ހުކުރަށް ފަހު ފިރިހެން ވެރިން ދަނީ ޖޫސްޕެޓީ ބޯން!

ހުކުރު ނިންމާފައި މާލޭ އިރުމަތީ ފަރާތު ބްރިޖް ޕްލެޓްފޯމުގައި ޖޫސްޕެޓީ ބޮނީ.

އާދައިގެ މަތިން މިއަދު ވެސް ހުކުރަށް ދެވުނީ ތަންކޮޅެއް ލަހުންނެވެ. އެހެންވެ، މިއަދުވެސް ހުންނަން ޖެހުނީ މިސްކިތުން ބޭރުގައި ހަދާފައި އޮތް ސަފެއްގަ އެވެ. އަވީގައި ހުރެ ނަމާދުކޮށް ނިންމާލި އިރު މީހާ ހުރީ ދާ ހިއްލާ ފޯ ވެފަ އެވެ. ނުކުތީ ފިނިކޮށްލަން ބޭރު މަގަށެވެ. މާލޭ އިރުމަތީ ފަރާތު ބްރިޖް ޕްލެޓްފޯމާ އަރައި ހަމަވި ތަނާހެން ނަޒަރު ހުއްޓުނީ އެ ސަރަހައްދުގައި ހުރި، ފިހާރައެއްގެ ބުޑަށް މީހުން ޖަމާވެފައި އޮތް މަންޒަރު ފެނިފަ އެވެ. ފުރަތަމަ ހީކުރީ ގޭގައި ނުކައްކާތީ ކާ އެއްޗެއް ގަންނަން ކިޔު ހަދާލީ ކަމަށެވެ. މިވެގެން އުޅޭ ގޮތެއް ސާފުކޮށްލިއުރު މިތަނަށް މީހުން އެއްވެފައި އޮތީ ޖޫސްޕެޓީ ގަންނާށެވެ.

ހުކުރު ނަމާދު ނިންމާލުމަށްފަހު ގޮސް ފިނި ކޮށްލުމަށްޓަކައި މިއުޅޭ ފިރިހެނުން މިހާރަކަށް އައިސް ކޮށް އުޅޭ ކަމަކީ މިއީ އެވެ. ގެއަށް ދިއުމުގެ ކުރިން ކިއު ހަދާލާފައި ތިބެގެން ވެސް ޖޫސްޕެޓީއެއް ބޮއެ ނުލައި ހިތްހަމަ ނުޖެހެނީ އެވެ. މިއަދު ވެސް ހުކުރުން ފައިބައިގެން ގޮސް ބްރިޖް ވިއު ޕްލެޓްފޯމް ކައިރީ، ޖޫސްޕެޓީ ގަންނަން ގޮސް ތިބި ފިރިހެނުން ވަކި މަދެއް ނޫނެވެ.

ހުކުރު ނިންމާފައި މާލޭ އިރުމަތީ ފަރާތު ބްރިޖް ޕްލެޓްފޯމު ކުރި މަތީ ހުރި ފިހާރައަކުން ޖޫސްޕެޓީ ގަންނަން ކިއު ހަދާފައި.

މިއީ ގޭގައި މީރު ކެއުން ހަދައިގެން ސުފުރާމަތި ތައްޔާރުކޮށްގެން ފިރިމީހާގެ އިންތިޒާރުގައި ތިބޭ އަނބިންނަށް އަދި ނޭންގޭ ކަމަކަށް ވެސް ވެދާނެ އެވެ. ނަމަވެސް މިހާރަކަށް އައިސް މި ފިރިހެނުން ހުކުރު ނިންމާފައި އެމީހުންގެ ރަހްމަތްތެރިންނާ ބައްދަލު ކޮށްލައި ސައްލާ ކޮށްލަނީ އަނގައިގައި ޖޫސްޕެޓީއެއް ޖަހައިގެން ތިބެ އެވެ.

"ހޫނު ކަމުން ގެއަށް ދިއުމުގެ ކުރިން ފިނި ކޮށްލަން ބޯ ބުއިމެއް މިއީ. ކޮންމެ ހުކުރެއް ނިންމާފައި ވެސް މިތަނަށް އަންނަން،" މާލޭ އިރުމަތި ފަރާތުގައި ހުރި ފިހާރައަކުން ޖޫސްޕެޓީ ގަންނަން ގޮސް ހުރި މީހަކު ބުންޏެވެ.

ބައެއް މީހުން ކޮތަޅު ކޮތަޅުގެ ޖޫސްޕެޓީ ހިފައިގެން ދާތަން ވެސް ފެނުނެވެ. އަނެއް ބަޔަކު ގުރޫޕް ހަދާލައިފައި ގޮސް އެންމެން އެކީ އެކައްޗަކަށް، ވާދައަށް ކަހަލަ ގޮތަކަށް ޖޫސްޕެޓީ ބޮއެ ހުސްކޮށްލަނީ އެވެ.

ހުކުރު ނިންމާފައި މާލޭ އިރުމަތީ ފަރާތު ބްރިޖް ޕްލެޓްފޯމުގައި ޖޫސްޕެޓީ ބޮނީ.

ކުދި ކުދި ކޮތަޅު ތަކުގައި އެކި ކުލަ ކުލައިގައި ބަންދުކޮށްފައި ހުންނަ ޖޫސްޕެޓީ ބޯން ގިނަ ބަޔަކު ތިބިތަން ފެނިފައި ހަނދާން އާ ވަނީ ކުޑަ އިރުގެ ހަނދާންތަކެވެ. ހުކުރު ނިންމާފައި ޖުސްޕެޓީ ބުއިން އާދަޔަކަށް ހަދާފައިވާ ގިނަ މީހުން ވެސް ބުނަނީ މިހެން އެވެ.

"ޖޫސްޕެޓީ އަކީ އަހަރަމެން ޅަ އިރު ވަރަށް ގިނައިން ބޮއެ އުޅުނު އެއްޗެއް. ކުލާސް ނިންމާލާފައި ގެއަށް ދަމުން އޭރު ކުރާ ކަމަކީ ޖޫސްޕެޓީ ބުއިން." އެ ސަރަހައްދުގައި ޖޫސްޕެޓީ ބޮމުން ދިޔަ މީހަކު ބުންޏެވެ.

ހުކުރު ނިންމާފައި މާލޭ އިރުމަތީ ފަރާތު ބްރިޖް ޕްލެޓްފޯމު ކައިރީގައި ޖޫސްޕެޓީ ބޮނީ.

ރާއްޖެ އަކީ ހޫނު ގައުމަކަށް ވެފައި މެންދުރު ގަޑި އަކީ އަދި ވަކިން ހޫނުކަން ގަދަވާ ވަގުތެއް ކަމުން މި ފަދަ ކަންކަމަކީ އަބަދު ވެސް ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ.

މާލޭ އިރުމަތި ފަރާތު އަތިރި މަތީގައި ހުންނަ ދެތިން ފިހާރަ އަކުން ޖޫސްޕެޓީ ވިއްކަ އެވެ.

އޭގެން ފިހާރަ އަކުން ޖޫސްޕެޓީއެއް ފަސް ރުފިޔާއަށް ވިއްކާ އިރު ފިހާރައެއްގެ ސޭޓު ބުނީ ކޮންމެ ހުކުރު ދުވަހަކަށް ވެސް ހާއްސަ ކޮށްގެން ޖޫސްޕެޓީ ހަދައިގެން އެ ފިހާރަތަކަށް ގެންނަ ކަމަށެވެ. އަދި ގެންނަ ހުރިހާ ޕެޓީއެއް ވެސް އިރަކޮޅެއް ތެރޭ ވިކި ހުސްވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އާއްމު ގޮތެއްގައި 50 އަކަށް ޖޫސްޕެޓީ ގެންނަން ހުކުރު ނިމޭ ގަޑިއަށް. ވަރަށް އަވަހަށް ހުސްވާނެ." ޖޫސްޕެޓީ ވިއްކާ ފިހާރައެއްގެ ސޭޓު ބުންޏެވެ.

comment ކޮމެންޓް