ޔަމަނުގެ ހޫތީން ސައުދީގެ އަބްހާ އެއާޕޯޓަށް ޑްރޯއިން ހަމަލާތަކެއް ދީފި

ސައުދީ އަރަބިއްޔާގެ އަބްހާ އެއާޕޯޓް--- ފޮޓޯ: ރޮއިޓާސް

ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ހޫތީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ އަބްހާ އެއާޕޯޓަށް ޑްރޯން ބޭނުންކޮށްގެން ހަމަލާތަކެއް ދީފިއެވެ.

އެ ހަމަލާތައް ދިންކަން ހޫތީން ކޮންޓްރޯލް ކުރާ އަލް މަސީރާ ޓީވީން މިއަދު ވަނީ ކަށަވަރުކޮށްދީފިއެވެެ. ނަަމަވެސް ސައުދީން އެ ހަމަލާތަކާ ބެހޭގޮތުން އަދި އެއްޗެއް ނުބުނެއެވެ.

މިއީ ހޫތީން ސައުދީގެ އެއާޕޯޓަށް ހަމަލާތައް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ބުރާސްފަތި ދުވަހުވެސް ހޫތީން ވަނީ އަބްހާ އެއާޕޯޓްއަށް ޑްރޯންއިން ހަމަލާ ދީފައެވެ. އަދި މިދިޔަ ޖޫން މަހ ހަމަަ އެ އެއާޕޯޓަށް ދިން ހަމަލާގައި އެކަކު މަރުވެ 21 މީހުން ޒަހަމްވިއެވެ.

ސައުދީން ބުނީ ހޫތީންނަށް އެންމެ ޒަމާނީ ހަތިޔާރުަތއް ފޯރުކޮށްދެނީ އީރާނުން ކަމަށެވެ. ނަމަވެސް އީރާނުން އެކަން ދޮގުކުރެއެވެ.

ހޫތީން މިހާރުވެސް ދަނީ އެގައުމުގެ ވެރިރަށް ސަނާ ހިމެނޭ ހުޅުނގު އުތުރު ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންނެވެ. އަދި ފަހަކަށް އައިސް ވަރުގަދަ ހަމަލާތަކެއް ހޫތީން ދަނީ ދެމުންނެވެ. އަދި ސައުދީންވެސް ދަނީ ފަހަކަށް އައިސް ހޫތީންގެ މިލިޓަރީ ސަރަހައްދުތަކެއް ކަމަށް ބުނެ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އެ ހަމަލާތަކާ ގުޅިގެން އދ. އިން ޔަމަނާ ސައުދީއާ ދެމެދު ސުލްހަ ގާއިމްކުރުމަށް ކުރަމުންދާ މަަސައްކަތްތަކަށް ވަނީ ހުރަސްއެޅިފައެވެ.

comment ކޮމެންޓް