ޑޮކްޓަރަށް ދެއްކުމަށް އަދީބު މާލެ ގެނެސްފި

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އައިޖީއެމްއެޗުގައި --- ސަން ފައިލް ފޮޓޯ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ގަފޫރު ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސްފި އެވެ.

އަދީބު އަޖީއެމްއެޗް ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސްފައިވާ ކަން ކަރެކްޝަންސް އިން ވަނީ "ސަން" އަށް ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް މި ނޫން އިތުރު ތަފްސީލެއް ކަރެކްޝަންސް އިން ނުދެއްވައެވެ.

އަދީބުގެ އަންހެނުން މަރިޔަމް ނަޝްވާ މިރޭ "ސަން" އަށް ވިދާޅުވީ، އަދީބު ހޮސްޕިޓަލަށް ގެނެވުނީ މިރޭ 9:30 އެހާކަށް ހާއިރު ކަމަށެވެ.

ނަޝްވާ ވިދާޅުވީ، އަދީބަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށެވެ. އިތުރު ތަފްސީލެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ނަޝްވާ ވިދާޅުވިއެވެ.

ޖަލު ބަންދެއްގައި ހުންނެވި އަދީބު މިރޭ ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެވުނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނޫނެވެ. ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އަދީބުގެ ނިތްކުރީގައި ވަނީ ގޮނބިލައިފައެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ވަނީ، ދައުލަތުން އިސްތިއުނާފުކޮށްފައިވާ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސްއަށް ދިނުމުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ދިން އަށް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި ޝަރީއަތުން ވަކިގޮތެއް ނިމެންދެން އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުން ބަލަނީ އެ މައްސަލާގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައި އަދީބުގެ ބައި ހައިކޯޓުން ބާތިލް ކުރި މައްސަލައެވެ.

ދައުލަތުން އެފަދަ އަމުރަކަށް އެދުނީ ދާދިފަހުން އަދީބު ޓަގް ބޯޓެއްގައި ރާއްޖެއިން ފިލާފައިވާތީ އާއި އަދިވެސް އޭނާ ފިލުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެއެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މައްސަލާގައި ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ އެ ކޯޓުން ވަކިގޮތެއް އަންގަންދެން ރިމާންޑް ޖަލެއްގައި އަދީބު ބަންދުކޮށްފައި ބެހެއްޓުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށެވެ.

comment ކޮމެންޓް