ދިވެހި އަދަބިއްޔާތުގެ ކަޅުފޮއިރޭ

ދިވެހި ބަހުގެ ދުވަހުގެ ހަރަކާތްތައް ހިރިޔާ ސްކޫލްގައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަޅުގަނޑު ހަނދާން ވާގޮތުގައި އެއީ 1991 ވަނަ އަހަރެވެ. އެއިރު އަޅުގަނޑުގެ އުމުރުން ވާނީ އެގާރަ އަހަރެވެ. އެއީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަސްވަނަ ގުރޭޑުގައި އަޅުގަނޑު ކިޔެވި އަހަރެވެ.

ކޮންމެ ހުކުރު ދުވަހަކު ވެސް އަސުރު ނަމާދަށް ފަހު، އަޅުގަނޑާއި އަޅުގަނޑުގެ ބޭބެޔާއި ކޮއްކޮ ގޮވައިގެން، ފުވައްމުލަކު ދަޑިމަގު ވަލިބުރީގައި ހުންނަ އަޅުގަނޑުގެ ދޮންދައްތަގެޔަށް ޒިޔާރަތް ކުރުމަކީ އެއިރު އަޅުގަނޑުގެ މަންމަގެ އާދައެކެވެ. އެ އާދައިގެ މަތިން، އެއް ދުވަހަކު ދޮންދައްތަގެޔަށް ދިޔަ މަގުމަތީގައި، މަންމަގެ ބޮޑުދައިތަ އަލްމަރްޙޫމާ ސަކީނާ އަޙްމަދު އުޅުއްވާ އާޒާދުގެޔަށް ވަނީމެވެ. އެގޭ އެތެރެގެޔަށް ވަން ތަނުން، އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ މޭޒެއްގެ މަތީގައި އޮތް ފިސާރި ބޯ ފޮތެކެވެ. އިހުގެ ދިވެހި ވަރަށް ގިނަ ފޮތްތައް ހުންނަ ގޮތަށް، ބޯ ކަރުދާހުން ހަން ޖަހައިފައި އޮތް ފޮތެކެވެ.

އެ ފޮތް ފެނުމާ އެކު އަޅުގަނޑު ގޮސް ފޮތް ނަގައިގެން ހުޅުވައިލައިފީމެވެ. ފުރަތަމަ ދެތިން ސަފުހާ އޮތީ ހުހަށެވެ. ދެން އޮތް ސަފުހާގައި ހުރީ އަތުކުރެހުމުގެ ނިކަން ރީތި ތަސްވީރެކެވެ. އަހަކަށް ސަވާރު ވެގެން، އަތުކުރިޔަށް ކަނޑިއެއް ދަމައިލައިގެން އިން އަސްވާރެއްގެ ތަސްވީރެވެ. އޭނާގެ ބޮލުގައި ވަރަށް ރީތި ތާޖެއް އޮތެވެ. ހެދުމަކީ ރަސްރަސްކަލުންގެ ހެދުމެވެ. ތަސްވީރުގެ މަތީގައި، އިހުގެ ތާނަ ބޮޑުއަކުރުން "ސައިފް ރަސްގެފާނު ވާހަކަ" މިހެން ލިޔެފައި އޮތެވެ. އެ ތަސްވީރާއި، އެ ނަން ފެނުމުން އަޅުގަނޑުގެ ހިތް އުފަލުން ނަށައިގަތެވެ. ދެން ބެލީ ވާހަކައިގެ ފުރަތަމަ ސަފުހާއެވެ. އެންމެ ފުރަތަމަ އޮތް އިބާރާތަކީ "އިހުޒަމާނުގައި ތަބާބިޢާގެ ރަސްރަސްކަލުންގެ ތެރޭގައި ޢިއްޒަތާއި ޤަދަރު މަތިވެރި ވެގެންވާ ރަސްކަލަކު އުޅުއްވިއެވެ" މިއެވެ. މި އިބާރާތް ކިޔުމަށް ފަހު، ފޮތް އަތުން ދޫކޮށްލާ ހިތެއް ނުވިއެވެ. އިތުރު ސަފުހާތައް ބަލައިލާން ގަނޑުތައް އުކާން ފެށުމުން ފާހަގަ ވި ކަމަކީ، ކޮންމެ ވިއްސަކަށް ތިރީހަކަށް ސަފުހާއިން އެއް ސަފުހާގައި އަތުކުރެހުމުގެ ރީތި އިލަސްޓްރޭޝަނެއް ވެސް ހުރިކަމެވެ. އޭގެ ސަބަބުން އަޅުގަނޑުގެ ޝައުގުވެރިކަން ވީ އެތައް ގުނައެއް އިތުރެވެ. އެހެންވެ، އެ ފޮތް ކިޔާން ބޭނުން ވާހަކަ މަންމަގެ ގާތުގައި ބުނެފީމެވެ. މަންމަ ބުންޏެވެ. "ދަރިފުޅާއެވެ. ދޮންދައްތަ ގޭގައި ނުއުޅުއްވައެވެ. ފޮތް ގެންދެވޭނީ ދޮންދައްތަގެ ގާތުގައި ބުނެފައި ނޫން ހެއްޔެވެ؟" އަޅުގަނޑު ކުރެއް ނުކުރީމެވެ. އެންމެފަހުން މަންމަޔަށް ޖެހުނީ ފަހުން ދޮންދައްތަގެ ހުއްދަ ހޯދާ ގޮތަށް ފޮތް ހިފައިގެން ދާށެވެ.

ފޮތް ހިފައިގެން، ދޮންދައްތަގެޔާ ހަމަޔަށް ދާން ފައިމަގުގައި ކުރި ދަތުރަކީ އަޅުގަނޑުގެ ހަޔާތުގައި މިހައިތަނަށް ކުރި އެންމެ ދިގު އެއް ދަތުރެވެ. ދޮންދައްތަގެޔަށް ގޮސް، ހަމަޖެހިލައިގެން ފޮތް ކިޔާން ފަށައިގަތުމަށް ކެތް މަދުވެފައި ހުރިވަރުންނެވެ. އެހެންޏާ އެ ގެޔަށް ގޮސް އަޅުގަނޑުމެން ކުރާ ކަމަކީ ދޮންދައްތަގެ ކުދީންކޮޅާ އެކު ކުޅެ ސަކަރާތް ޖެހުމެވެ. ނަމަވެސް އެ ދުވަހު އަޅުގަނޑު އެހެން ކަމެއް ނުކޮށް، ސައިފް ރަސްގެފާނު ވާހަކަ ކީއެވެ. އިރު އޮއްސޭ ގަޑިޔަށް ގެއަށް އައުމަށް ފަހު، ނިދާ ގަޑި ޖެހޭންދެން ވެސް އެހެން ކަމެއް ނުކޮށް ފޮތް ކީއެވެ.

މި ދެންނެވި ދުވަހަކީ އަޅުގަނޑުގެ ހަޔާތުގައި އައި އެންމެ ޚާއްސަ އެއް ދުވަސް ކަމަށް އަޅުގަނޑު އަބަދުވެސް ގަބޫލު ކުރަމެވެ. އެ ދުވަހަކީ އަޅުގަނޑަށް "ސައިފް ރަސްގެފާނު ވާހަކަ" ތައާރަފު ވި ދުވަހެވެ. އެ ވާހަކަ ކިޔުމުގައި ކުރި އުފާވެރި ތަޖުރިބާގެ ދަތުރު ފެށުނު ދުވަހެވެ. ފުރަތަމަ ބައި ކިޔުމަށް ފަހު، ދެވަނަ ބަޔާއި، ތިންވަނަ ބަޔާއި، ހަތަރުވަނަ ބައި ވެސް ކިޔައިލުމުގެ ނަސީބު އެއިރު އަޅުގަނޑަށް ލިބުނެވެ. ނަމަވެސް ފަސްވަނަ ބައި އެއިރު ރަށުގެ އެއްވެސް ގެއެއްގައި އޮތް ކަމަކަށެއް ނުވިއެވެ. ފަސްވަނަ ބަޔާ އެކު، މުޅި ވާހަކަ ކިޔައިލުމުގެ ފުރުސަތު ލިބުނީ އުމުރުން ވިއްސަކަށް އަހަރު ވެސް ވީ ފަހުންނެވެ.

ސައިފް ރަސްގެފާނު ވާހަކަ އެއް ފަހަރު ކިޔައިގެން، އަޅުގަނޑުގެ އަލާ ކެނޑޭ ގޮތެއް ނުވިއެވެ. ދެވަނަ ފަހަރު ވެސް، ތިންވަނަ ފަހަރު ވެސް، އަދި އޭގެ ފަހުން އެތައް ފަހަރަކު ވެސް ކީމެވެ. އެ ވާހަކަ ކިޔުނީ ކިތައް ފަހަރުކަމެއް އަޅުގަނޑަކަށް ނުވެސް އެނގެއެވެ.

