އިންގްސް އެވެ.

މީގެ އިތުރުން މިރޭ ކުޅުނު އެންމެ ފޯރިގަދަ މެޗުގައި ޓޮޓެންހަމުން ވަނީ އެންމެ ފަހުގެ ލީގު ޗެމްޕިއަން ސިޓީ މޮޅުވިޔަ ނުދީ ހިފަހައްޓައިފަ އެވެ.

އިނގިރޭސި ޕްރްމިއާ ލީގުގައި މިއަދު ސިޓީއާއި ޓޮޓެންހަމް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 2-2 އިން ވަނީ އެއްވަރު ވެފައި -- ފޮޓޯ// ޕެޓްރިކް ރިޖް

އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ސިޓީންނެވެ. ސިޓީގެ ރަހީމް ސްޓާލިންގް މެޗުގެ 20 ވަނަ މިނަޓުގައި އެ ޓީމަށް ލީޑު ނަގައިދިންތާ ތިން މިނަޓުގ ފަހުން ޓޮޓެންހަމްއިން ވަނީ ރައްދުގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ އާޖެންޓީނާ ފޯވާޑް އެރިކް ލަމޭލާ އެވެ.

ނަމަވެސް ސިޓީން ވަނީ ޓީމު އިތުރަށް ކުރިއަށް ޖައްސައިގެން ކުޅެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައިފަ އެވެ. ސާޖިއޯ އަގުއޭރޯގެ އެ ގޯލާ އެކު ލީޑުގައި އޮވެ ސިޓީން އެ ހާފު ނިންމާލި އިރު ދެވަނަ ހާފު ފެށިގެން ކުރީ ކޮޅު ޓޮޓެންހަމްގެ ލޫކަސް މޯރާ ވަނީ އަނެއްކާވެސް މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ދެ ޓީމަށް ވެސް ލަނޑެއް ޖަހައި މެޗުން މޮޅުވާން ފުރުސަތުތަކެއްް ލިބުނު އިރު މެޗުގެ އިތުރު ވަގުތުގައި ސިޓީގެ ގެބްރިއަލް ޖީސުސްޖެހި ގޯލެއް ވަނީ ވީޑިއޯ ބެލުމަށްފަހު ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ.

ޕްރިމިއާ ލީގުގައި މި ސީޒަނުން ފެށިގެން ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ބޭނުން ކުރާނެ އެވެ.

comment ކޮމެންޓް