އިންޑިއާގެ މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

އިންޑިއާގެ 72 ވަނަ މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކުރުން --

އިންޑިއާގެ 72 ވަނަ މިނިވަން ދުވަސް ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ފާހަގަކޮށްފި އެވެ.

އިންޑިއާގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް މިއަދު އެމްބަސީގައި އޮތް ހަފްލާގައި ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއަން ކޮމިއުނިޓީގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

އެ ގައުމުގެ މިނިވަންކަން ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ދިދަ ނަންގަވައިދެއްވީ އެމްބެސެޑަރު ޝްރީ ސަންޖޭ ސުދީރް އެވެ. އެއަށް ފަހު އޮތީ ގައުމީ ސަލާމް ކިއުމެވެ. އަދި ދުވަހާ ބެހޭ ގޮތުން އިންޑިއާގެ ރައީސްގެ ހިތޯބު ވެސް އެމްބެސެޑަރު ވަނީ ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތުގައި އެމްބެސެޑަރު ސަންޖޭ ދެއްކެވި ވާހަކައިގައި މިނިވަންކަން ލިބުމަށްފަހު ފާއިތުވި 72 އަހަރުގެ ތެރޭގައި، ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގްތިސޯދަށް ވުމަށް އިންޑިއާ ކުރި ދަތުރުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

އަދި އިންޑިއާ އަކީ ދުނިޔޭގެ އިގްތިސޯދީ ބާރެއްގެ އިތުރުން، ރާއްޖެ ހިމެނޭ ގޮތުން އަވައްޓެރި ގައުމުތަކުގެ ތަރައްގީ އާއި ކުރިއެރުމުގެ މުހިންމު ހިއްސާދާރެއް ކަމުގައި ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށް ވެސް ސަންޖޭ ވިދާޅުވިއެވެ.

ސަންޖޭ ވަނީ ރާއްޖެ އިން އިންޑިއާ އާ ދެމެދު އަބަދު ވެސް ބާއްވަމުން އަންނަ ގާތް ގުޅުމަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގެ ކުރިއެރުމަށް މަސައްކަތް ކޮށްދިނުމަށް ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފައެވެ.

އިންޑިއާ އިނގިރޭސިންގެ އަތްދަށުން މިނިވަން ވެފައިވަނީ 1947 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.

comment ކޮމެންޓް