ރަސްދޫއަށް ވަރަށް ބޮޑަށް އުދަ އަރައި ގެއްލުން ވަނީ

އއ. ރަސްދޫއަށް އުދައަރާފައި--- ފޮޓޯ: ފުލުހުން

އއ. ރަސްދޫއަށް ވަރަށް ބޮޑަށް އުދަ އަރަން ފަށައިފި އެވެ.

ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ އެރަށަށް ވަރަށް ބޮޑަށް އުދަ އަރަމުންދާތީ ފެން ހިންދުމުގެ މަަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ރަސްދޫ ކައުންސިލްގެ ރައީސް އަބްދުލް ޖަލީލް މޫސާ "ސަން" އަށް ވިދާޅުވީ މިއަދު ހެނދުނުއްސުރެ ހުޅަނގު އުތުރު ފަރާތުން ރަށަށް އުދަ އަރަމުންދާ ކަމަށެވެ. އަދި އުދައިގެ އަސަރުކޮށް ގޭގެއަށާއި ސްކޫލުތެރެއަށް ފެންވަދެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުދަ އަރާތީ އެކަން ހައްލުކުރުމަށް ކޯރު ކެނޑުމާއި އަދި ވެލިބަސްތާތައް ޖެހުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ ކަަމަށްވެސް ޖަލީލް ވިދާޅުވި އެވެ.

ޖަލީލް ވިދާޅުވީ މީގެ ކުރިންވެސް ދިޔަވަރު ބޮޑުވާ ގަޑީގައި އެރަށަށް ދޭތެރެ ދޭތެރެއިން އުދަ އަރާ ކަމަށެވެ.

"ދިޔަވަރު ބޮޑުވާ ގަޑީގައި ބަނަދަރުމަތިން ރާޅުތައް އަރައިގެން އަންނަނީ. ބޮޑަށް ލަފާކުރެވޭ މާދަންވެސް އުދަ އަރާނެހެން." ޖަލީލް ވިދާޅުވިއެވެ.

comment ކޮމެންޓް