ދެ ދުވަހަށްފަހު ހޮންކޮންގް އެއާޕޯޓު އަލުން ހުޅުވައިފި

ހޮންކޮންގް އެެއާޕޯޓުގައި ފުލުހުން ހަރަކާތްތެރި ވަނީ --- ފޮޓޯ/ ގެޓީީ

ހޮންކޮންގް (އޮގަސްޓު 14): އޭޝިޔާގެ މާލީ ނާރެސް އަދި ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ބެލެވޭ ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ދެ ދުވަހަށް އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމަށްފަހު، މިއަދު އަލުން އޮޕަރޭޝަންތައް ފަށައިފި އެވެ.

ހޮންކޮންގް ގައި މިދިޔަ އެޕްރީލް މަހުން ފެށީގެން ކުރަން ފެށީ ސިލްސިލާ މުޒާހަރާތައް އެއާޕޯޓުގައި ކުރަން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. އެއާއެކު ދެދުވަހަށް އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހުނެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު ޝެޑީއުލްކޮށްފައިވާ 200 އަށް ވުރެ ގިނަ ފުލައިޓް ކެންސަލް ކުރަން ޖެހުނެވެ. އަދި އިއްޔެ މުޅިންހެން ހުރިހާ ފުލައިޓެއްގެ ދަތުރުތައް މެދު ކަނޑާލި އެވެ. ދުވާލެއްގެމައްޗަށް 1،000 އެއްހާ ފުލައިޓް ހޮންކޮންގެ އެއާޕޯޓުން ހިދުމަތް ހޯދަ އެވެ.

މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ މެދު ރޭވެސް ވަނީ ކުރިމަތިލުންތަކެއް ހިނގާފަ އެވެ. ހޮންކޮންގް ހޮސްޕިޓަލާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރޭ އެއާޕޯޓުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހަ މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަ ކަމަށެވެ.

އެއާޕޯޓު މިއަދު ހެނދުނު ހުޅުވާފައި މިވަނީ މުޒާހަރާ ރޫޅާލަށް ހޮންކޮންގެ އޭވިއޭޝަން އޮތޯރިޓީން ކޯޓު އަމުރެއް ހޯދުމާއެކު އެވެ. ކޯޓުއަމުރާއެކު މިއަދު ހެނދުނު މުޒާހަރާގެ ބައިވެރިން ވަނީ އެއާޕޯޓުގެ ޓާމިނަލުން ހުސްކޮށްފަ އެވެ.

ހޮންކޮންގެ ފުލުހުންނާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެގެ ހަމަ ނުޖެހުނަތަކުގައި ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި ދެ ފުލުހަކަށް އަނިޔާވެފައިވާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިންގެ އަމަލުތައް ކުއްވެރިކޮށް ފުުލުހުން މިއަދު ފަތިހު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މުޒާހަރައިގެ ބައިވެރިންގެ އަމަލުތަކަކީ، "ހައްދުފަހަނައަޅާފައިވާ ހަރުކަށި" އަމަލުތަކެއް ކަމަށެވެ.

ހޮންކޮންގްގައި ބޮޑެތި މުޒާހަރާތައް ފެށުނީ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލަކާ ގުޅިގެންނެވެ. އޭޕްރިލް މަހުގެ 20ގައި ވޯޓަށް އަހަން އޮތް އެބިލު ފާސް ކުރި ނަމަ، ހޮންކޮންގްގައި ތިބި ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކުރިއަށްގެންދިޔުމަށް އެމީހުން ޗައިނާއާ ހަވާލު ކުރެވޭނެއެވެ.

އެ ބިލް ފާސްވެސްވެއްޖެ ނަމަ ޗައިނާގެ ނުފޫޒު އިތުރުވާނެ ކަމަށާއި އެގައުމުގެ ޝަރުއީ ނިޒާމަށް އިތުބާރު ނުކުރެވޭ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ.

މުޒާހަރާތަކުގެ ސަބަބުން ކެރީ ލާމް ވަނީ އެބިލް ފާސް ކުރުން ފަސް ކުރަން ނިންމަވާފައެވެ. ނަމަވެސް މުޒާހަރާ ކުރާ ފަރާތްތަކުން އަދިވެސް ދަނީ ބިލް އެއްކޮށް އުވާލުމަށާއި ލާމް އިސްތިއުފާ ދެއްވުމަށް ގޮވާމުލަމުންނެވެ. އަދި ފުލުހުން ކުރާ އަނިޔާތަކަށް އެމީހުން ޖަވާބުދާރީ ކުރުވުމަށް މުޒާހަރާގެ ބައިވެރިން ގޮވާލަމުންދެއެވެ.

ހޮންކޮންގް އެއާޕޯޓުގައި މުޒާހަރާތައް ފެށީ އެސިޓީއަށް އަންނަ މީހުންނަށް މުޒާހަރާތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށާއި މުޒާހަރާތަކަށް އެމީހުންގެ ތާއިދު ހޯދުމަށް ކަމަށް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް