ޕާކިސްތާނުގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ސޯލިހް އިމްރާން ހާނަށް ފޮނުއްވައިފި

މިއަދު ފާހަގަކުރަމުންދާ ޕާކިސްތާނުގ 73 ވަނަ މިނިވަންދުވަހާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެގައުމުގެ ބޮޑުވަޒީރު އިމްރާން ހާންއަށް ފޮނުއްވައިފިއެވެ.

ރައީސްގެ ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ ޕާކިސްތާނުގެ ރައްޔިތުންނަށް ސުލްހަ މަސަލަސްކަމާއި އުފާލާ ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖެއާ ޕާކިސްތާނުގެ ގުޅުން އިތުރަށް ބަދަހިވާތަން ބޭނުންވެލައްވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ވެއެވެ.

ރައީސްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ މިނިވަންދުވަހުގެ ތަހުނިޔާގެ މެސެޖް ފޮނުއްވައިފައެވެ.

ޕާކިސްތާނަށް މިނިވަންކަން ލިބުނީ 14 އޯގަސްޓް 1947 ގައެވެ.

މިއަދުގެ މުނާސަބަތާ ގުޅިގެން ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީގައިވެސް ވަނީ ދިދަ ނެގުމުގެ ހަރަކާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑުއަޅުއްވާފައިވާ ސަފީރު ރިޓަޔާޑް ވައިސް އެޑްމިރަލް ވަސީމް އަކްރަމެވެ.

comment ކޮމެންޓް