އިންޑިއާގެ އިގްތިސާދާ އެހެން ގައުމުތައް ގުޅުވޭނެގޮތެއް ހޯދަން ޖެހޭ: ނަޝީދު

ނޮވެމްބަރ 17، 2018: ރައީސް ނަޝީދު މޯދީއާއެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާގެ އިގްތިސާދާ އެހެން ގައުމުތައް ގުޅުވޭނެގޮތެއް ހޯދަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދަކީ އިންޑިއާ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުން މިނިވަންވިތާ 73 ވަނަ އަހަރެވެ. އިންޑިއާއަށް މިނިވަންކަން ލިބުނީ 1947 ވަނަ އަހަރުއެވެ.

އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް ނަޝީދު ވަނީ އިންޑިއާއަށް ތަހުނިޔާ ދަންނަވައިފައެވެ.

ރައީސް ނަޝީދުގެ ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ އިންޑިއާގެ އިގްތިސާދު ކުރިއަރަމުންދާއިރު ދެކުނު އޭޝިއާގެ ގައުމުތަކުންވެސް އިންޑިއާގެ އިގްތިސާދާ ގުޅުވާލެވޭނެ ގޮތްތަކެއް ހޯދައި އިންޑިއާގެ ތަރައްގީގައި ހިއްސާވާން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވިއިރު އިންޑިއާއިން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ލޯނާއި ހިލޭ އެހީ ދެނީ ދެމުންނެވެ. އެގޮތުން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީއެއް 1.5 ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައި އިންޑިއާއިން ރާއްޖެއަށް ވަނީ ދީފައެވެ.

ރައީސް ނަޝީދަކީ އިންޑިއާއާ ފަސްޓު ޕޮލިސީއަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ބޭފުޅެކެވެ. އިންޑިއާއެކޭ އެއްފަދައިން ރާއްޖޭގެ އަވަށްޓެރި މުސްލިމު ގައުމެއް ކަމުގައިވާ ޕާކިސްތާނުގެ މިނިވަން ދުވަހަކީ އިއްޔެއެވެ. ނަމަވެސް ނަޝީދު ޕާކިސްތާނަށް ތަހުނިޔާގެ މެސެޖެއް ފޮނުވާފައެއް ނުވެއެވެ. ޕާކިސްތާނަކީ އިންޑިޔާގެ އެންމެ ބޮޑު ވާދަވެރިޔާ ވެސް މެއެވެ.

comment ކޮމެންޓް