މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

ޔާސިރު އޮފީހަށް ދިޔުމުގެ ބަދަލުގައި ދިޔައީ މާފަންނު ކޮޅުގައި ހުރި ފަޅުގެއެއްގެ ކުރިމައްޗަށެވެ. ފަސްބުރިއަށް ހަދާފައިވާ ގެއެއްނަމަވެސް ބޭރުންވެސް އެއީ ބާވެފައިވާ އިމާރާތެއްކަން ދެނެގަނެވެއެވެ. ވީރާނާ ވަމުންދާ އަސަރުތައް އެ އިމާރާތް ވަށައިގެން ފެންނަމުންދިޔައެވެ. ހީވަނީ ބާވެ ބޮލަށް ވެއްޓެން ގާތްވެފައި ހުރިހެންނެވެ. ކާރުގައި އެ އިމާރާތަށް ބަލަން އިނުމަށްފަހު ޔާސިރުގެ އެދުމަށް ޑްރައިވަރު ކާރު ދުއްވާލިއެވެ. ސީޓުގައި ލެނގިލަމުން އޭނާ ދެލޯ މަރާ ފުންނޭވާއެއްލިއެވެ. އެހެންނަމަވެސް ވަކި ހިސާބަކަށް ގޮސްފައި އޭނާގެ ހިޔާލު ބަދަލުވިއެވެ. އެނބުރި އެ ގެއާ ހިސާބަށް އައިސް ޑްރައިވަރު ގާތު މަޑުކޮށްލަން ބުނެފައި އޭނާ ހިނގައިގަތީ އިމާރާތުގެ ތެރެއަށެވެ.

ކަނު އަނދިރިކަން އެ ތަނުގައި ރަސްކަން ކުރަމުން ދިޔުމުގެ ސަބަބުން ޔާސިރުގެ ލޯ އެތަނަށް ހޭނެން އިރުގަނޑެއް ނެގިއެވެ. ދުވާލުގެ ވަގުތަކަށް ވިނަމަވެސް އެތަނަށް އަލި ނުވަންނާތީ ނާމާންކަމާއި ބިރުވެރިކަންވެސް ރަސްކަން ކުރަމުންދިޔައެވެ. އެހެންނަމަވެސް ޔާސިރުގެ މޫނުމަތިން ބިރުވެރިކަމުގެ އަސަރެއް ނުފެނެއެވެ. އެތަނުގެ އެތެރެއަށް ހިނގައިގަތް ގޮތުން އެއީ އޭނާއަށް ނުހަނު ފަރިތަ އިމާރާތެއްކަން ދެނެގަނެވެއެވެ. އެންމެ އަވަހަށް ޖެހުނު ދޮރު ދޮށަށް ހުއްޓިފައި އޭނަ ދޮރުގެ ތަޅުގައި ހިފާލިއެވެ. އެއާއެކު އަތުގައި ކޮންމެވެސް މަޑު އެއްޗެއް ޖެހުނެވެ. ފޯނު ދިއްލާފައި ބަލާލުމުން އެތަނުގައި ހުރި މަކުނުވާތައް ލޮލުގައި އަޅައިގެތެވެ. ވަށައިގެން ބަލާލުމުންވެސް ހިރަފުހާއި މަކުނުވާ ނޫން އެއްޗެއް ނުފެނެއެވެ. ޖީބުން ނެގި ރުމާ ކޮޅުން ތަޅު ސާފުކޮށްލުމަށްފަހު ދޮރު ހުޅުވާލަން އަވަސްވެގަތެވެ. މަޑުމަޑުން އެތެރެއަށް ހުޅުވާލި ދޮރުން ދަގަނޑު ބާވެ ދަބަރުޖެހުމުން ކިޔާ ކަހަލަ އަޑެއް ކިޔެވެ. ހުޅުވާލުމާއެކު ނޭފަތަށް އުނދަގޫވެގަތީ އެތަނުގައި ހަރުލާފައި ހުރި ހިރަފުހުގެ ވަހުގެ ސަބަބުންނެވެ. ކުޑަ އިރުކޮޅަކު ބޭރުގައި މަޑުކޮށްލައިގެން ހުރެފައި އޭނަ އެތެރެއަށް ވަނެވެ. ފޯނުގެ ލައިޓް ދިމަ ދިމާ އަނބުރާލަމުން އެތަނުގެ އެތެރެއަށް ބަލާލިއެވެ. އެއްފަރާތެއްގައި ހުރި ފަންޖެހެނދާއި އޭގެ ކައިރިގައި ހުރި ލަކުނޑި ގޮނޑި އޭނާގެ ލޮލުގައި އަޅައިގަތެވެ. އިރުކޮޅަކު ހިމޭންވި ޔާސިރު އަނެއްފަރާތަށް އަލިކޮށްލުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ކުޑަ ކުޑަ މޭޒެކެވެ. އެ ހުރިހާ އެއްޗެއްގައި ވެސް ހުސް ހިރަފުހެވެ. މައްޗަށް އަލިކޮށްލުމާއެކު މަތީގައި ވާ ގަނޑެއް އެލުވާފައި ހުއްޓެވެ. ހީވަނީ ބޮއްކެތް ކަހަލަ އެއްޗެއް ދިއްލުމަށްޓަކައި ބޭނުންކުރި އެއްޗެއްހެންނެވެ.

އަނެއްކާވެސް ފިޔަވަޅެއް ޔާސިރު ކުރިއަށް އަޅާލިއެވެ. ފަންޖެހެނދު ކައިރިއަށް ޖެހިލާފައި ޔާސިރު ދެލޯމަރާލިއެވެ. ހީވަނީ އޭނާއަށް ވެރިވަމުން ދިޔަ ހިޔާލުތަކުގެ ސަބަބުން އުނދަގޫވީހެންނެވެ. އަތުގެ ކޮޅަށް ފޯނު ހޫރާލުމާއެކު ހަޅޭއްލަވައިގަތެވެ. ފޯނު ކުދި ކުދި ވި އަޑު މުޅި އެތަނުގައި ގުގުމާލިއެވެ. ފުންނޭވާއެއް ޔާސިރު ދޫކޮށްލިއެވެ. އެއަށްފަހު އޭނާ ހިނގައިގަތީ އެތަނުން ނުކުންނާށެވެ.

އިމާރާތުން ނުކުތުމަށްފަހު މަގުގެ ދެކޮޅު ހޯދާލާފައި ގޮސް ކާރަށް އަރާ އޮފީހާ ދިމާ ދިޔުމަށް ޑްރައިވަރަށް އަމުރުކޮށްލިއެވެ. ބޯ ޖަހާލުމަށްފަހު ޑްރައިވަރުވެސް ކާރު ދުއްވާލީއެވެ.

ކޮޓަރިއަށް ވަދެ ތާޒާ ވެލުމަށްފަހު ގޭގައި މަޑުކުރުމުގެ ހިޔާލް ނެތުމާއެކު ނަވީން ތިރިއަށް ފޭބީ އޮފީހަށް ދިޔުމުގެ ބޭނުމުގައެވެ. ސިޑިން ފައިބައިގެން ދޮރާ ދިމާ ހިނގައިގަތް ތަނާ ދޮންމަންމަ ލައިލާ ނަވީންއަށް ގޮވާލިއެވެ.

"ނަވީން ރޭގަ ގެއަށް ނިދަންވެސް ނައިސް ކޮންތާކު އުޅުނީ؟" ލައިލާ ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. ލައިލާގެ އެ ސުވާލުން ޔާސިރު ގާތު އޭނަ ނިދަން ނާންނަ ވާހަކަބުނީ ލައިލާކަން ދެނެގަނެވުނު ނަވީން ދަތްތަކަށް ބާރުކޮށްލިއެވެ. މުށްކަވާލި އަތް ޖީބަށް ޖަހާލަމުން އޭނަ ރީތިކޮށް ލައިލާ އާ ކުރިމަތިލިއެވެ.

"ހީ ނުކުރަން... ދޮންމަންމަ އަހަރެންގެ ހަރަކާތްތަކަށް އެހާ ފާރަވެރިވެދާނެކަމަށް..." އެ ސުވާލަށް ޖަވާބުދިނުން މުހިންމު ކަމަކަށް ނުދެކި ނަވީން ބުނެލިއެވެ. އަޑުގައި ކޮންމެވެސް ވަރެއްގެ ނުރުހުންވުމެއް ހުރިނަމަވެސް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުގައެވެ. އެހެނެއްކަމަކު ދޮންމަންމައޭ ބުނެލިއިރު އެ އަޑަށް ބާރުކަމެއް ވެރިވިއެވެ.

"ދޮންމަންމައަކަށް ވިޔަސް މިއަދު ހަމަ ނަވީންގެ މަންމަގެ މަޤާމުގަ ހުރީ އަހަރެން އެހެން ވީމަ...."

"އަހަރެންގެ މަންމަގެ މަޤާމު އެހެން އެއްވެސް މީހަކަށް ނުދެވޭނެ...." ލައިލާގެ ވާހަކަ ފުރިހަމަ ކުރުމުގެ ކުރިން ނަވީން ވާހަކަދެއްކިއެވެ. އެއާއެކު ލައިލާ މަލާމާތުގެ ގޮތަކަށް ހީލަމުން ބުމަވެސް އަރުވާލިއެވެ. ބޮޑާކަމުގެ އަސަރުތައް މޫނުމަތިން ފެނިލިއެވެ.

"ހަނދާން ކުރައްޗޭ... އަހަރެންގެ ބައްޕައާ އިނދެވުނަސް...."

"އަނހާ ދޮންބޭ..." ކުއްލިއަކަށް އިވުނު އަލޫކްގެ އަޑާއެކު ނަވީންއަށް މަޑުޖެހިލެވުނެވެ.

"މަންމައާ ދެމީހުން ކޮން ވާހަކައެއްގަ؟" އެއައި ގޮތަށް އައިސް ނަވީންގެ ކޮނޑަށް އަތް ވައްޓާލަމުން އަލޫކް ވާހަކަދެއްކިއެވެ.

"ދޮންބެ ނުވެސް ކައި އޮފީހަށް ދާތީ ކާން ހިނގާށޭ މި ބުނީ... އަލޫކް ދަރިފުޅު ކައިފިންތަ؟" ވާހަކަ އޮމާން ކުރަމުން ލައިލާ ނަވީންއަށް ބަލާލިއެވެ. ރުޅި އައިނަމަވެސް އަލޫކް ހުރީތީ އާއެކޭ ބުނުމަށްފަހު ނަވީން ވެސް ހިނިތުންވެލީއެވެ.

"އިނގޭތަ؟ ރޭ ވަރަށް ލަސްވަންދެން ނުނިދާ އިނިން ބައްޕަދިން ކުންފުނީގެ ފާއިތުވެ ދިޔަ އަހަރުތަކުގެ ރިޕޯޓްތަކެއް ބަލަން ... އެކަމާ އުޅެން ހަދައިގެން ލަހުން ނިދުނީމަ ނުވެސް ހޭލެވުނު... ގަޑިވެސް ޖެހިއްޖެ. ހިނގާ ދެން ސައިބޮއިގެން ދާން އަވަހަށް...." އަލޫކް ބުނެލުމާއެކު ނަވީންވެސް ހިނގައިގަތީ ކާކޮޓަރިއާ ދިމާލަށެވެ. ސައިބޮއިހަދައިގެން ދެމީހުންވެސް އޮފީހަށް ދިޔައީ އެއްކޮށެވެ.

"ދޮންބެ ރޭގަ ގެއަށް ނާންނަނީތަ؟ ބާރަ ޖަހަން ގާތްވެފަ ހުއްޓަވެސް ދޮންބެ ހޯދަން ދިޔައިމޭ... ކޮންމެވެސް ލިޔެ ކިޔުންތަކެއްގެ މައްސަލަ އުޅެނީޔޯ. އެހެންވެ އެ ރަނގަޅު ކުރަންވެގެން..." އޮފީހުގެ ތެރެއަށް ހިނގައިގަންނަމުން އަލޫކް ވާހަކަދެއްކިއެވެ.

"ދޮންބެ ރޭގަ.... އޮފީހުގަ އިނީ... ލޫކްއަށް ހަވާލުކުރި ގޮތަށް ބައްޕަ ދޮންބެއަށްވެސް މަސައްކަތެއް ހަވާލުކުރީ... އެންމެ ފަހުން ވަރުބަލިވެގެން ގޮސް ސޯފާގަ ޖައްސާލިގޮތަކަށް ނިދުނީ" ނަވީން ދޮގެއް ހަދާލިއެވެ.

ނަވީން އޭނާގެ ކެބިންއަށް ވަނުމާއެކު އަލޫކްވެސް މިސްރާބުޖެހީ އޭނާގެ ކެބިންއަށް ދިޔުމަށެވެ. ގޮނޑީގައި އިށީނދެހަމަޖެހިލުމަށްފަހު ނަވީން މޭޒުމަތީގައި ހުރި ލިޔެ ކިޔުންތަކަށް ނަޒަރު ހުއްޓާލިއެވެ.

ލިޔުންތައް ނަގާފައިވެސް ދުރަށް ޖައްސާލިއެވެ. އެއަށްފަހު އޭނާ ފޯނު ނަގާ އާހިލްއަށް ގުޅާލިއެވެ. އާހިލް މާމަ ބަލިވެގެން ޗުއްޓީ ނަގައިގެން އުޅޭތީ އޭނާއަށް ވަރަށް އުނދަގުލެވެ.

"އާހިލް... ކޮން އިރަކު ނުކުންނާނީ ބްރަދަރ؟" އެކޮޅުން ފޯނު ނެގުމާއެކު ލަސް ނުކޮށް ނަވީން ސުވާލުކޮށްލިއެވެ.

"އަހަރެންނާ ނުލާ ނޫޅެވޭ ދޯ... މީނަ މީހަކާ އިނަސް މަ ނެތިއްޔާ އެއްކަމެއްވެސް ނުވާނެކަންނޭގެ..." އާހިލް ސަކަރާތުގެ ގޮތުގައި ބުނެލިއެވެ.

"އާނ ކިހާ ފޫހިވާނެ... ފާޑެއްގެ ލިޔުންތަކެއް ދިރާސާއެއް ކުރަން ޖެހިގެން.... " ނަވީން ލިޔުންތަކަށް ނަޒަރު ހުއްޓާލިއެވެ. އާހިލް މާދަން ނުކުންނާނަމޭ ބުނުމުން ނަވީންއަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނާ ފޯން ބާއްވަމުން މަސައްކަތަށް އަވަސްވެގަތީ އަވަހަށް މަންމަ ގާތަށް ދާން ބޭނުންވެފައި ހުރީތީއެވެ. އަދި އަންނަ ހަފްތާގައި ރާއްޖޭން ބޭރަށް ދާންޖެހޭތީ އެވާހަކަވެސް އާހިލްގާތު ބުނެލާފައެވެ.

*****

މާހިރާ ހޭލިއިރު އިބާ ހުރީ ކާއެއްޗެހި ތައްޔާރުކޮށްފައެވެ. ރޮށިފިހެ ބަރަބޯ ރިހާ ކައްކާފައި ސެލެޑެއްވެސް ހަދާފައި ހުއްޓެވެ. އިބާ މާހިރާ ގާތަށް ޖެހިލާ މާހިރާ ތެދުވަން އެހީތެރިވެދޭން އުޅުނެވެ. މިވީ ދުވަސްތަކުގައި އިބާ އާ ދޭތެރޭ ގަންނަ ބިރުކޮންމެވެސް ވަރަކަށް ކެނޑުނުނަމަވެސް މާހިރާގެ އަދިވެސް އިބާ ދެކެ ކުޑަކޮށް ޖެހިލުންވިއެވެ. މާހިރާގެ ހާލަތު ވިސްނައިގެން އިބާ މަސައްކަތް ކުރަނީ މާހިރާގެ ސިކުނޑިއަށް އެންމެ ލުއިވާ ގޮތަކަށް ހުރިހާ ކަމެއްވެސް ކެތްތެރިކަމާއެކު ކޮށްދިނުމަށެވެ. މާހިރާ އިރުކޮޅަކު އިބާއަށް ބަލަން އިނީ ކާކުކަން ނޭނގޭ ފަދަ ގޮތަކަށެވެ. ދެ ބުމަ ގާތް ކޮށްލުމަށްފަހު އެއްއަރިއަކަށް ބޯ އަރިކޮށްލާފައިވެސް ބަލާލިއެވެ. އެމޫނުމަތިން މާހިރާ ހޯދަން މަސައްކަތްކުރާ އެއްޗެއް ނޭނގި އިބާއަށް ދެފަހަރަކު މޫނުގައި އަތްވެސް ލެވުނެވެ. މާހިރާ އަށް އިބާގެ އަތް ދިއްކޮށްލުމާއެކު މާހިރާ އެ އަތުގައި ހިފިއެވެ. އިބާގެ އެހީތެރިކަމާއެކު ތެދުވެ އޭނާ ދަތް ވެސް އުނގުޅިއެވެ. މާހިރާގޮވައިގެން ގެނެސް ކާމޭޒު ދޮށުގައި ބެއިންދުމަށްފަހު އިބާ ރޮށި ތައްޓަކަށް ކޮށާދިނެވެ. އެއަށްފަހު ރިހަ އަޅާ ރޮށި މޮޑެދީފައި މާހިރާ ގާތަށް ޖައްސާލިއެވެ. މާހިރާ އުނދަގުލުން ކަހަލަ ގޮތަކަށް އަތް އުފުލާލާފައި އުލުގައި ހިފިއެވެ. ގޮށްމުށުން ކަހަލަ ގޮތަކަށް އުލުގައި ހިފައްޓާފައި ކާން ވެގެން ނަގަން އުޅުމުން އިބާއަށް ހިނިތުންވެވުނެވެ. މާހިރާ ގެނައި އިރު އުލެއްގައި ހިފަންވެސް ނޭނގެއެވެ. އިބާގެ ބުރަ މަސައްކަތުން މިހާރު މާހިރާ އެދަނީ އެފަދަ ކުދި ކުދި ކަންތައްތައް ދަސްކުރަމުންނެވެ.

