ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން އެމެރިކާ ނޫސްވެރިން ރާއްޖޭގައި

ރިސޯޓެއްގައި ފަތުރުވެރިންތަކެއް ހަރަކާތްތެރި ވަނީ: ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމެރިކާގެ ނޫސްވެރިން ހިމެނޭ ޓީމެއް ވަނީ ރާއްޖެ އައިސްފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގެ ފަތުރުވެރިކަން އަމިއްލައަށް ތަޖުރިބާކޮށް އިޝްތިހާރު ކުރުމުގެ ގޮތުން އެމެރިކާގެ ނޫސްވެރިން ހިމެނޭ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

މިއީ ރާއްޖެ ފުޅާދާއިރާއަކަށް އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ފަސް ވަނަ ދަތުރެވެ.

އެމްއެމްޕީއާރްސީ އިން ބުނީ އެމެރިކާ ނޫސްވެރިންގެ ޓީމު ރާއްޖެ އައިސްފައި ވަނީ އިއްޔެ ކަމަށާއި މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެ ޓީމު ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށެވެ.

ޓީމުގައި ހިމެނެނީ ޓްރެވެލް އަދި ލެޝަރ، ޓްރިޕް ސެ ވީ، ނެޝަނަލް ޖިއޮގްރަފިކް ޓްރެވެލް، ޔޫއެސްއޭ ޓުޑޭ އަދި ނިއުޔޯކް ޓައިމްސް ފަދަ މަޖައްލާތަކަށް ލިޔާ ތަޖުރިބާކާރު ނޫސްވެރިންނެވެ.

ދަތުރުގައި ނޫސްވެރިންގެ ޓީމު ތިބުމަށް ހަމަޖެހިފައިވަނީ ހެރިޓަންސް އާރަށް ރިސޯޓް އަދި މަރކި އޯ މޯލްޑީވްސް ކޫއްޑޫ ގައެވެ.

މި ދަތުރުގައި ދިވެހިރާއްޖޭގެ ހިތްގައިމު މާހައުލާއި ކަނޑު އަޑީގެ ރީތިކަން ޓީމުން ތަޖުރިބާ ކުރާނެ ކަމަށް އެމްއެމްޕީއާރްސީ އިން މައުލޫމާތު ދެއެވެ. އަދި ޓީމުގެ ތަޖުރިބާތައް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޝާއިު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމެރިކާ އަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ ބޮޑު އެއް މާކެޓެވެ. މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެ ގައުމުގެ 27،684 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރު ގެ އެ މުއްދަތާއި އަޅާބަލާއިރު 34.5 ޕަސެންޓު ގެ ކުރިއެރުމެކެވެ. އެމްއެމްޕީއާރްސީ އިން ބުނީ އެމެރިކާ ނޫސްވެރިންގެ ދަތުރުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

comment ކޮމެންޓް