ޖުލައި މަހު އިމްޕޯޓު އަދި އެކްސްޕޯޓު ވެސް ދަށަށް ހިނގައްޖެ

ކަސްޓަމްސް ސަރަހައްދު --- ސަން ފޮޓޯ/ޖަޒްލާން މުހައްމަދު

ކުރީ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް މުދާ އެތެރެ ކުރި މިންވަރު އަދި ރާއްޖެ އިން މުދާ ބޭރު ކުރި މިންވަރު ދަށް ވެއްޖެ އެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައި މަހު ރާއްޖެ އެތެރެކުރި މުދަލުގެ ނިސްބަތް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ނުވަ ޕަސެންޓް ދަށް ވެފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް 4.1 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި އިރު، މި އަހަރުގެ ޖުލައި މަހު އެތެރެ ކޮށްފައި ވަނީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު 196 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައި ވާއިރު، މި އަހަރުގެ ޖުލައިގައި އެކްސްޕޯޓު ކޮށްފައި ވަނީ 165 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ 16 ޕަސެންޓު ދަށް އަދަދެކެވެ.

ޖުލައި މަހުގެ އިމްޕޯޓު އަދި އެކްސްޕޯޓު ދަށަށް ގޮސްފައި ވީނަމަވެސް، އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ ދެ ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ޑިއުޓީގެ ގޮތުގައި ދައުލަތަށް 281 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރުގެ އެ މުއްދަތުގައި 287 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ހުސްވި ޖުލައި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ ޔޫއޭއީ އިންނެވެ. އެއީ އެތެރެ ކުރި މުދަލުގެ 21 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ގިނަ މުދާ އެތެރެކުރީ ސިންގަޕޫރުންނެވެ. ތިންވަނައަށް ޗައިނާ އިންނެވެ.

ރާއްޖެއަށް އެތެރެކުރި މުދަލަށް ބަލާއިރު އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލުގެ ބާބަތްތަކެވެ. އެއީ ޖުމްލަ އިމްޕޯޓުގެ 21 ޕަސެންޓެވެ. އެގޮތުން 732 މިލިއަން ރުފިޔާގެ ތެޔޮ މިދިޔަ މަހު އެކަނި ރާއްޖެ އެތެރެކުރި އެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކުރީ ތައިލެންޑަށެވެ. ދެވަނަ އަށް ޖަރުމަނު ވިލާތަށެވެ. އަދި ތިންވަނަ އަށް އެންމެ ގިނައިން ރާއްޖެއިން މުދާ އެކްސްޕޯޓުކުރީ ފަރަންސޭސި ވިލާތަށެވެ.

ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރި މުދަލުގެ 25 ޕަސެންޓަކީ ކަޅުބިލަ މަހެވެ. އެގޮތުން އެކްސްޕޯޓު ކުރި ކަޅުބިލަ މަހުގެ އަގަކީ 41 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް