ޗުއްޓީއަށް ބޭރަށް ދާ ދިވެހިން އިތުރުވަނީ، ހާހެއްހާ ޑޮލަރު ހަރަދު ކުރޭ

ޗުއްޓީ ހޭދަކުރުމަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުވަމުން ---

ފާއިތުވި ހަތަރު އަހަރު ޗުއްޓީ ހޭދަކުރުމަށް ރާއްޖެއިން ބޭރަށް ދިޔަ ދިވެހީންގެ އަދަދު 14 ޕަސެންޓް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ''ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ'' އިން ދައްކާ ގޮތުން، 2015 އިން 2018 އަށް ރާއްޖެއިން ބޭރުގައި ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ދިވެހީންގެ އަދަދު، އެއް އަހަރުން އަނެއް އަހަރަށް ވަނީ އިތުރުވެފަ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހީންގެ ތެރެއިން 27 ޕަސެންޓް މީހުން ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރިއިރު 2018 ވަނަ އަހަރު އެ އަދަދު ވަނީ 41 ޕަސެންޓަށް އަރައިފަ އެވެ. މިއީ 14 ޕަސެންޓު އިތުރުވުމެކެވެ.

އެމްއެމްއޭގެ ސާވޭތައް ދައްކާގޮތުން، ޗުއްޓީ ހޭދަކުރުމަށް ދިވެހީން އެންމެ ގިނައިން ދަތުރުކޮށްފައި ވަނީ އިންޑިއާ އަދި ލަންކާ އަށެވެ. އަދި ޗުއްޓީ ހޭދަކޮށްލުމަށް ދިވެހީން ރާއްޖެއިން ބޭރުގައި ހޭދަކޮށްފައި ވަނީ އެވްރެޖްކޮށް 12 ދުވަހުގެ މުއްދަތެކެވެ.

އެވެރޭޖްކޮށް ޗުއްޓީއަށް ދަތުރުކުރި ދިވެހީން ބޭރު ގައުމުތަކުގައި ކުރާ ހަރަދު 2015 ވަނަ އަހަރުން ފެށިގެން އަންނަނީ އިތުރުވަމުންނެވެ. އެގޮތުން 2018 ވަނަ އަހަރު އެ އަދަދު ހުރީ 890 އެމެރިކާ ޑޮލަރުގަ އެވެ. ނަމަވެސް 2015 ވަނަ އަހަރު ދަތުރުގެ ހަރަދު ހުރީ 780 އެމެރިކާ ޑޮލަރުގަ އެވެ.

''ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ" އަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ތައްޔާރުކުރުމަށް ބޭނުންވާ ތަފާސްހިސާބު ހަރުދަނާކުރުމުގެ ގޮތުން، 2011 ވަނަ އަހަރުން ފެށިގެން އެމްއެމްއޭ އިން ކޮންމެ އަހަރަކު ވެސް ކުރަމުންގެންދާ ސާވޭއެކެވެ.

މިދިޔަ އަހަރު ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ ދެބުރަކަށް ބަހާލައިގެންނެވެ. އެއީ ދިވެހިން އެންމެ ގިނައިން ދަތުރުފަތުރު ކުރާ ދުވަސްވަރުކަމަށްވާ މަދަރުސީ އަހަރީ ޗުއްޓީ (ޕީކް ސީޒަން) ދުވަސްވަރުގެ އިތުރުން މަދަރުސީ ޗުއްޓީއެއް ނުވަތަ ސަރުކާރު ރަސްމީ ބަންދު ދުވަސްތަކެއް ނުހިމެނޭ (އޮފް-ޕީކް ސީޒަން) ދުވަސްވަރެއްގަ އެވެ.

comment ކޮމެންޓް