ދިހަ އަހަރަށް ފަހު ލީގުގެ ފުރަތަމަ މެޗުން ބާސާ ބަލިވެއްޖެ

ބާސެލޯނާއާއި އެތުލެޓިކޯ ބިލްބާއޯ ރޭ ސްޕެނިޝް ލީގުގައި ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-1 އިން ކާމިޔާބު ކުރީ ބިލްބާއޯ --- ފޮޓޯ// ޖޯ ރައިޓް

ސީޒަން ބްރޭކަށް ފަހު ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި، އެތުލެޓިކޯ ބިލްބާއޯއިން މިދިޔަ ސީޒަންގެ ޗެމްޕިއަން ބާސެލޯނާ ބަލިކޮށް އެ ޓީމުން ގިނަ އަހަރުތަކެއް ވަންދެން ދަމަހައްޓަމުން އައި ރެކޯޑަށް ވެސް ނިމުން ގެނެސްފި އެވެ.

ދިހަ އަހަރު ވަންދެން ބާސެލޯނާ އިން ދަމަހައްޓަމުން އައި ލީގުގެ ފުރަތަމަ މެޗުން މޮޅުވުމުގެ ރެކޯޑް ރޭ ނިމުމަކަށް އައި އިރު އެތުލެޓިކޯ އަތުން އެ ޓީމު ބަލިވެފައި ވަނީ 0-1ގެ ނަތީޖާއަކުންނެވެ. އައު ސީޒަނަށް ބޮޑެތި ޙަރަދުތަކަކާއި ގިނަ ތައްޔާރީތަކެއް ބާސާއިން ވީ ނަމަވެސް ރޭގެ މެޗުގައި އެ ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.

ބާސެލޯނާއާއި އެތުލެޓިކޯ ބިލްބާއޯ ރޭ ސްޕެނިޝް ލީގުގައި ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-1 އިން ކާމިޔާބު ކުރީ ބިލްބާއޯ --- ފޮޓޯ// ޖޯ ރައިޓް

ޓީމަށް އަލަށް ގުޅުނު ދެ ކުޅުންތެރިން ކަމަށްވާ އެންޓޮއިން ގްރީޒްމަނާއި ފްރެންކީ ޑެ ޔޮންގް ހިމަނައިގެން ރޭ ކުޅުނު އެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބާސެލޯނާ ކުޅުނު ނަމަވެސް އެ ޓީމަށް އުފެއްދުނީ ނިސްބަތުން މަދު ހަމަލާތަކެކެވެ. އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ކުޅެފައި ނުވާ އިރު މެދުތެރެ ބަލަހައްޓަމުން އަންނަ ސާޖިއޯ ބުސްކެޓު ވެސް ރޭގެ މެޗުގައި ކުޅެފައެއް ނުވެ އެވެ.

މީގެ އިތުރުން އެ ޓީމުގެ ސްޓްރައިކަރު ލުއިސް ސުއަރޭޒްއަށް ވަނީ މެޗުގެ ކުރީ ކޮޅު އަނިޔާވެ ބަދަލު ކުރާން ޖެހިފަ އެވެ. އޭނަގެ ބަދަލުގައި ކުޅެން ނުކުތް ރަފީނިއާ އެލަކަންޓްރާ ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ އެ މެޗުގައި އެތުލެޓިކޯ ބިލްބާއޯގެ ގޯލަށް ނުރައްކާތެރި ބޯޅަތެކެއް ފޮނުވާލައި ހުރަސް ދަނޑީގައި ވެސް ޖަހައިފަ އެވެ.

ޖުމްލަ ގޮތެއްގައި ދެ ޓީމަށް ވެސް މަދު ހަމަލާތަކެއް މެޗުގައި އުފެއްދުނު އިރު މެޗުގެ ތަފާތަކަށް ވެގެން ދިޔައީ ފަހު ވަގުތު ކުޅެން ނުކުތް އުމުރުން 38 އަހަރުގެ އަރިތްޒް އަދޫރިޒް އެވެ. އޭނާ ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނަޓަށް ވެފައި ވަނިކޮށް ކުޅެން އެރިގޮތަށް ހިތްގައިމު ގޯލެއް ޖަހައިދީފަ އެވެ.

ބާސެލޯނާއާއި އެތުލެޓިކޯ ބިލްބާއޯ ރޭ ސްޕެނިޝް ލީގުގައި ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-1 އިން ކާމިޔާބު ކުރީ ބިލްބާއޯ --- ފޮޓޯ// ޖޯ ރައިޓް

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާއަށް އަލަށް ގުޅުނު ގްރީޒްމަން ބުނީ މި ހިސާބުން އަދި ނިންމާ ނުލާނެ ކަމަށާއި ސީޒަންގެ ބޮޑު ބައި އަދިވެސް އޮތީ ކަމަށެވެ.

"އަދި ވަގުތު އެބައޮތް، ކުރިއަށް އޮތްތާ ޓީމު އެބަޖެހޭ ވަރަށް ބޮޑުތަން ރަނގަޅު ކުރަން. މި މެޗުގައި ވެސް ކުޅުން ގޯހެއް ނޫން. ފަހު ޕާހާއި ނިންމުންތަކުގައި މައްސަލަ އުޅެނީ. އެތަންކޮޅުތައް ރަނގަޅު ކޮށްލީމަ ފުރިހަމަ ވާނެ." ގްރީޒްމަން ބުންޏެވެ.

comment ކޮމެންޓް