ސެންޓްރަލް ޒޯނު މުބާރާތަށް ފަހު ލޯންގޭ ވޮލީ ކުޅުން ހުއްޓާލަނީ

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ވާދަކުރާ ގައުމީ ވޮލީ ޓީމު އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މި މަހު 18 ގައި ނޭޕާލުގައި ފަށާ ސެންޓްރަލް ޒޯން މެންސް ސީނިއާ ވޮލީބޯޅަ މުބާރާތަށްފަހު ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ވޮލީ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު އިއްތިފާގުވާ އަދި ވޮލީއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދިން އަހުމަދު އަބްދުލްކަރީމް (ލޯންގޭ) ގައުމީ ވޮލީ ޓީމުން ރިޓަޔާ ކުރާނެކަން އިއުލާން ކޮށްފި އެވެ.

މިރޭ ރާއްޖެ އަދި ލަންކާ ބައްދަލުކުރި ރަހުމަތްތެރިކަމުގެ މެޗަށްފަހު ލޯންގޭ ކުޅުން ހުއްޓާލާނެ ކަން އިއުލާންކޮށްފައިވާ އރިު އޭނާގެ އަގުވަޒަންކުރުމުގެ ގޮތުން ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން ވަނީ ޝިލްޑެއް ދީފައެވެ. މި ޝިލްޑް ލޯންގޭއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ލޯންގޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެން އޭނާއަށް ހާއްސަ ހަނދާނީ ފިލައެއް ރައީސް އިބްރާހިމް ސޯލިހު އަރުވަނީ --- ފޮޓޯ// ރައީސް އޮފީސް

މީގެއިތުރުން ނިމިދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ލޯންގޭ ކުޅުނު ޖޯޒީގައި ރައީސް ސޯލިހު ވަނީ ސޮއިކުރައްވާފައެވެ. ލޯންގޭ ވަނީ އެ މުބާރާތުގައި ރާއްޖޭގެ ވޮލީ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ.

ލޯންގޭ ވަނީ 2004 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ނިޔަލަށް މެދުކެނޑުމެއްނެތި ގައުމީ ޓީމުން ޖާގަ ހޯދައިފައެވެ. އަދި އޭނާ ވަނީ 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައެވެ.

"ވަރަށް ދެރަވޭ ރިޓަޔާ ކުރަން ޖެހޭތީ. މެދު ނުކެނޑި ގައުމީ ޓީމަށް މިހާ ގިނަ ދުވަހު ކުޅުމަށްފަހު ޖާޒީ ބާލަން ޖެހޭތީ ވަރަށް ވެސް ދެރަވެފަ މިހުރީ،" ލޯންގޭ މިރޭ ކުޅުނު އެކުވެރި ކަމުގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

އޭނާ ބުނީ ރިޓަޔާ ކުރުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމުން މިވަގުތަކީ އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމުގައި ދެކޭ ކަމަށެވެ. އަދި މި ނިންމުމަކީ ޓީމަށާއި އޭނާއަށް ވެސް ފައިދާ ކުރާނެ ނިންމުމެއް ކަމަށާއި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ވެސް ފުރުސަތު ލިބެން ޖެހޭ ކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ ކުރިން ވެސް ރިޓަޔާ ކުރަން ނިންމި ކަމަށާއި ނަމަވެސް ސެންޓްރަލް ޒޯނުގެ މުބާރާތަށް އެކަން ކުރަން މަޑު ޖައްސާލީ މެޑައްޔެއް ހޯދަން ބޭނުންވެފައި ހުރިލެއް ބޮޑު ކަމުން ކަމަށެވެ.

ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ ލޯންގޭ ގައުމީ ޓީމުން ރިޓަޔާ ކުރުމަކީ ޓީމަށް ލިބުނު ފޫ ނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ. އަދި އޭނާ ކުޅުން ހުއްޓާލި ނަމަވެސް ޓީމުގެ ކޯޗިންގް އޭރިއާގެ ތެރެއިން އޭނާ ފެނުމަކީ ދެކެން ވަރަށް ބޭނުންވާ މަންޒަރެއް ކަމަށެވެ.

comment ކޮމެންޓް