އާ ސީ ޕްލޭން ޓާމިނަލްގެ 73 ޕަސެންޓް މަސައްކަތް ނިމެއްޖެ

އާ ސީ ޕްލޭން ޓާމިނަލް--- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީ ކުރަމުން އަންނަ އާ ސީ ޕްލޭން ޓާމިނަލްގެ 73 ޕަސެންޓް މަސައްކަތް ނިންމާލައިފި އެވެ.

އެއާޕޯޓްސް ކުންފުނި (އެމްއޭސީއެލް) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ނިމި މިހާރު ކުރަމުންދަނީ އިމާރާތުގެ ކަރަންޓް ވަޔަރުކުރުމާއި، ފިޔުލް ޕައިޕްލައިންތައް ހަރުކުރުމުގެ އިތުރުން އިންޓީރިއާ ފިނިޝިންގެ މަސައްކަތް އަދި އިމާރާތުގެ ބޭރުން ފަސާޑުޖެހުމުގެ މަސައްކަތްކަމަށެވެ.

އާ ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ކުރިއަށް ގެންދަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 40 މިލިއަން ޑޮލަރަށެވެ.

އެ މަޝްރޫއުގެ ދަށުން 32،000 އަކަމީޓަރު ވަނީ ހިއްކާފަ އެވެ. އެގޮތުން އާ ޓާމިނަލް ހެދުމަށް 18،000 އަކަމީޓަރުގެ ބިމާއި ސީ ޕްލޭންގެ ހެނގަރު ހެދުމަށް 14،000 އަކަމީޓަރު ވަނީ ހާއްސަކޮށްފަ އެވެ.

އެ މަޝްރޫއުގެ ދަށުން ސީޕްލޭންގެ ޑޮކިން އާއި އެ ސަރަހައްދުގެ މަގުތައް ހެދުމާއި ޓާމިނަލް ބިލްޑިން އަދި ހެނގަރު ވެސް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް