ސައިކަލެއްގައި ދަނިކޮށް ފެން ޖެހުމުން ސިއްސައިގެން ގޮސް އެކްސިޑެންޓު ވެއްޖެ

މ މަޑުއްވަރީ ބަނދަރުމަތިން ނަގާފައިވާ ފޮޓޯ އެއް --- ފޮޓޯ:ކައުންސިލް

ރ. މަޑުއްވަރީގައި ސައިކަލެއްގައި ދިޔަ އަންހެނެއްގެ ގަޔަށް، ޕިކަޕެއްގައި ދިޔަ ބަޔަކު ފެން ޖެހުމުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އިއްޔެ އެކްސިޑެންޓު ހިނގީ ސައިކަލު ދުއްވަމުން ދިޔަ 21 އަހަރުގެ އަންހެނެއްގެ ގަޔަށް ބަޔަކު ފެން ޖެހުމުން، ސިއްސައިގެން ގޮސް ސައިކަލުން ވެއްޓިގެން ކަމަށެވެ.

އެކްސިޑެންޓު ހިނގި އިރު، އަންހެން މީހާގެ ސައިކަލު ފަހަތުގައި ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވެސް އިނެވެ. އަދި ސައިކަލުން ވެއްޓި، އަންހެން މީހާ އަށާއި ކުޑަ ކުއްޖާއަށް ވެސް ވަނީ އެކި ވަރުގެ އަނިޔާވެފަ އެވެ.

ނަމަވެސް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.

އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އިއްޔެ ހަވީރު 3:33 ހާއިރު ކަމަށާއި، މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް