މަޖީދީމަގާއި ސޯސަންމަގު ގުޅިފައިވާ ސަރަހައްދުގެ ޓްރެފިކް ލައިޓަށް މަޑުކޮއްލައިގެން އޮތް ކަޅުކުލައިގެ ޖަގުވަރ ކާރުގައި އިން ޒުވާނާ އޭނަގެ ފޯނުން ވާހަކަދައްކަމުން ފައިމަތީ ބާއްވާލާފައި އޮތް ފޮތުގައި ކޮންމެވެސް އެއްޗެއް ނޯޓު ކުރަމުންދިޔައެވެ. ކާރުގެ ކައިރީ މަޑުކޮއްލާ ކޮންމެ ފަރާތެއްގެ ލޯވެސް އެކާރަށް އަމާޒުނުވެއެއްނުދެއެވެ. އެހެނީ އޮފުކޮއްލެވިފައިވާއިރު ކައިރީގައި މަޑުކޮއްލައިގެން ތިބި މީހުންގެ ސިފަ ފެންނަހާވެއެވެ. އެންމެ ކޫރެއްހާ ހިސާބުވެސް ނެތް އެކާރުގެ ވެރިއަކީ ރާއްޖޭގެ ހޮޓެލް ދާއިރާގައި ނަންމަޝްހޫރު މަންސޫރުގެ ހުރި ހަމައަކެނި ފިރިހެންދަރިފުޅެވެ. އޭނަގެ ހައިބަތާއި މުއްސަނދިކަން ހަމައެކަނި އެކާރުންވެސް ދައްކުވައިދެއެވެ.
"ޖަމާލް، އަދި ކިހާއިރެއްވާނެތަ؟" ޒައުލް ކަންފަތާ ފޯނު ދުރުކޮއްލުމާއިއެކު އޭނަގެ ޙާއްޞަ ޑްރައިވަރުގެ ގާތު އަހާލިއެވެ.
"ދެން ނުވާނެ މާގިނައިރެއް ކުޑަސާހެބް، ވަގުތަށް އަޅުގަނޑު ގެންގޮސްދެއްވާނަން" ޖަމާލްވެސް ޒައުލްއަށް ބަލާލުމުގެ ބަދަލުގައި ބެލީ އަވަހަށް ޖަވާބުދެވޭތޯއެވެ. އޭނަގެ ހުރިހާ ސަމާލުކަމެއްވަނީ ކުރިމަތީއޮތް މަގަށް ހުއްޓިފައެވެ. ޖަމާލްއަކީ ޒައުލްގެ އުމުރުން ސަތާރަ އަހަރުންފެށިގެން އޭނަގެ ބައްޕަގެ ގާތުގައި މަސައްކަތްކުރަން އުޅުނު މެލޭޝިޔާގެ ރައްޔިތެކެވެ. އޭނަގެ ބައްޕަގެ ކުންޕީނީގެ ކާރުގެ ޑްރައިވަރުވެސްމެއެވެ. އާއިލާއަށް ވަފާތެރި ނޯކަރެކެވެ. އާއިލާގައި އުޅޭތާ ގިނަދުވަސްތަކެއްވެފައި ވުމާއިއެކު ދިވެހިބަސް ފަރިތަ ކަމާއިއެކު ބޭނުންކުރަން އެނގޭ ދެބައިއުމުރުގެ ފިރިހެނެކެވެ.
މެންދުރުގެ ގަދަ ހޫނުގައިވެސް މަގުތަކުގައި ހަލަބޮލިވެ އުޅޭ މީހުންނެއް މަދެއްނޫނެވެ. ސްކޫލްތަކަށް ކުދިންގެންދާ ގަޑިކަމަށްވުމާއިއެކު ގިނައަދަދަކަށް ބެލެނިވެރިންނާއި ސްކޫލްކުދިން ފެންނަމުންދިޔައެވެ. އޭސީ ކުރެވިފައިވާ ކާރުގެ ތެރޭގައި ޒައުލް އިންއިރުވެސް ލޮލުގައި ރަންޕްލެޓްގެ ސިލުވެޓް އައިނެއް އަޅާލާފައިވެއެވެ. އޭނަވެސް މަގުމަތިންދާމީހުންނަށް ބަލަންއިނީ ޓްރެޕިކް ލައިޓުގެ ފެހި އަލިއެޅޭނެ އިރެއްގެ އިންތިޒާރުގައި އިނދެއެވެ. މިއަދަކީ އޭނައަށް ވަރަށްވެސް ބޮޑު ދުވަހެކެވެ. އޭނަގެ ބައްޕަގެ މިންނަތް މަސައްކަތުން ކޮޅަށް ޖަހައި މިއަދު ބޮޑު ކުންފުންޏެއްގެ ގޮތުގައި ހިންގަމުންދާ ކުންފުނީގެ ދަށުން ހުޅުމާލޭގައި ފުރަތަމަ ފަހަރަށް އެޅޭ ލަގްޒަރީ ހޮޓެލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ދިއުމަށެވެ.
މަގުގެ އެއްފަރާތު ޕޭމަންޓު މަތިން ފުއްމަމުން ކަހަލަ ގޮތަކަށް އައި ކުޑަކުއްޖާ ކާރުގައި އިން ޒައުލްގެ ލޮލުގައި އަޅައިގަތެވެ. މިނިވަންކަމާއިއެކު އެއްވެސް ހިޔާލެއް ފިކުރެއްނެތި އޭނަގެ އަމިއްލަ ދުނިޔެއްގައި ވާފަދައެވެ. ޒައުލްއަށް އެކުޑަކުއްޖާގެ މޫނުގައިވި ހިނިތުންވުން އުނދަގޫކުރިއެވެ. ދެބުމަށް ކައިރިކޮއްލަމުން ނިތްކުރިއަށް ރޫއަރުވާލެވުނެވެ. ޖަމާލް ކާރު ނައްޓާލުމަށް ތައްޔާރުކޮއްލީއެވަގުތުއެވެ. ޒައުލް އެކުޑަ ފިރިހެންކުއްޖާގެ އަތުގައި ހިފައިގެންހުރެ ހިނގަމުން އަންނަ އަންހެން ކުއްޖާއަށް ބަލާލިއެވެ. ސިކުނޑީގެ ފޮރުވިފައިވާ ބައެއްގައި މީހަކު ކޮއްޓާލިހެން ހީވިއެވެ. އޭނައަށް އެއަންހެން ކުއްޖާގެ މޫނުން ދަންނަ ވައްތަރުޖެހިއެވެ. ޖަމާލު ކާރު ދުއްވާލަން އުޅެން ފެށުމުން އެހަށް މަޑުކޮއްލުމަށް ޒައުލް އެންގިއެވެ. އަދި ކާރުގެ ކައިރިން ލާފައި އޭނައަށް ފެނުނު ކުޑަފިރިހެންކުއްޖާ އާއި އޭނަގެ އަތުގައި ހިފައިގެން ހުރި އަންހެން ކުއްޖާ ކާރުގެ ފަހަތަށް ގޮސް ގެއްލެންދެން އޭނަ ބެލިއެވެ. އެފަދަރީތިކަމެއް އޭނަ މީގެ ކުރިންވަނީ ދެކެފައިކަމުގައި ސިކުނޑިބުންޏެވެ. އެހެންނަމަވެސް އެއްގޮތަކަށްވެސް ހަނދާންވާގޮތެއްނުވިއެވެ.
"ކުޑަ ސާހެބް..." ޖަމާލް ގޮވާލިއެވެ.
"ނައްޓާލާ..." ޒައުލް ދޮރުގައި ޖަހާފައިވާ ކަޅުބިއްލޫރި ގަނޑާއިދިމާލަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. އޭނަ ވިސްނަމުންދިޔައީ އެއަންހެން ކުއްޖާ އާއި ދޭތެރެއެވެ. އެހެންނަމަވެސް އެހިޔާލުތަކާއި ދުރަށްދާންޖެހުނީ އަތުގައި އޮތް ފޯނު ރިންގުވިއަޑަށެވެ.
ހުޅުމާލެއަށް ދިއުމަށްޓަކައި ލޯންޗުތައްޔާރުކުރެވިފައިއޮތްއިރު ޒައުލް ނޫނީ އެހެން ފަރާތްތަކުން އެތަނުގައި ތިއްބެވެ. ޒައުލްގެ ކާރު އައިސް މަޑުކޮއްލުމާއިއެކު އޭނަގެ ކަންފަތަށް ބުލޫޓޫތު ހެޑްސެޓު ހެޔޮވަރުކޮއްލަމުން ކާރުގެ ދޮރުހުޅުވާލިއެވެ. އަދި ކާރުން ފައިބައި ލައިގެން ހުރި ކޯޓުގެ ގޮއްތަށް އަޅުވާލަމުން އެޕްރޮޖެކްޓުގެ ސީނިއަރ މޭނެޖަރ ހަމްދޫން އާއި ސަލާމްކޮއްލުމަށް އަތްދިއްކޮއްލިއެވެ.
"ބައްޕަ ދުރުވާނެކަމަށް ހީކުރީ" ހަމްދޫން ޒައުލް އާއި ސަލާމްކޮއްލަމުން ބުނެލިއެވެ.
"މާފުކުރައްވާ އަޅުގަނޑު މީޓިންއެއް ނިންމާފަ އަންނަން ޖެހުމުން ލަސްވީ، ބައްޕަ އުޅުއްވަނީ ކުޑަކޮށް ބަލިވެ، ޓްރެވެލްކުރުން އެހާ ސޭފްއެއްނޫންކަމަށް ޑޮކްޓަރ އަންގަވަނީ" ޒައުލް އެންމެ ފުރަތަމަވެސް އޭނަ ލަސްވުމުން އެކަމަށް މާފަށްއެދުނެވެ. އަދި ހަމްދޫނު ކުރި ސުވާލަށް ޖަވާބުދިނީ އޭގެ ފަހުގައެވެ.
ހުޅުމާލޭގައި އުޅުމަށްފަހު ޒައުލްއަށް މާލެ އާދެވުނީ ހަވީރު ހަތަރެއްޖަހާ ދިޔަފަހުންނެވެ. ރާއްޖޭން ބޭރުގައި އޮތް ޓުއަރިޒަމް ސެމިނަރއަކަށް ގޮސްފައި މާލެ އައިގޮތަށް އޭނަ ދިޔައީ އޭނަގެ ހާއްޞަ ހޮޓަލަށެވެ. މީޓިންއަށްވެސް އަދި އަލަށް ބިންގާއެޅުނު ލަގްޒަރީ ހޮޓެލްގެ ކަންތައްތަކަށް އޭނަ ދިޔައީވެސް ސީދާ އެ ހޮޓަލުންނެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަށްވުރެ ކުރިން އޭނަ އިސްކަންދިނީ މާމަ ލާއިގާއަށް ގުޅުމެވެ. އަދި ހެޔޮހާލުގައި ގަދަވެ ސަލާމަތުން މާލޭގައި ހުރިކަމުގެ ހަބަރުދިނުމެވެ. އޭނަގެ ހުރިހާވެސް މީހަކީ އެއީއެވެ. ކާރުގައި ޖަމާލް އާއިއެކު އިންއިރު މާގިން ވާހަކައެއް ނުދައްކައެވެ. އޭނަގެ މަންޒިލަކަށްވީ އޭނަގެ ހޮޓަލްއެވެ.
ދެފަރާތަށް ކެހިގެންދިޔަ ބިއްލޫރިދޮރުން ވަދެގެންއަންނަ ޒުވާނާ ރިސެޕްޝަންގައި އިން ޔޫހާއަށް ފެނި ދެބުމަ ގޮއްޖާހިލިއެވެ. އެތަންފެށި އޭނަގެ ކައިރީގައި އިން ރިޔާޝާކައިރިއަށް ހިނިއައެވެ. އެހެންނަމަވެސް ގައިވައިދުގައި އޮންނަ ގޮތުންނަމަ ރިސެޕްޝަނިސްޓުން އެމީހުންގެ މަސައްކަތު ސަރަޙައްދުގައި ހީސަކަރާތް ޖެހުމަކީ މަނާކަމެކެވެ. ރިޔާޝާ ބޯތިރިކޮއްލަމުން ކައުންޓަރުގެ ނިވަލުގައި އިނދެ ހިނިގަނޑު ފިއްތާލަން މަސައްކަތްކުރަމުންދިޔައެވެ.
"ވަރަށް ފޫހިވޭ...މި މީހާ މިތަނުން ދާކަށްވެސް ނޫޅެޔޭ، އިއްޔެވެސް ސުޕަރވައިޒާރ ހާރިޝްގާތު ގުޅާފަ ބުންޏޭ ރިސެޕްޝަންގެ އިން ދޮންކުއްޖާ އަންނާނީ ކޮންއިރަކުންހޭ، ހާރިޝްވެސް ހުންނަނީ ފާޑަކަށް، އަދި މަށާދިމާލަށް އޭނަވެސް ބުނަނީ ރިސެޕްޝަން ފޯނުން މީސްމީހުންނާއި ނުގުޅައްޗޯ، ޕާރސަނަލް ކަންތައްތައް އޮފީހާއި ހަމައަށް އަޔަނުދޭށޯ....އަޅެ މަމިއުޅެނީ އެހެންތަ؟ މިމީހާ ގަނޑާއިހެދި ހާރިޝް ހީކުރަނީ ވަރަށް ގޯސްކޮށް، ހިތަށް އަރާ އޭނައަށް ފިލަންވިއްޔޭވެސް..." އެހިސާބަށް ބުނެވުނު ތަނާހެން ދޮރުންވަތް ޒުވާނާއައިސް ރިސެޕްޝަން ކައުންޓަރު ކައިރީ މަޑުކޮއްލިއެވެ. ވަގުތުން ޔޫހާގެ މޫނުމައްޗަށް ހިނިތުންވުން ގެންނަމުން ކިހިނެތްތޯ އޭނައަށް އެހީތެރިވެދޭންވީ ސުވާލުކޮއްލިއެވެ. އެޒުވާނާ ވާހަކަދެއްކީ އިނގިރޭސިންނެވެ. އޭނައަކީ ރަޝީޔާ ރައްޔިތެކެވެ. ރާއްޖެއައިސް އުޅެނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެންކަންވެސް އޭނަވަނީ ޔޫހާއަށް ކިޔާދީފައެވެ.
ޔޫހާ އޮންދަވޭ ފައިވްސްޓަރ ހޮޓެލްގެ ރިސެޕްޝަނިސްޓަކަށް އުޅޭތާ އަދި އެއްމަސްކިރިޔާވަނީއެވެ. އެހެންނަމަވެސް ތަނުގެ މެނޭޖްމަންޓާއި އެކުގައިއުޅޭ މުވައްޒަޒަފުންނާއި ވަރަށް ގުޅެއެވެ. އޭނަގެ ހުންނަ ހިތްހެޔޮ މިޒާޖުގެ ސަބަބުން އެކުވެރިން ހޯދުމަކީ އުނދަގޫކަމެއްނޫނެވެ. އެހެންނަމަވެސް އޭނައަކީ ބަސްމަދު އަންހެން ކުއްޖެވެ. މީހުންގެ ސަމާލުކަން ލިބުންނޭދޭ އަންހެންކުއްޖެކެވެ. އެހެންނަމަވެސް ގުދުރަތުގެ ކުޅަދާނަކަން މާމަތިވެރިވެގެންވެއެވެ. ބޭނުންނުވިކަމުގައި ވިޔަސް ގުދުރަތުން އޭނައަށް ލިބިފައިވަނީ މީހުން އަޅައިގަންނަފަދަ ރީތިކަމެކެވެ.
ހޮޓަލުން ނުކުތްގޮތަށް ޖަމާލު ޒައުލް ގޮވައިގެން އައިސް މަޑުކޮއްލީ މ. އެމީލީހިޔާގެއަށެވެ. ފަސްބުރިއަށްގެނެގިފައިވިއެއްކަމަކު ގޭގެ ސެކިއުރީފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ފަހުގެ ޓެކްނޯލެޖީގެ އެހީ ހޯދާފައިވާކަން ފެންނަން ހުއްޓެވެ. ޒައުލް ކާރުން ފޭބުމާއިއެކު ގޭތެރެއަށް ހުޅުވޭގޮތަށް ހަދާފައިވާ ކަޅުކުލައިގެ ބޮޑުގޭޓު ދޮރުފާރައަށްއަކަށް ހުރި ފިރިހެނަކު ހުޅުވާލިއެވެ. ޖަމާލު ކާރު ގަރާޖުގައި ޕާކުކޮއްލުމަށްފަހު ޒައުލްގެ ފޮށިހިފައިގެން ގޭތެރެއަށްވަނެވެ.
"ސަލާމް މާމާ" ޒައުލްގެ އަޑުއިވިފައި ލާއިގާ ކިޔަންއިން ފޮތް ބާއްވާލަމުން ސޯފާގެ ފަހަތަށް ދޮރާދިމާލަށް ނަޒަރު ހިންގާލިއެވެ. އެއާއިއެކު ލާއިގާގެ މޫނުމަތިން އުފާވެރިކަމާއިއެކު ހިނިތުންވުމެއް ފެނިގެންދިޔައެވެ.
"ދަރިފުޅު އަންނާނެ އިރެއްނޭގިފަ މާމަ މިއިންނަނީ، ފަހުން ގުޅާވެސް ނުލަމެއްނު، ހާދަ އުފާވެއްޖެޔޭ މަގޭދަރިފުޅު ފެނުމުން، ކޮބާ އެއްޗެއް ކައިފިންތަ މިހާރު؟ އެހަށް ފެންވަރާލާ ތަޒާވެލައިގެން ދޯ ނުކުންނާނީ، ބައްޕަވެސް ހަވީރު ސައިބައްލަވަން ނުކުންނަވާނެ، މިހާރު އެބައިން ލައިބްރަރީގައި، ކޮންމެވެސް ލިޔުންތަކެއް ބައްލަވަން" ލާއިގާގެ އުފާވެރިކަން ޒައުލް ފެނުމުން އިތުރުވެގެންދިޔައެވެ. ޒައުލްއަކީ އޭނަގެ ދެލޮލުގެ ނޫރެއެވެ. ލޮލުގެ ކޮއެވެ. އެހާވެސް ލޯބިވެއެވެ. އާއިލާގައި ދެންތިބި ދެމާމަ ދަރިންނަށްވުރެ ލާއިގާއަށް ޒައުލް ޙާއްޞައެވެ. ލާއިގާގެ ހަރަކާތްތައް ފެނި ޒައުލްގެ ހިތަށް ހަމަޖެހުންގެނެސްދިނެވެ. މިއަދު އޭނައަށް ދަސްވި ރީތި އާދައެއްވެއްޖެޔާ ދަސްވެފައިވަނީ އެމާމަގެ ފަރާތުންނެވެ. ލާއިގާއަށްވުރެ އިސްކޮޅުން ދިގު ކަމުގައިވިޔަސް އިޙްތިރާމްގެ ގޮތުން ލާއިގާގެ ހުރިހާކަމަކަށް ޒައުލް އިސްކަންދެއެވެ. ލާއިގާ އާއިއެކު ހިނގުމުގައި އޭނަގެ އެއްފަރާތުގައި ކުޑަތަންކޮޅެއް ފަހަތަށް ޖެހި ހުރެ ހިނގަން ޒައުލްއަށްވަނީ އާދަވެފައެވެ. އެންމެ ކުޑަމިނުން ލާއިގާ ވާހަކަދައްކާނަމަ އޭނަގެ ވާހަކަ ނުނިމެނިސް ޒައުލް އެއްވެސް އެއްޗެއް ނުބުނާނެއެވެ. ބައްޕައަށްވުރެވެސް ލާއިގާއަށް އޭނަ ކުރާ ގަދަރުބޮޑުވެގެންވެއެވެ.
ހަވީރުގެ ސަޔަށް ސުފުރާމަތި ތައްޔާރުކުރަމުންދިޔައިރު ގޭގައި ގެންގުޅޭ ނޯކަރުންތައް އަވަދިނެތި އުޅެމުންދިޔައެވެ. ކުޅި ބާވަތްތަކާއި ފޮނިބާވަތްތަކުގެ ހެދިކާއެވެ. ކިރުސަޔާއި ކަޅުސައެވެ. ކޮފީ ބޯންބޭނުންވާނަމަ ދެވައްތަރުގެ ކޮފީއެވެ. އެހުރިހާ ކަމެއް ބަލަމުންދިޔައީ ލާއިގާއެވެ. ސުފުރާމަތީ ބަހައްޓާނެ ސަމްސަލަކަށް ދަންދެން ކިޔާދެމުންދިޔައީ ލާއިގާއެވެ. މަންސޫރަށްވުރެ އެގޭގައި ބަސްބުނެ ކަންތައްތައް ނިންމާހަދަނީ އޭނަގެ މަންމަ ލާއިގާއެވެ. އެކަމާ އޭނަގެވެސް އެއްވެސް މައްސަލައެއްނެތެވެ. އެހެނީ އޭނައަކީވެސް މަންމަދެކެ ލޯބިވާ ދަރިއަކަށްވީކަމެވެ. މަންމަފަދަ ރަނގަޅު އަޙްލާގެއްގެ ވެރިއަކަށް މަންސޫރުވެސް ވީކަމެވެ. މިއަދު އޭނަގެ ވިޔަފާރި ޒައުލް ބަލަހައްޓަމުންދާކަން އެއީ އޭނަދެކެމުން އައި ހުވަފެނެވެ. މުސްކުޅިވެ ގައިބާރުދެރަވާދުވަހު އޭނަގެ ޒިންމާތައް ދޫކޮށްދާނެ ފަރާތެއްކަމުގައި ޒައުލްވީކަމީ މަރުއެނދުގައިވެސް އޭނައަށް ހަމަޖެހިލައިގެން އޮވެވޭނެކަމެކެވެ.
"ހެލޯ، ކިހިނެތްތައް، ހަވީރު ޑިއުޓީދޯ" ލޮބީއިން ހުރަސްކަނޑާލި ޝާއިން ޔޫހާއަށް ބުނެލިއެވެ.
"އާން، މިރޭ ނިމޭނީ، އޯލްރެޑީ މިސިންގ ހިމް" ޔޫހާ ކައުންޓަރުމަތީ ދެއަތްބާއްވާލަމުން ދެރަވެފައިވާ މޫނެއްދައްކާލިއެވެ. ޝާއިން ލުއިގޮތަކަށް ހީލިއެވެ.
"އަހަންނަށްވެސް ޝާއިން ގޮވާލާނަމަ" ރިސެޕްޝަނުގައި ތިބޭ ތިންކުދިންގެ ތެރެއިން ޔޫހާ އާއި ރިޔާޝާގެ އިތުރުން ދެންހުރި އަންހެންކުއްޖާ ބުނެލިއަޑުއިވުނެވެ. އެކަމާ ރިޔާޝާ އޭނަ އާއި ދިމާކޮއްލިއެވެ. ޔޫހާ ހުއްޓަ މީހަކު އެމީހުންނަށް ގޮވާނެހޭ ބުނެލިއެވެ. ޝާއިން އެދިޔަގޮތަށް ނުކުތީ ބޭރަށެވެ. އޭނަގެ އޮފީސްވަގުތު ނިމުނީއެވެ. ޔޫހާގެ ހުރި ހަމައެކަނި ގާތް ރަޙުމަތްތެރިއަކީ އެއީއެވެ. އޭނަގެ ދިރިއުޅުމުގެ ހުރިހާކަމެއް ހިއްސާކުރަމުން މިހާރު އަންނަނީ އެއެކުވެރިޔާ އާއިއެވެ. މިއަދު ޝާއިންފަދަ ރަޙުމަތްތެރިއަކު ލިބުނަތީ އެކަމާ ޝުކުރުވެރިވެއެވެ. ރިސެޕްޝަނިސްޓެއްގެ ވަޒީފާގައި އޭނަ މިއަދު ހުރުމަށް ފުރުޞަތުދިނީވެސް ޝާއިންނެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު