މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

"އާނ އޯކޭ... އާހިލް... އެކަމަކު އާހިލްމި ދަތުރު ދިޔުންވެސް ވަރަށް މުހިންމު..." ނަވީން ވާހަކަ އޮޅުވާލިއެވެ. ލައިލާގެ މޫނުމައްޗަށް އެރި ކުލަވަރުން އޭނާއަށް ހުރިހާ އެއްޗެއް އަޑު ނީވޭކަން ނަވީންއަށް އެނގުނެވެ. އެހެންކަމުން އަދިވެސް ވާހަކަ އޮޅުވާލުމަށްފަހު ފޯނު ބޭއްވިއެވެ.

ލައިލާ ގެ މޫނުމަތީގެ ކުލަވަރު ބަދަލުވުމާއެކު ނަވީން ހާސްވިއެވެ.

"މަންމަ އައިމަ ހާދަ އަވަހަށް ފޯނު ބޭއްވީ؟" މޫނުމައްޗަށް މަލާމާތުގެ އަސަރުތައް ވެރިކޮށްލަމުން ލައިލާ ވާހަކަދެއްކުމާއެކު ނަވީން ދުރުބަލާލިއެވެ. މަންމައޭ އެ ކިޔަނީ އޭނަ ރުޅިއަރުވަންކަން ނަވީންއަށް އެނގެއެވެ. އެހެންކަމުން އެއްޗެއް ބުނާ ހިތް ނުވީއެވެ. ލައިލާއަށް އަޑު އިވުނީ ކިހާ ވަރަކަށްބާއޭ ނަވީންގެ ހިތަށް އަރަމުން ދިޔައެވެ.

"އާހިލްއަށް ނުދެވެންޏާ ނަވީންއާއެކު އަލޫކް ގެންދަންވީނު..." ލައިލާ ވާހަކަ ދެއްކީ އެތަނުން ދާން ނަވީން ހިނގައިގަތުމުންނެވެ. އެއާއެކު ލައިލާއަށް އޭނާ ދެއްކި ވާހަކަ ރަނގަޅަށް ނޭނގޭކަން ނަވީން އަށް ޔަގީންވިއެވެ.

"ބައްޕަގެ ހުއްދަ ލިބޭނަމަ އަލޫކް އަށް ފުރުސަތު ހޯދަދީފަ ހުދު އަހަރެންވެސް މަޑުކުރާ ގޮތަށް މިހުރީ" އެ ހުރިގޮތަށް ލައިލާއަށް ފުރަގަސްދީގެން ހުރެފައި ނަވީން ބުނެލިއެވެ. އިތުރު ބަހެއް ލައިލާ ނުބުނުމާއެކުނަވީން ވެސް ތިރިއަށް ފޭބީއެވެ.

*****

ޖެހިގެން އައި ދުވަސްތަކުގައި ނަވީން އާއި އާހިލްވެސް އުޅުނީ ދަތުރުގެ ކަންތައް ތަކުގައި ވަރަށް ބުރަކޮށެވެ. ކިތަންމެ ދާން ބޭނުންނުވިނަމަވެސް މަޖުބޫރީ ހާލަތު އެކަމަށް ތަންނުދޭތީ އެންމެ ފަހުން ދާން ނަވީން ވެސް ނިންމީއެވެ. ދިޔުމުގެ ކުރިން ކޮންމެވެސް ވަރަކަށް ކަންތައްތައް ނަވީން އިބާއަށް ކިޔައިދިނެވެ. ކަމެއްދިމާވެއްޖެނަމަ ލަސްނުކޮށް އޭނާއަށް އެންގުމަށް ބުންޏެވެ. މިކޮޅުގައި އިތުރު މީހަކު ބަހައްޓަން ކިތަންމެ ބޭނުންވިޔަސް މީހުނަށް އިތުބާރު ކުރުރުމަކީ ކިހާއުނދަގޫ ކަމެއްކަން ނަވީންބުނެދިނެވެ. އެދަތުރު ދާންޖެހުމުން ނަވީން ހުރީ ވަރަށް ދެރަވެފައެވެ.

"ނަވީން ހާސްނުވޭ... އަހަރެންނަށް އިތުބާރު ކުރޭ... ނަވީންގެ އެއްވެސް ސިއްރެއް އިތުރު މީހަކަށް އެނގުނަކަ ނުދޭނަން... އަހަރެންނަށް އެނގޭ ނަވީން ގެ މަންމަ ދުނިޔޭގައި ހުރިކަން އެހެން ބަޔަކަށް އެނގިއްޖެނަމަ އެ މަންމަގެ ފުރާނަ ނުރައްކަލަކަށް ހުށައެޅިގެންދާނެކަން..."

އިބާ އަށް ބަލާލާ ނަވީން ހިނިތުންވެލިއެވެ. ދެމީހުން ތިބީ ބެލްކަނީގައެވެ. ރޭގަނޑުގެ ވަގުތަށް ވުމާއެކު ދުރުން ފެންނަމުންދާ ގެތަކުގެ އަލި ޖަވާހިރުކޮޅު ތަކެއް ފަދައިން ފެންނަމުން ދޔައިރު ހިތްގައިމެވެ.

ރެއިލިންގައި ހިފައްޓާލެވިފައިވާ އިބާގެ އަތުގައި ނަވީން އޭނާގެ ކަނާއަތް ބާއްވާލިއެވެ. އެއަށްފަހު ނަވީން ވާހަކަދެއްކިއެވެ.

"އިބާ... އިބާއަށް އެނގޭތަ؟ އަހަރެން އިބާއަށް ވެސް ނޭނގި އިބާގެ ފުރާނަ ނުރައްކަލަކަށްހުށައަޅަމުން ދާކަން...." ނަވީންގެ ސުވާލާއެކު އިބާގެ ހަށިގަނޑަށް ކުޑަ ހަރުކަށިކަމެއް ވެރިވިކަން ހުދު ނަވީންއަށްވެސް އެނގެއެވެ. އިބާ ނަވީންގެ އަތުގެ ތެރެއިން އަތް ދަމައިގަންނަން އުޅުނަސް ނަވީން ހިފައްޓާފައި ހުރިލެއް ބާރުކަމުން އިބާއަށް އެކަމެއް ނުކުރެވުނެވެ.

"އައި އެމް ސޮރީ އިބާ... އަހަރެން ނުވާނެ އިބާއަށް ހުރިހާ ވާހަކައެއް ނުކިޔައިދީ އިބާއަށް މިފަދަ މަސައްކަތެއް ހަވާލުކުރާކަށް... ބަޓް ބިލީވް މީ... އެއީ އިބާއަށް ގެއްލުމެއް ދޭކަށް ނޫން... އޭރު އަހަރެންނަށް މަންމަ ނޫން އެހެންމީހަކާ ދޭތެރޭ ވިސްނައިގަންނާކަށް ފުރުސަތެއްނުލިވޭ... މިހާ ދުވަސްފަހުން މަންމަ ދުނިޔޭގަ ހުރިކަން ފަޅާއަރައިފިނަމަ އެމީހުންނަށް ގެއްލުން ތަކެއްވާނެ... އެމީހުން އެހެންވެ ބޭނުމެއް ނުވާނެ މަންމަ ދުނިޔޭގަ ހުރިކަން އެނގޭ އެކަކުވެސް ދޫކުރާކަށް...މަންމައެކޭ އެއްވަރަށް އިބާއަކީވެސް އަހަރެން ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭ ފަރާތެއް...އަހަރެން ވައުދުވަން... އިބާއަށް އެއްވެސް ގެއްލުމެއް ވިޔަކަ ނުދޭނަން...." ނަވީން ވާހަކަ ދެއްކިއެވެ.

"ނަވީން ގެއްލުން ތި މާނަ ކުރަނީ ކިހިނެތް؟" ދުރު ބަލާލަމުން އިބާ ސުވާލުކުރިއެވެ.

"އިބާ... އެމީހުން....."

"އޭގެ މާނައަކީ އަހަރެންގެ ފުރާނައިންނޭ އެމީހުން އަތްދޮވޭލާނީ" ނަވީންގެ ވާހަކަ ހުއްޓުވާ އެ ޖުމްލަ ފުރިހަމަ ކުރަމުން އިބާ ވާހަކަދެއްކުމާއެކު ނަވީންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ލިބުނު ހަބަރަކުން އިބާއަށް ވާނެ ގޮތް އޭނާއަށް އަންދާޒާ ކޮށްލެވުމާއެކު ނަވީން އިބާގެ އަތަށް ދުލެއް ދިނެވެ.

އެވަގުތު އެ ހިތުގެ ހާލު އިބާގެ ކުރިމަތީގައި ބަންޑުން ކޮށްލަން ނަވީންގެ ހިތަށްއެރިއެވެ. އިބާއަކީ އޭނާއަށް ކިހާ މުހިންމު މީހެއްކަން އަންގައިދޭންބޭނުންވިއެވެ. އެ ހިތުގައި އިބާއާ މެދު ކުރި ފަޅައި ހެދެމުން ދިޔަ މަތިވެރި ލޯބީގެ އިޝާރާތެއް ކުރަން ބޭނުންވިއެވެ. އެހެންނަމަވެސް ނަވީންގެ ހަށިގަނޑު ހީވަނީ ހިތް ބުނާ ވާހަކައަށް ދެބަސްވަމުން ދާހެންނެވެ. އިބާ ރައްކާތެރިކުރަން އޭނާ ބޭނުންވަނީ ހަމައެކަނި އެހެންވެ ނޫންކަމާއި އެއީ އިބާދެކެ އޭނާ ވާ ލޯބީގެ ހައްގުގައިކަންވެސް ސާބިތު ކޮށްދޭން ބޭނުންވިއެވެ.

"އިބާ" އިބާގެ ފިޔަވަޅުތައް މަޑުޖެހުމާއެކު ނަވީން އަނެއްކާވެސް ވާހަކަދެއްކިއެވެ.

"އަހަރެން އަދިވެސް އެއްފަހަރު އިބާގެ ފަރާތުން މާފަށް އެދެން... އިބާ ބޭނުންވެއްޖެކަމުގައި ވަނީނަމަ އަހަރެން އައުމާއެކު އިބާދިޔަޔަސް އެންމެ ރަނގަޅު. އެކަމަކު އަހަރެން އަންނަންދެން މަންމަ ގާތު މަޑުކޮށްލަދީ... އިންސާނިއްޔަތުކަމަށްޓަކާ ވިނަމަވެސް...." ނަވީންގެ އަޑުގައި ހުރި ހިތްދަތިކަމުން ހުދު އިބާއަށްވެސް އަސަރު ތަކެއް ކޮށްފިއެވެ.

"އަހަރެން މި ވާހަކަތައް އިބާއަށް ކިޔައިދިނީ ފަހަރެއްގައިވެސް އިބާ ބިރުގަންނަވާކަށް ނޫން އަދި ރުޅިއަރުވާކަށްވެސް ނޫން... އެކަމަކު އިބާ އަނދިރީގައި ބަހައްޓަން އަހަންނަށް އުނދަގޫވީމަ.... އަހަރެން ގެ...."

އިބާ އަނެއްކާވެސް ހިގައިގަތުމާއެކު ނަވީން ވާހަކަ މެދު ކަނޑާލިއެވެ. އެއަށްފަހު އޭނާ ރެއިލިންގެ ދަގަނޑުގައި ޖެހިލިއެވެ.

އިބާ އެ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ސޯފާގައި ޖައްސާލިއެވެ. އޭރު މާހިރާ އެނދުގައި އޮތެވެ. އޭނާ މާހިރާއަށް ބަލާލިއެވެ. ނަވީންގެ ހިތުގައި ހިނގާނެ އިޙްސާސްތަކަށް ވިސްނައިލެވުނީ ދެނެވެ. އޭނާ ބޮލުގައި ހިފައްޓާލިއެވެ. އެގޮތުން ނަވީންގެ މަގާމުގައި އެނާ ހުރިނަމަ ކަންތައް ކުރާނީ ކިހިނެތްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. އެހެން އެތައް އިރަކު އިބާ އިނެވެ.

އެހެން އިނދެފައި އިބާ ކުއްލިއަކަށް ތެދުވިއެވެ. ބެލްކަންޏަށް ނުކުތް އިރު ނަވީން މަޑުކޮށްލައިގެން ހުއްޓެވެ. ނަވީންގެ ނަޒަރު ހުރީ ދުރަށް ހުއޓިފައެވެ. އިބާ މަޑުމަޑުން ނަވީން އާއި ކައިރިވީފަހުން ނަވީން ބަލާލިއެވެ. އެއާއެކު އިބާ ތުންފަތުގައ ދަތް އަޅާލިއެވެ.

"ސޮރީ" މާފަށް އެދުމާއެކު ނަވީން އިބާއަށް ބަލާލިއެވެ.

"ކޮންކަމަކާ؟" ނަވީން މަޑުމައިތިރި ކަމާއެކު ސުވާލުކޮށްލިއެވެ.

"އަހަރެންނަށް ދެންމެ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން... ނަވީން އެހެން ކަންތައް ކުރާނެ ސަބަބެއް އޮންނާނެ ކަމަށް ގަބޫލުކުރާތީ މާފަށް އެދުނީ" އިބާ ބުނެލިއެވެ.

"ތެންކިއު އިބާ..." ނަވީން ޝުކުރު އަދާކުރިއެވެ.

ނަވީން އިބާގެ އަތުގައި އަތް ޖައްސާލިއެވެ. އަދިވެސް އެއްފަހަރު ޝުކުރު އަދާކޮށްފައި އޭނާވެސް ހިނގައިގަތީ އެތެރެއަށެވެ.

*****

ޔާސިރުގެ ލޮލާ ނިދި މިރޭވެސް ވަނީ ރުޅިވެފައެވެ. ނިދަން އުޅި އުޅި އެއްގޮތަކަށްވެސް ނިދޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ތެދުވެގެން ޓެރެސް މައްޗަށް އެރީ އެތަނުގައި ފަހަރެއްގައިވެސް ނަވީން ހުންނާނޭ ކަމަކަށް ނޫނެވެ.

ޓެރެސްމައްޗަށް އަރާފައި ޔާސިރު ރެއިލިން ކައިރިއަށް ޖެހިލިއެވެ. ނިދަންލާ އެއްޗެހީގައި ނަވީން ހުރިތަން ފެނުމުން އޭނާއަށް ބުމަވެސް ހިއްލާލެވުނެވެ.

"ނަވީން މިތާ ކީކުރަނީ؟" ފަހަތުން އިވުނު ޔާސިރުގެ އަޑާއެކު ނަވީން ފަހަތަށް އެނބުރި ބަލާލިއެވެ. ޔާސިރުގެ އެ ސުވާލަށް މާބޮޑު ޖަވާބެއް ނުދީ ނަވީން ބުނީ އޭނަ ނިދި ނައިސްގެން މަޑުކޮށްލައިގެން ހުރީ ކަމުގައެވެ.

ބޮލުގެ އިސްތަށިގަނޑުތެ ތެރެއަށް އަތް މަހާލި ޔާސިރުއަށް ބަލަން ހުރެފައި ލައިގެން ހުރި ސޯޓުގެ ޖީބަށް އަތް ޖަހާލާފައި ނަވީން ވަހަކަދެއްކިއެވެ.

"ބައްޕާ.... ވާހަކައެއް އަހާލަންތަ؟" ނަވީން ސުވާލުކޮށްލިއެވެ. އެއާއެކު ޔާސިރު ކުރިއަށް ގެންދާށޭ ބުނެލިއެވެ.

"މަންމަ... މަންމައާ އެއްވެސް މީހެއް ދުޝްމަނުކަމެއް އޮތީތަ މަންމަ އެހާ އަނިޔާވެރި ގޮތަކަށް މަރާލީ..." ނަވީން ގެ ސުވާލާއެކު ޔާސިރުއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ ނަވީންއަށް ސުވާލުގެ ނަޒަރަކުން ބަލަން ހުރުމުން ނަވީން ދެވަނަ ފަހަރަށްވެސް ވާހަކަދެއްކިއެވެ.

"މި ބުނީ ބައްޕައަށް އެނގިލައްވައިގެންވިޔަސް މަންމައާ އެއްވެސް މީހަކާ ދެބަސްވުމެއް ހިނގިހެއްޔޭ؟" ނަވީން ފުންނޭވާއެއްދޫކޮށްލިއެވެ.

"ނަވީން... އަދިވެސް މަންމަގެ ހިޔާލުގަ ދޯ ނިދިނައިސްގެން ތިއުޅެނީ... ބައްޕައަށް އެނގިގެނެއްނުހިނގާ. އެންމެނަށްވެސް ލިބުނީ ޝޮކެއް..." ޔާސިރު ބުނެލިއެވެ. ނަވީން ޔާސިރުއަށް ބަލަން ހުރީ އޭނާ ކަމެއް ހޯދަން ބޭނުންވެފައިވާ ފަދައަކުންނެވެ. ޔާސިރު ވާހަކަދެއްކިއިރު އެ މޫނުމައްޗަށް އެރި ކުލަވަރު އޭނާ ގާތުން ދިރާސާކުރިއެވެ.

"ހަމަ މަންމަ މަތިން ހަނދާންވަނީ... ހިތަށް އަރަނީ މަންމަ ދުނިޔޭގަ ހުރިނަމަ ހާދަ ރަނގަޅުވާނޭ...."

"ނަވީން. ނަވީން ގާތު ކިތައް ފަހަރުތަ ބުނަންވީ މަންމައެއް މިހާރު ދުނިޔޭގަ ނެތޭ... މަންމައަށް ޓަކާ ހެޔޮ ދުޢާ ކޮށްދޭށޭ!" ޔާސިރު ގާތަށް ރުޅި އަންނަ ގޮތް ވިއެވެ.

"ބައްޕާ... ކުށް ކުރި މީހުންވެސް ހެކި ނެތޭ ކިޔާފަ ދޫކޮށްލުމުން މަންމައަށް އިންސާފެއް ނުލިބޭނެ. އަލުން ތަހުގީގު ހިންގެން ޖެހޭނެ"

"ނަވީން.. ތަހުގީގެއް ދެން ނުހިންގޭނެ. ތި ދައްކަނީ މީގެ ސައްބީސް އަހަރު ކުރީގެ ވާހަކައެކޭ.... މިހާރު ކިހިނެތް އަލުން އެ މައްސަލަ ބަލާނީ" ޔާސިރު ކުރިއަށް ވުރެ ބާރަށް ވާހަކަދެއްކިއެވެ. އެއާއެކު ނަވީން ދަތްތަކަށް ބާރުކޮށްލަމުން ދެލޯ މަރާލިއެވެ. ހީވަނީ އެތެރެހަށީގައި އަނދައިގަތް އަލިފާންގަނޑު މައިތިރި ކުރަން އުޅުނު ހެންނެވެ.

"ދެން ދޭ ނިދަން... މާ ގިނައިން އެކަމާ ވިސްނާނެ ކަމެއްނެތް" ޔާސިރު ބުނުމާއެކު ނަވީންވެސް ދެކޮޅު ހެދުމެއްނެތި ދިޔައީއެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ދޮރުގައި ލެނގިލައިގެން ހުރުމަށްފަހު ނަވީން ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ޔާސިރު ގެ ވާހަކަ ހުރިގޮތުން ރުޅިގަނޑު ހިފައްޓާލެވުނީ ކިރިއާއެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ފަންސާސް އަހަރު ކީކުރަން ސަތޭކަ އަހަރު ވިނަމަވެސް މަންމައަށް އިންސާފުލިބެންޖެހޭނެއެވެ.

*****

އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް އިބާގެ ވިސްނުމުގައި ވަނީ ކޮންފަދަ ހިޔާލުތަކެއްކަމެއް ނޭނގެއެވެ. ބައެއްފަހަރު އެނދުން ތެދުވެ ވިސްނުމަކަށް ގެއްލިފައި އިނދެދާނެއެވެ. އަނެއްބައިފަހަރު ބާލީހަކުން މޫނު ފޮރުވައިގެން އުއްޑުން އޮށޯވެގެން އޮވެފާނެއެވެ. ގަޑީގެ ކައްޓަށް ބަލަން އޮވެފައި ބޮލުގެ އިސްތަށިގަނޑަށް ދަމައިގެންފާނެއެވެ.

ވިސްނުމާ ގުޅިގެން ދިޔައީ ކުރިން ރޭ އިބާއާ ދިމާކުރި ޒުވާނާއެވެ. އެ ޒުވާނާގެ ސޫރަ ސިފަވާ ކޮންމެ ފަހަރަކު އިބާއަށް ދެފަރާތަށް ބޯ ހޫރާލެވެއެވެ. ހީވަނީ ދެންމެ ދެންމެ އިބާ ހުރި ތަނަށް އެމީހާ އަތުވެދާނެހެންނެވެ. އެނދުގައި އޮށޯވެ ހަމަޖެހިލުމަށްފަހު އިބާ ދެލޯ މަރާލާ ނިދަން މަސައްކަތް ކުރިއެވެ.

*****

މަޑުމަޑުން ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށިއެވެ. ބިރުން އޮތް އިބާ ދެފަރާތަށް ކަޅި ހިންގާލިއެވެ. ކޮޓަރިތެރޭގައި ވަނީ ކަނުއަނދިރިކަމެވެ. މަޑުމަޑުން ފިޔަވަޅުގެ އަޑު ކައިރިވަމުން އާދެއެވެ. އިބާގެ ނޭވާގެ އަޑު ފިޔަވާ އެހެން އަޑެއް އެ ކޮޓަރިއަކު ނުވެއެވެ. ހިތް ތެޅޭލެއް ބާރުކަމުން ހީވަނީ ދެންމެ ދެންމެ ބޭރަށް ފުންމާލަފާނޭ ހެންނެވެ. ދެން އިވުނީ ކޮޓަރީގެ ދޮރު ބާރަށް ހުޅުވާލިއަޑެވެ. ތުމުން ފުމެމުން އެ އައި މީހަކު އިބާގެ އެނދާ ދާދި ގާތަށް ހުއްޓުނުކަން އެނގުނެވެ. އިބާ ދެލޯ މަރާ ބާރުކޮށްލިއެވެ. އެމީހަކު އިބާގެ ކަންފަތް ދޮށަށް ގުދުވެފައި ވާހަކަދެއްކިއެވެ.

"ކޮބާ ހީވޭ ކަމެއްހެން... އަހަރެން ކަލޭ ހޯދައިފީމެއްނު. ދެންވެސް މަށައް ފިލަން ނޫޅެއްޗޭ... ތިހާ ލޯބި ޕަރީއެއް އެހާ ފަސޭހައިން ދޫކޮށްލާނީ ކިހިނެތްތަ؟" އެމީހާގެ އަޑު އިބާގެ ކަންފަތުގައި ގުގުމާލިއެވެ. އެއާއެކު އިބާ އިތުރަށް ދެލޯ މަރާ ތަގުޅިކޮށްލިއެވެ. އިބާގެ ދެކޮނޑުގައި ހިފާ އެމީހަކު ތަޅުވައިގަތެވެ. ދެލޯ ހުޅުވާލަން އިބާއަށް މަޖުބޫރުވީ ތަދުވީތީއެވެ. މަޑުމަޑުން ދެލޯ ހުޅޫވާލުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އޭނާގެ ދެއަތް ދެފަރާތުން ގައިދުކޮށްލައިގެން މޫނާ ދިމާ ގުދުވެ އޮތް ޒުވާނާއެވެ.

(ނުނިމޭ...)

https://sun.mv/123014

comment ކޮމެންޓް