ތެދެކެވެ. އަދަބިއްޔާތަކީ އިންސާނާގެ ފުރާނައިގެ ކާނާއެއް ފަދަ އެއްޗެވެ.

ސައިފް ރަސްގެފާނު ވާހަކަ ކިޔުމުގެ ކުރީން ވެސް އަޅުގަނޑަށް ވަނީ ދިވެހި އަދަބިއްޔާތުގެ މާސްޓަރޕީސްތަކެއް ކަމުގައިވާ، އަޅުގަނޑުގެ ލޯބިވާ ބޮޑުބޭބެ ޢަބްދުﷲ ފާރޫޤު ޙަސަން ތަރުޖަމާ ކުރެއްވި "އެންމެ ފަހުގެ ޙަމަލަ" އާއި "މުޙައްމަދު ބިން ޤާސިމް" ކިޔުމުގެ ނަސީބު ލިބިފައެވެ. އެއީ އެ ފޮތްތައް ގޭގައި ހުންނާތީއެވެ. ސައިފް ރަސްގެފާނު ވާހަކަޔަށް އަޅުގަނޑުގެ ޝައުގުވެރިކަން ހުރި މިންވަރު ފެނިލެއްވުމުން، އަޅުގަނޑުގެ މަންމަ އެފަދަ އެހެން ވާހަކަތައް ވެސް އަޅުގަނޑަށް ހޯއްދަވައިދެއްވިއެވެ. ރަށުގެ އެކި ގޭގޭގައި ހުރި ވާހަކަތަކެވެ. އެންމެ ޚާއްސަ ގޮތެއްގައި އަމީރު ޙަމްޒާ ވާހަކައެވެ. އޭގެ އިތުރުން، އީރަޖް ވާހަކައެވެ. ހަނގުރާމައިގެ ރަންހާރެވެ. އަލިފުލައިލާ ވާހަކައެވެ. ޙަލަބުގެ ރާނީ އާއި، ޙާތިމު ވާހަކަ ފަދަ ވާހަކަތަކެވެ. މީގެ ތެރެއިން ގިނަ ވާހަކަތަކުގެ ހުރިހާ ބައިތަކެއް ރަށުން ލިބޭކަށް ނުހުރެއެވެ. ފޮތް ވިއްކާ ފިހާރައެއް ނުހުންނަ ތަނުގައި، ރަށުގައި ކުތުބުޚާނާއެއް ވެސް ނުހުރެއެވެ. މަދަރުސާތަކެއް ހުއްޓަސް، އެއިން ތަނެއްގެ ކުތުބުޚާނާތަކުގައި ވެސް މިއިން ފޮތެއް ނޯވެއެވެ. އެއިރު މި ބާވަތުގެ ފޮތްތައް ހުންނަނީ ރަށުގެ އެންމެ ތަނަވަސް އާއިލާތަކުގެ ތެރެއިން، ފޮތްތެރިކަމާއި އިލްމަށް ލޯބި ކުރާ އާއިލާތަކުގެ މުސްކުޅި މަޖުމޫއާތަކުގައެވެ. މީގެ ތެރެއިން ކޮންމެ ފޮތެއް ވެސް އޮންނާނީ މުޅި ރަށުގައި ވެސް ދެތިން ހަތަރު ގޭގައެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒުން އިބްތިދާއީ އަދި މެދުމަދަރުސީ ތައުލީމު ފުރިހަމަ ކުރުމަށް ފަހު، ސާނަވީ ތައުލީމު ހާސިލު ކުރުމަށް ޓަކައި އަޅުގަނޑު މާލެ އައީ 1995 ގައެވެ. މާލެ އައުމަށް ފަހު، އަޅުގަނޑު އެންމެ ފުރަތަމަ ކުރި އެއް ކަމަކީ ފޮތް ފިހާރަތަކަށް ގޮސް "ސައިފް ރަސްގެފާނު ވާހަކަ" ލިބޭން ހުރިތޯ ބެލުމެވެ. ފޮތް ގަންނާނެ ފައިސާ އެއިރު އަތުގައި ހުންނާތީކީ ވެސް ނޫނެވެ. ހަމަ އެ ވާހަކަޔަށް ހިތުގައި އޮންނަ ޚާއްސަ ލޯތްބަކުންނެވެ. ނަމަވެސް އެއިރު މާލޭގެ އެއްވެސް ފޮތް ފިހާރައެއްގައި، އެ ފޮތުގެ އެއްވެސް ބައެއް ވިއްކާކަށް ނުހުރެއެވެ. ގައުމީ ކުތުބުޚާނާގައި ވެސް އޮތީ ވާހަކައިގެ އެންމެ ބައެއް، ނުވަތަ ދެ ބައެއްގެ ދެތިން ކޮޕީއެވެ. ހުރިހާ ކޮޕީތަކެއް ވެސް ހުރީ ބެލެހެއްޓުންތެރިކަމެއް ނެތި ގެންގުޅުމުގެ ސަބަބުން ގަނޑުތައް ވީދި، ވަރަށް ބޮޑަށް ހަލާކު ވެފައެވެ. އަމީރު ޙަމްޒާ ވާހަކައިގެ އެންމެ ކޮޕީއެއް ވެސް ކުތުބުޚާނާގައި ނެތެވެ. އީރަޖް ވާހަކައޭ ބުނީމާ، ކުތުބުޚާނާގައި އެ ނަން އަޑުއެހި މުއައްޒަފަކު ވެސް ނެތެވެ. އަލިފުލައިލާ ވާހަކަ ވެސް އެތާކު އޮތް ކަމަކަށެއް ނުވިއެވެ. މި ދެންނެވީ 1995 ވަނަ އަހަރު، ދިވެހިރާއްޖޭގެ ގައުމީ ކުތުބުޚާނާގެ ހާލަތު ހުރި ގޮތުގެ ވާހަކައެވެ.

ފާއިތުވި ގަރުނުގެ ފަހުކޮޅުގައި، ދިވެހިންގެ ތެރެއިން ކިޔުންތެރިކަމާއި ފޮތްތެރިކަން އައީ މަޑުމަޑުން ނެތެމުންނެވެ. ޚާއްސަކޮށް ދިވެހި ފޮތްތަކާއި ދިވެހި އަދަބިއްޔާތަށް ހުރިހާ ދިމާޔަކުން ވެސް އައީ ސަމާލުކަން ކުޑަ ވަމުންނެވެ. މި ހިނގާ އެކާވީސްވަނަ ގަރުނު ފެށުމަށް ފަހު، ދިވެހި އަދަބިއްޔާތު ދަނީ ވަޅު ޖެހެމުން، ނެތެމުންނެވެ. ޚާއްސަކޮށް، ކުރީގެ ބޮޑެތި އަދަބީ މަސައްކަތްތައް ދަނީ ޒަމާނުގެ ޑަސްބިނަށް އުކައިލެވެމުންނެވެ. ފަހަރުގައި މި ނުބައި އަދި ހިތާމަވެރި ބަދަލުގެ އެއް ސަބަބަކީ އިނގިރޭސި ބަހުގެ ނުފޫޒު ގަދަ ވުމާއި، ޓީވީގެ ބާރު ގަދަ ވުމާއި، މުނިފޫހި ފިލުވުމުގެ ވަސީލަތްތަކެއްގެ ގޮތުގައި ބޮލީވުޑާއި ހޮލީވުޑުގެ ފިލްމުތަކާއި ކާޓޫނާއި، ވީޑިޔޯ ގޭމު ފަދަ ޒަމާނީ ވަސީލަތްތައް ތައާރަފު ވުން ކަމުގައި ވެސް ވެދާނެއެވެ. ނަމަވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، ދިވެހި ލިޔުންތެރިކަމަށާއި ދިވެހި ކިޔުންތެރިކަމަށް ދިގު ރޭގަނޑެއް އައުމުގައި އެންމެ ބޮޑު ޒިންމާއެއް އުފުލާން ޖެހެނީ 1960ގެ އަހަރުތަކުގެ ތެރެއިން ފެށިގެން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންނެވެ. ދިވެހި ސަރުކާރުތަކެވެ. ގައުމީ ކުތުބުޚާނާޔަކީ ހަމައެކަނި ނަމެއްގައި ހުންނަ ތަނެއް ކަމުގައި ހެއްދެވީ ސަރުކާރުންނެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ މަރުކަޒަކީ ވެސް ބައެއް ކަންކަން ކިތަންމެ ރަނގަޅަށް ކުރެއްވިޔަސް، ދިވެހި ބަހާއި އަދަބިއްޔާތު ރައްކައުތެރި ކޮށް ތަރައްގީ ކުރުމުގައި ޒިންމާ އަދާ ކުރުމަށް ނާގާބިލު އިދާރާއެއްގެ ގޮތުގައި ބެހެއްޓީ ހަމަ ސަރުކާރުންނެވެ. ދިވެހި ތައުލީމީ ނިޒާމުގެ ތެރެއިން ދިވެހި ކިޔުންތެރިކަމާއި އަދަބިއްޔާތު ނެރެ އެއްލައިލީ ސަރުކާރުންނެވެ. ސަރުކާރުގެ ދޯހަޅި، ދޯދިޔާ ތައުލީމީ ސިޔާސަތުގެ ތެރެއިންނެވެ. ތައުލީމީ ސިޔާސަތުގައި ދިވެހި ބަސް މާ ފަހަތު ސަފަކަށް ކޮއްޕައި ގަޅުވައިލުމަށް ފަހު، އިނގިރޭސި ބަހަށް ދިން އިސްކަމުގެ ތެރެއިންނެވެ. ރައީސް ނާޞިރު ވެސް ހެއްދެވީ އެހެންނެވެ. އަދި ބަހާއި އަދަބިއްޔާތާއި އަމިއްލަ ޝަޚްސިއްޔަތާ ބެހޭ ކަންކަން އިލްމީ ފެންވަރުގައި ރައީސް ނާޞިރަށް ވުރެ ވެސް ބޮޑަށް އެނގިވަޑައިގަންނަވާނޭ ބޭފުޅެއް ކަމުގައި ވާ ރައީސް މައުމޫން ވެސް، ފަތްތޫރައިގެ ފުރަތަމަ އަދަދުގައި ޚުދު އެމަނިކުފާނު ސަރީހަ ބަހުން ލިޔުއްވައިފައިވާ ފަދައިން، ހެއްދެވީ ހަމަ އެހެންނެވެ. އޭގެ ފަހުން އައި ސަރުކާރުތަކުން ވެސް ކަން ގެންދިޔައީ ހަމަ އެ މަގުންނެވެ.

ދިވެހި ބަހުގެ އަދީބުން ލިޔުއްވި މުހިއްމު ލިޔުންތަކުގެ ތެރެއިން، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު ހުރި ޒަމާނުގައި އެތަނުން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ވަރަށް މުހިއްމު ތަކެތި ރައްކައުތެރި ކުރެވިފައި ވެސް ވެއެވެ. ދިވެހި ބަހުން އެންމެ ފުރަތަމަ ލިޔެވުނު ވާހަކަތައް ކަމުގައި ވާ ރިވާޔަތު މޫސާ ވަ ޒުލޭޚާ އާއި، ރިވާޔަތު ނުޢްމާނު ވަ މަރްޔަމު ފަދަ ވާހަކަތަކާއި، ޢަބްދުﷲ ޖަލާލުއްދީނާއި، އިބްރާހީމް ޝިހާބާއި، މުޙައްމަދު ޖަމީލު ފަދަ ބޭފުޅުންގެ މަޒުމޫނުތައް ފަދަ ތަކެއްޗެވެ. ނަމަވެސް އެ މަރުކަޒުން ވެސް ސައިފް ރަސްގެފާނު ވާހަކަޔާއި، އަމީރު ޙަމްޒާ ވާހަކަޔާއި، އަލިފުލައިލާ ވާހަކަޔާއި، ހަނގުރާމައިގެ ރަންހާރާއި، ކުރީގެ ލިޔުންތެރިން ލިޔުއްވި ނަބީ ބޭކަލުންގެ ވާހަކަތައް ފަދަ އެތައް ލިޔުންތަކެއް ރައްކައުތެރި ކުރައްވައިފައެއް ނުވެއެވެ. އެއިރު އެތަނަށް ސަރުކާރުން ދެއްވާ ބަޖެޓު ކުޑަ ވުމާއި، މުއައްޒަފުންނާއި ވަސީލަތްތައް މަދު ވުމާއި، އެއިރު ރައްކައުތެރި ކުރާންވީ ތަކެއްޗަކީ ކޮބައިކަން ކަނޑައެޅުމުގައި ގެންގުޅެވުނު ވިސްނުމާއި، މި ހުރިހާ ކަމެއްގެ ސަބަބުން ވީ ގޮތެއް ކަމަށް ވެސް ވެދާނެއެވެ.

ސަރުކާރުގެ ނުހަނު ބޮޑު އިހުމާލާއި ޚިޔާނާތުގެ ތެރެއިން، ދިވެހި އަދަބިއްޔާތުގެ ބޮޑެތި މަސައްކަތްތައް ގެއްލި، އެ ތަކެއްޗަކީ ދިވެހިން ނުދަންނަ އެއްޗެއްސަށް ވެގެން ދިޔަ އިރު، އެ ތަކެތި ރައްކައުތެރި ކުރުމަށް ޓަކައި ގުރުބާންތަކެއް ވެވަޑައިގެން، ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ދެ ބޭފުޅެއްގެ ނަންފުޅު އަޅުގަނޑުމެން ޝުކުރުވެރިކަމާ އެކު ފާހަގަ ކުރާން ޖެހެއެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ އަލްމަރްޙޫމް ނޮވެލްޓީ ޢަލީ ޙުސައިނެވެ. ދެވަނަ ބޭފުޅަކީ އަލްފާޟިލް ބޮންޑަ ދޮންތުއްތު، ނުވަތަ ޕޮމްޕިޔާ ޢަލީ ޙުސައިނެވެ.

މީގެ ތެރެއިން އަލްމަރްޙޫމް ޢަލީ ޙުސައިން ވަނީ، ވިޔަފާރީގެ ފައިދާއަކަށް ނުބައްލަވައި، އަމީރު ޙަމްޒާ ވާހަކަޔާއި ޙާތިމް މަނިކުފާނުގެ ވާހަކަޔާއި އަލިފުލައިލާ ޗާޕު ކުރައްވައިފައެވެ. އޭނާ އަވަހާރަ ވެފައި ވަނީ، އަޅުގަނޑަށް އެނގިފައިވާ ގޮތުން، ހަނގުރާމައިގެ ރަންހާރު އެއް ކުރައްވައި، ޗާޕު ކުރުމުގެ މަސައްކަތުގެ ފަހު މަރުހަލާ ކުރިޔަށް ދަނިކޮށެވެ. އަޅުގަނޑު އުއްމީދު ކުރަނީ ނޮވެލްޓީން އަލްމަރްޙޫމް ޢަލީ ޙުސައިނުގެ އެ ހުވަފެންފުޅު ހަގީގަތަކަށް ހަދާނެ ކަމުގައެވެ. ބޮންޑަ ދޮންތުއްތު ނުވަތަ ޕޮމްޕިޔާ ޢަލީ ޙުސައިނަކީ މާފަންނުގައި އެހެރަ ނާސަރީ ބުކްޝޮޕްގެ ވެރިޔާއެވެ. އޭނާގެ މަސައްކަތްޕުޅުން، ސައިފް ރަސްގެފާނު ވާހަކައިގެ ދެވަނަ ޗާޕުގެ ހުރިހާ ބައިތަކެއް މިހާރު ބޭނުން މީހަކަށް ލިބޭގޮތަށް، އެ ބުކްޝޮޕުގައި އެބަހުއްޓެވެ. އެއީ ފޮތުގެ އަސްލު އޭނާޔަށް ލިބިވަޑައިގެން، އެ އަސްލުން ފޮޓޯކޮޕީ ހައްދަވައިގެން ވިއްކަވާތީއެވެ. މި ދެންނެވި ނާސަރީ ބުކްޝޮޕަކީ ކުރީގެ ވަރަށް ގިނަ ދިވެހި ފޮތްތައް އެގޮތަށް ވިއްކާ ތަނެކެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި، މި ބުކްޝޮޕަކީ ސަގާފީ ގޮތުން ދިވެހި ގައުމަށާއި ދިވެހި އަދަބިއްޔާތަށާއި ލިޔުންތެރިކަމަށް އެންމެ ބޮޑު ޚިދުމަތްތަކެއް ކުރަމުން ގެންދާ އެއް ފަރާތް ކަމަށް ވާތީ، އެ ބުކްޝޮޕަށް ޚާއްސަ އެވޯޑެއް ދިނުމާ އެކު، ތަން އުވިނުގޮސް ހުންނާނޭ ގޮތަށް ސަރުކާރުގެ އިނާޔަތްތެރިކަމެއް އެތަނަށް ބަހައްޓަވާން ޖެހެއެވެ.

ނޮވެލްޓީ ޢަލީ ޙުސައިނާއި ބޮންޑަ ދޮންތުއްތު އަމިއްލަ ދެ ފަރުދުންގެ ހައިސިއްޔަތުން ދިވެހި އަދަބިއްޔާތަށް ކުރެއްވި ޚިދުމަތް، މުޅި ދިވެހި ސަރުކާރުން ފާއިތު ވި ފަސްދޮޅަހަކަށް އަހަރުގެ ތެރޭގައި ނުކުރެޔޭ މި ދަންނަވަނީ ހިތާމަޔާ އެކުގައެވެ.

މިހާރު އަޅުގަނޑުމެންގެ ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި، ދިވެހި ބަހާއި އަދަބިއްޔާތު ދިރުވައި އާލާ ކުރުމުގެ މަސައްކަތް ކުރާނެ އިދާރާއެއް އުފެދިފައި އެބަހުއްޓެވެ. ދިވެހި ބަހުގެ އެކަޑަމީއެވެ. ނަމަވެސް އެ އެކަޑަމީއަކަށް ވެސް އެއްވެސް ސަރުކާރުން މާބޮޑު އަޅައިލުމެއް ނުބަހައްޓަވައެވެ. ތަނަށް އެކަށީގެންވާ ފަދަ އޮފީސް އިމާރާތެއް ދީފައެއް ނުހުރެއެވެ. ކުރާން ޖެހިފައި ހުރި މަސައްކަތާ އެކަށޭނަ އަދަދަކަށް މުއައްޒަފުން ދީފައެއް ނުހުރެއެވެ. ތަނުން ކުރާން ޖެހޭ މަސައްކަތަކީ ފަންނީ މަސައްކަތަކަށް ވުމާ އެކުގައިމެ، އެ މަސައްކަތާ ގުޅޭ ދާއިރާތަކުން މީހުން ބިނާ ކުރުމަށް އެއްވެސް ޚަރަދެއް ނުކުރެވެއެވެ. ތަނަށް އެކަށީގެންވާ ބަޖެޓެއް ވެސް ނުދެވެއެވެ.

މިސާލެއްގެ ގޮތުން، 2017 ވަނަ އަހަރު އެކަޑަމީގެ ބަޖެޓުގައި މުއައްޒަފުންގެ މުސާރަޔާއި އިދާރީ ޚަރަދުތަކަށް ހޭދަ ކުރާން ކަނޑައެޅި ފައިސާގެ އިތުރުން އޮތީ އެންމެ ހަތްދިހަ ހާސް ރުފިޔާއެވެ. އޭގެ ފަހުން އައި ދެ އަހަރު މި އަދަދު މިލިޔަނެއް ދެ މިލިޔަނަކާ ހަމަޔަށް އުފުލިފައި ވީ ނަމަވެސް، އަދިވެސް އެކަށީގެންވާ ވަރާ ގާތަށް ވެސް އެ އެކަޑަމީއަށް ބަޖެޓެއް ނުދެވެއެވެ. ފޮތްތަކާއި ލިޔުންތައް ތަރުޖަމާ ކުރުވުމާއި، ޝާއިއު ކުރުމާއި، އަދަބިއްޔާތާއި ބަހުގެ ދާއިރާތަކުން ކުރިމަގުގައި ޚިދުމަތް ކުރާނޭ މީހުން ބިނާ ކުރުމަށް ޓަކައި ސްކޮލަރޝިޕްތަކާއި ތަމްރީނުގެ ފުރުސަތުތައް ދިނުން ފަދަ އެންމެހައި ކަންކަމަށް، އަހަރަކު މަދުވެގެން ހައެއްކަ މިލިޔަން ނުދެވޭ ނަމަ، އެއީ އެކަށީގެންވާ ބަޖެޓެއް ދިނުން ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ވިސްނަވާށެވެ! ދިވެހި ގައުމުގެ ޝަޚްސިއްޔަތުގެ އެއް އަސާސް ކަމުގައި ވާ ދިވެހި ބަހާއި، އެ ބަހުގެ އަދަބިއްޔާތު ދިރުވައި އާލާ ކުރުމަށް އަހަރަކު ހައެއްކަ މިލިއަން ޚަރަދު ނުކުރެވޭ ނަމަ، އަޅުގަނޑުމެން ލަދު ގަންނާކަށް ނުޖެހޭތޯއެވެ!

އަޅުގަނޑުމެން ބޮޑެތި ވެގެން އައީ ދިވެހި ބަހުން ހުރި އެއްޗެތި ކިޔައިގެންނެވެ. އަޅުގަނޑުމެންގެ އުސްތާޒުލް ޖީލު މުޙައްމަދު ޖަމީލު ދީދީ ފަތްތޫރައިގައި "ކުޑަކުދީންނަށް ޓަކައި" ލިޔުއްވި ރީތި ކުރު ވާހަކަތަކާއި، ސައިފް ރަސްގެފާނު ވާހަކަޔާއި އަމީރު ޙަމްޒާ ވާހަކަ ފަދަ ވާހަކަތައް ކިޔައިގެންނެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ދަރިންނަކަށް އެ އެއްޗެއްސެއް ނޭނގެއެވެ. އެ ކުދީން މުޅީން ވެސް ކިޔަނީ އިނގިރޭސި އެއްޗެއްސެވެ. "އަ ސީރީޒް އޮފް އަންފޯރޗުނޭޓް އިވެންޓްސް" އާއި "ޕާރސީ ޖެކްސަން އެންޑް ދި އޮލިމްޕިޔަންސް" އާއި "ރެމޯނާ" ސިލްސިލާ އިން ފެށިގެން ގޮސް، "ހެރީ ޕޮޓަރ" ސިލްސިލާ އާއި، "މިލްސް އެންޑް ބޫން" އާއި، "ސްވީޓް ވެލީ" ފަދަ ފޮތްތަކެވެ. މި އެއްޗެތި ކިޔުމުން އެ ކުދިންނަށް އިނގިރޭސި ބަސް ދަސް ވާތީ، އަޅުގަނޑުމެން ތިބެނީ ހެވިފައެވެ. އޭގެ ސަބަބުން ކުދީންނަށް ދިވެހި އަދި އިސްލާމީ ސަގާފަތާއި ފިކުރާ މުޅީން ތަފާތު ގޮތްތަކެއް ދަސް ވަމުން، ޖީލަކަށް ފަހު ޖީލެއް ގައުމިއްޔަތާއި އިސްލާމް ދީނާ ދުރުހެލި ވަމުން ދާދިޔުމާ މެދު އަޅުގަނޑުމެން މި ތިބެނީ ކަނު ވެފައެވެ.

ދެން ކުރާން ވީ ކީއްބާވައެވެ!

ވަރަށް ކުރުކޮށް ދަންނަވާ ނަމަ، ދިވެހި ބަހުގެ އެކަޑަމީގެ ބަޖެޓު ބޮޑުކޮށް، ތަނުގެ ގާބިލިއްޔަތު އިތުރު ކޮށް، ބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރުމަށް ޓަކައި ހުރިހާ ގޮތަކުން ވަސީލަތްތައް ފަހި ވެފައި ވާ ތަނަކަށް އެތަން ހަދާން ޖެހެއެވެ. ދިވެހި އަދަބިއްޔާތުގެ ބޮޑެތި މަސައްކަތްތައް ކަމުގައި ވާ ސައިފް ރަސްގެފާނު ވާހަކަޔާއި، އަމީރު ޙަމްޒާ ވާހަކަޔާއި، އަލިފްލައިލާ ވާހަކަޔާއި، ދެންވެސް އެފަދަ ހުރިހާ އެއްޗެއްސެއް މުރާޖައާ ކޮށް އަލުން ޝާއިއު ކުރެވޭން ޖެހެއެވެ. ގައުމީ ކުތުބުޚާނާ ވަރުގަދަ ކޮށް، ރާއްޖޭގެ ބޮޑެތި ރަށްރަށުގައި އެ ތަނުގެ ގޮފިތައް ހަދައި، މުޅި ރާއްޖޭގައި ދިވެހި ކިޔުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް އެ ތަނުން ފުޅާ ދާއިރާއެއްގައި ކުރާން ޖެހެއެވެ. ލިޔުންތެރީންނާއި އަދީބުންގެ މަސައްކަތަށް އެކަށޭނަ މާލީ ސަޕޯޓު ދައުލަތުން ދޭން ޖެހެއެވެ. ދިވެހި އަދަބިއްޔާތު ކިޔުމުގެ ޝައުގުވެރިކަން މަދަރުސާތަކުގެ ކުދީންގެ ކިބައިގައި އުފައްދާން ތަފާތު މަސައްކަތްތައް ކުރާން ޖެހެއެވެ. ދިވެހި އަދަބިއްޔާތުގެ ބައެއް ފޮތްތައް މަދަރުސާތަކުގެ ކިޔުމުގެ މުގައްރަރުގައި ހިމަނާން ޖެހެއެވެ. މި ކަހަލަ ކަންތައްތަކެއްގެ ތެރެއިން، ދިވެހި ބަހާއި އަދަބިއްޔާތު ދިރުވައި އާލާ ނުކުރެވިއްޖެ ނަމަ، ގެއްލޭނީ ހަމައެކަނި ދިވެހި ބަސް ކަމަށް ނުހިއްތަވައްޗެވެ. އެހެން ވެއްޖެ ނަމަ، އަޅުގަނޑުމެންގެ ޖީލާއި، މާދަމާގެ ޖީލާ ދެމެދުގައި ފިކުރީ ގޮތުން ގުޅުން ކެނޑޭނެއެވެ. އެ ވާނީ ދިވެހި ގައުމުގެ ގައުމިއްޔަތާއި ޝަޚްސިއްޔަތުގެ ޖަނާޒާޔަކަށެވެ.

comment ކޮމެންޓް