ކޯޓުން އަމުރުކުރުމުން އިނގިރޭސިވިލާތުން އީރާނުގެ ތެޔޮ ޓޭންކަރު ދޫކޮށްލައިފި

އިނގިރޭސިވިލާތުން ހިފަހެއްޓި އިރާނުގެ ތެޔޮ ޓޭންކަރު--- ފޮޓޯ: ރޮއިޓާސް

ޖިބްރޯލްޓާ ކައިރިން އިނގިރޭސިވިލާތުން ހިފަހެއްޓި އިރާންގެ ތެޔޮ ޓޭންކަރު އެންމެ ފަހުން ދޫކޮށްލައިފި އެވެ.

"ގްރޭސް 1" ގެ ނަމުން ނަން ދީފައިވާ އެ ޓޭންކަރު ދޫކޮށްލުމަށް ޖިބްރޯލްޓާގެ ސުޕްރީން ކޯޓުން އަމުރުކުރީ އިއްޔެ އެވެ.

ސީރިއާއަށް ތެޔޮ ފޯރުކޮށްދޭ ކަމަށްބުނެ އެ ތެޔޮ ޓޭންކަރު ޖިބްރޯލްޓާއިން ހިފަހެއްޓީ މިދިޔަ މަހު އެވެ. ޔޫރިޕިއަން ޔޫނިއަންއިން މީގެ ކުރިން ވަނީ ސީރިއާއަށް ތެޔޮ ފޯރުކޮށްދިނުން މަނާކޮށްފަ އެވެ.

ޖިބްރޯލްޓާއިން ބުނީ އެ ތެޔޮ ޓޭންކަރު ދޫކޮށްލަން ނިންމީ އިރާނުން އެ ޓޭންކަރު ސީރިއާއަށް ނުދާނެކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.

ތެޔޮ ޓޭންކަރުގެ މައްސަލައިގައި އީރާނުންވެސް ރައްދުގައި ވަނީ އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓައިފަ އެވެ.

ޖިބްރޯލްޓާއިން އެ ޓޭންކަރު ދޫކޮށްލަން ނިންމިއިރު އެމެރިކާއިން ދިޔައީ އެކަން ނުކުރުމަށް ވަރަށް ބޮޑަށް ފިއްތަމުން އެވެ.

އީރާނުން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހާމިދު ބެއިދެނީޖާދު ވިދާޅުވީ އީރާންގެ ތެޔޮ ޓޭންކަރު ޖިބްރޯލްޓާގެ ބަނދަރުން ވަރަށް އަވަހަށް ފުރާނެ ކަމަށެވެ.

އިރާން އާއި އެމެރިކާގެ މައްސަލަ ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެމެރިކާއިން ދާދި ފަހުން ވަނީ އެއްވެސް ގައުމަކުން އީރާނުން ތެޔޮ ގަތުންވެސް މަނާކޮށްފަ އެވެ. އަދި އެ ގައުމުތަކުން ތެޔޮ ގަންނަނަމަ ތެޔޮ ގަތުމުގައި ޝާމިލްވާ ކުންފުނިތަކާއި ބޭންކްތައް ބުލެކްލިސްޓު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އީރާނުގެ ތެޔޮ މިހާރު ގަންނަމުންދަނީ ހަމައެކަނި ޗައިނާއިންނެވެ.

comment ކޮމެންޓް