އޭޝިއާގައި ވަޒީފާ އަދާކުރަން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑު އަނެއްކާ ވެސް ބީއެމްއެލް އަށް

"އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ބީއެމްއެލް އަށް ވަނީ ލިބިފައި --- ފޮޓޯ: ބީއެމްއެލް

ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިންގް އިންސްޓިޓިއުޓްއިން ދޭ "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ވިދިވިދިގެން ތިންވަނަ ފަހަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯދައިފި އެވެ.

ސިންގަޕޫރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެ އެވެ.

އޭޝިޔާ ސަރަހައްދުގައި ވަޒީފާ އަދާކުރަން އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި ބީއެމްއެލް ހިމެނިފައި ވަނީ ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށް އެ ބޭންކުން ބުނެ އެވެ.

ބޭންކުގެ ފަރާތުން އެވޯޑާ ހަވާލުވެފައިވަނީ ލާނިންގް އެންޑް ޑިވެލޮޕްމަންޓް މެނޭޖަރު މުހައްމަދު އަޝްރަފް އާއި އެންޕްލޯއީ ރިލޭޝަންސް މެނޭޖަރު އާސިޔަތު މުހައްމަދު އެވެ.

އެވޯޑް ލިބުމާ ގުޅިގެން ވާހަކަދައްކަވަމުން، ބޭންކްގެ ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ މި ސަރަހައްދުގެ އެންމެ ރަނގަޅު އެމްޕްލޯޔަރުގެ ގޮތުގައި މި އަހަރުވެސް ބީއެމްއެލް ހޮވިގެން ދިޔުމަކީ އެ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ހާއްސަކޮށް ވިދިވިދިގެން ތިންފަހަރު އޭޝިޔާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް ލިބުމަކީ ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް. އޮގަނައިޒޭޝަނެއްގެ ގޮތުން، ވަޒީފާއަށް އެންމެ އެކަށޭނަ، ހުނަރުވެރި އަދި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ގެންގުޅުމަށް އަޅުގަނޑުމެން ވަރަށް ޚާއްސަ އިސްކަމެއް ދެން. މި އެވޯޑް ވިދިވިދިގެން ތިންވަނަ ފަހަރަށް ބޭންކަށް ހޯދައިދިނުމަށްޓަކައި ޓީމުން ކޮށްފައިވާ ބުރަ މަސައްކަތަށް މި ފުރުސަތުގައި ޝުކުރު އަދާކުރަން،" ސަހާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.

ބީއެމްއެލް އިން ބުނީ "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" ތައް ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށްފަހު މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ގެނެސްފައި ވާނެ ކަމަށާއި ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް ބޭންކުން ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނަ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

comment ކޮމެންޓް