ބާ ކައުންސިލްގެ ބަޖެޓު ތައްޔާރުކުރުމަށް ހިޔާލު ހޯދަނީ

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގާނޫނީ ވަކީލުގެ އެންމެހާ ކަަންތައްތައް ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ ބާ ކައުންސިލްގެ އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމަށް އެ ކައުންސިލްގެ މެމްބަރުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

ބާ ކައުންސިލްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ކައުންސިލްއިން އަންނަ އަހަރު ބާއްވަން ބޭނުންވާ ޕްރޮގްރާމްތަކާއި އަދި ހަރަކާތްތެއް އޮތް ނަމަ އެކަން ހުށަހެޅުއްވުމަށެެވެ.

އެ ހިޔާލުތައް އޮންލައިންކޮށް ފޯމެއް ފުރައިގެންވެސް ހުށަހެޅޭގޮތަށްވެސް ވަނީ ހަދައިފައެވެ.

ބާ ކައުންސިލްއިން ބުނީ އެ ހިޔާލުތައް މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ބާ ކައުންސިލްއިން ދާދި ފަހުން ވަނީ އެ ކައުންސިލްއަށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދަންވެސް އިއުލާންކޮށްފައެވެ.

ބާ ކައުންސިލް އުފެއްދީ މިދިޔަ މަހުއެވެ. އެ ކައުންސިލްގެ ހިންގާ ކޮމެޓީގައި ހަ މެމްބަރުން ވަނީ އިންތިހާބްކޮށްފައެވެ. އެ ކައުންސިލްގެ ރައީސް އަކީ ގާނޫނީ ވަކީލް މައުމޫން ހަމީދެވެ. އަދި ނާއިބު ރައީސްއަކީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒުއެވެ.

ބާ ކައުންސިލުގެ ހިނގާ ކޮމިޓީއަށް ގިނަ ބާރުތަކެއް ލިބިގެންވެ އެވެ. އެގޮތުން ވަކީލުންނާ މެދު ވިޔަވަޅު އެޅުމާއި ހުއްދަ ހިފެހެއްޓުމާއި ގާނޫނީ ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ކުރަން ޖެހެނީ ބާ ކައުންސިލުންނެވެ.

ބާ ކައުންސިލު ވުޖޫދުވުމަށް ފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް