ފެރީން ދަތުރުކުރި 128 މީހަކު މާލެ ގެނެސްފި

"އޯޝަން 20" ލޯންޗުން ދަތުރު ކުރި މީހުން. 175 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އެ ލޯންޗުގެ އިންޖީނު ހުއްޓިފައި ވަނީ ތެޔޮ ހުސްވެގެން --- ފޮޓޯ: އެމްއެންޑީއެފް

ތ. އަތޮޅުން ފުރައިގެން 175 މީހުންނާއެކު މާލެއަށް ދަތުރު ކުރަމުން ދިޔަ ފެރީ ލޯންޗެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އޭގައި ތިބި 128 މީހަކު މާލެ ގެނެސްފިއެވެ.

އިންޖީނު ހުއްޓިފައި ވަނީ "އޯޝަން 20 އުފާ" ނަމަކަށް ކިޔާ ފެރީ ލޯންޗެއްގެއެވެ. އެމްއެންޑީއެފް އިން ބުނީ ލޯންޗުގެ އިންޖީނު ހުއްޓިގެން ރިޕޯޓުކޮށްފައި ވަނީ މިއަދު ހަވީރު 17:44 ހާއިރު ކަމަށެވެ.

އޭގައި ތިބި މީހުންގެ ތެރެއިން ކުޑަކުދިންނާއި، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން މާލެ ގެނައީ އެމްއެންޑީއެފް ސީއެމްބިއުލާންސްގައެވެ.

އެމްއެންޑީއެފް އިން ބުނީ އެމީހުން ގޮވައިގެން ސީއެމްބިއުލާންސަށް މާލެ އައިސްފައި ވަނީ މިރޭ 23:00 ހާއިރު ކަމަށެވެ.

ބާކީ ތިބި 47 މީހުން މާލެ އަންނަނީ ލޯންޗަށް ތެޔޮ އަޅައިގެން އެއިންނެވެ.

ލޯންޗުގެ އިންޖީނު ހުއްޓިފައި ވަނީ ވ. ދިއްގަލުވަށީ ފަޅުގެ ހުނގަޅުން ނޯޓިކަލް މޭލެއް ބޭރުން، ތެޔޮ ހުސްވެގެން ކަމަށް އެމްއެންޑިއެފް އިން ބުންޏެވެ.

އިއްޔެ ޅ. ނައިފަރުން ފުރައިގެން 21 މީހުންނާ އެކު މާލެއަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއްގެ އިންޖީނު ހުއްޓިގެން ވެސް އެމްއެންޑީއެފް އިން ވަނީ އެހީތެރިވެފައެވެ.

comment ކޮމެންޓް