ދިއްދޫގައި އަނެއްކާ ވެސް ފުޓުބޯޅަ މެޗެއް ހޫނުވެ، ތަކެއްޗަށް ގެއްލުން ދީފި

ދިއްދޫގައި މިއަދު ކުޅުނު ފުޓުބޯޅަ މެޗުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން --

ހއ. ދިއްދޫގައި މިއަދު ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ފައިނަލް މެޗުގައި ބޮޑު ހަމަނުޖެހުމެއް ހިނގައި، ދަނޑުގެ ބައެއް ތަކެއްޗަށާއި ރެފްރީއަށް ގެންލުން ދީފި އެވެ.

އެ ހަމަނުޖެހުން ހިނގާފައި ވަނީ، މިފަހަރުގެ ބޮޑު އީދާއި ދިމާކޮށް އެރަށުގައި ކުރިޔަށްދިޔަ ފުޓުބޯޅަ މުބާރާތެއްގެ ފައިނަލުގައި އެ ރަށަށް ނިސްބަތްވާ ދެ ޓީމް ކަމަށްވާ 'ޓީނޭޖް' އާއި 'ހީވެސްނުވޭ' ކުޅުނު މެޗުގަ އެވެ. އެ ހަމަނުޖެހުންތަކުގެ ތެރެއިން ދަނޑުގައި ބޭނުންކުރި ބައެއް ތަކެއްޗަށް ގެއްލުންދީފައިވާއިރު، މެޗުގައި އިންސާފު ކުރި ރެފްރީއަށްވެސް ވަނީ ކޮންމެސް ވަރެއްގެ އަނިޔާތަކެއް ދީފަ އެވެ.

މިއަދުގެ އެ ހަމަނުޖެހުން ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރު ވަމުންނެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި މިއަދުގެ އެ މެޗު ހަމަނުޖެހުމަކަށް ބަދަލުވީ، ޓީމް 'ޓީނޭޖް'ގެ ކެޕްޓަން އަށް ދެ ރީނދޫ ކާޑު ހަމަވެގެން ރަތްކާޑެއް ދެއްކި ހިސާބުންނެވެ. އެއީ އިންސާފުން ބޭރުން ދެއްކި ކާޑެއް ކަމަށް ދައުވާކޮށް އޭނާ ފުރަތަމައިން ދިޔަ ގޮތަށް ދިޔައީ ރެފްރީއާ ދިމާލަށެވެ. އަދި އެތަންވަޅުގައި ރެފްރީއަށް އޭނާ ހަމަލާ ދޭން މަސައްކަތް ކުރުމުން އެ ޓީމަށް ނިސްބަތްވާ އިތުރު ކުޅުންތެރިއަކު ވަނީ އޭނާ ގަދަކަމުން ދަނޑުން ބާލުވާން މަސައްކަތް ކޮށްފަ އެވެ.

އެއާއެކު އޭނާ ވަނީ ދަނޑުން ނިކުތް ގޮތަށް އޮފިޝަލުންގެ މޭޒު ނަގައި ވައްޓާލާފަ އެވެ. އެވަގުތު އެ ޓީމުގެ އިތުރު ކުޅުންތެރިންތަކެއް ވަނީ ރެފްރީ ވަށާލައި ހަމަލާ ދޭން ވެސް މަސައްކަތް ކޮށްފަ އެވެ. އެތަނުން އެއް ކުޅުންތެރިއަކަށް ރެފްރީ ވަނީ ރަތްކާޑު ވެސް ދައްކާފައެވެ.

މިއަދުގެ އެ ހަމަނުޖެހުން ހިނގާފައިވަނީ މެޗުގެ ދެވަނަ ހާފްގެ ތެރެއިންނެވެ. އޭރު ދެ ހާފުގައި ދެ ލަނޑު ކާމިޔާބު ކޮށްގެން ޓީމް 'ހީވެސްނުވޭ' އޮތީ ކުރީގައެވެ. އަދި ހަމަނުޖެހުމަށްފަހު ޓީނޭޖް ޓީމުގެ ކުޅުންތެރިން ވަނީ މެޗު އިތުރަށް ކުޅެން ބޭނުން ނުވާ ކަމަށް ބުނެ ދަނޑުން ފައިބާފަ އެވެ.

މި ހާދިސާ ހިނގުމާއެކު ދިއްދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. ޕޮލިހުން ބުނީ މިއަދުގެ އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މިދިޔަ ކުޑަ އީދުގައި ވެސް ދިއްދޫގައި ބޭއްވި ފުޓްސަލް މެޗެއް ހޫނުވެ، އެރަށުގެ ފުޓްސަލް ޓާފަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެ މައްސަލައާ ގުޅިގެން ބައެއް މީހުންނަށް މިހާރު ވަނީ ދައުވާކޮށްފަ އެވެ.

comment ކޮމެންޓް