ކައިނިންމާލަމުން ފެންތަށިވެސް ހުސްކޮށްލިއެވެ. އެއަށްފަހު އޭނާ އިބާއަށް ބަލާލިއެވެ. ތުންފަތަށް ލުއި ހިނިތުންވުމެއްގެ އަސަރުވެރިވާން އުޅުނުހެން ހީވިއެވެ. އެހެންނަމަވެސް އެ އަސަރު އެ މޫނުމަތި ހިސާރު ކުރުމުގެ ކުރިން ކުރިން ހުރި ކުލަވަރަށް ބަދަލުވެއްޖެއެވެ. މާހިރާގެ މޫނުމަތިން ފުރަތަމަ ފަހަރަށް ކުޑަނަމަވެސް އުޖާލާކަމެއް އިބާއަށް ފެނިއްޖެއެވެ. އޭނާއަށް އިތުރު އުންމީދެއް ލިބުނެވެ. މާހިރާގެ ބޭސް ކާޑުން ބޭސް ނަގާފައި މާހިރާއަށް ބޭސްދިނެވެ. މާހިރާ ސޯފާގައި ބައިންދާފައި އިބާ ތަށިތައް ނަގާ ހަދާފައި އަވަސްވެގަތީ ފެންވަރާލަން ދާށެވެ. ކުޑަކޮށް ވަރުބަލިވެފައި ހުރުމާވެސް އެކީގައެވެ. ހަވީރުއަތަށް އެޅިފަހުން އިބާ އެއްޗެހި ދޮންނަން ވެގެން އުޅެނިކޮށް ނަވީންގެއަށް އައިސް ވަނެވެ. އޭރު މާހިރާ ސޯފާގައި އިނެވެ. މޫނުމަތިން ނިދީގެ އަސަރު ފެންނަމުންދެއެވެ. ނަވީން އައިސް ސޯފާގައި އިށީނދެފައި އިބާއަށް ނަޒަރެއްދިނެވެ. އެއަށްފަހު އޭނާ މާހިރާއަށް ގޮވާލިއެވެ. މާހިރާގެ މޫނުމަތިން އާދަޔާ ހިލާފް ހިންހަމަޖެހުމެއް ނަވީންއަށް ވެސް ފާހަގަކުރެވުނެވެ. އެކަމާ އޭނަވެސް އުފާވިއެވެ.

ނަވީން މާހިރާ އާއި ވާހަކަދެއްކިނަމަވެސް ބޯ ޖަހާލުން ފިޔަވާ އިތުރު އެއްޗެއް މާހިރާއެއް ނުބުންޏެވެ. އިބާއަށް ބަލާލާފައި ނަވީން ވާހަކަދެއްކިއެވެ.

"އިބާ... ގޭގަ މަސައްކަތް ކުރަން މީހަކު ހޯދަންވީ ދޯ؟ ކުރީގައި ވެސް އެވާހަކަ ދެއްކީމަ އިބާ ބޭނުންނުވީމަ އަހަރެން އަޅާނުލީ. އެކަމަކު މިހާރު ހީވަނީ އިތުރު މީހަކު ހޯދަންވީހެން... އިބާ އަށް މާ ބުރަހެން އަހަންނަށް ހީވަނީ..." އެއްޗެހިތައް މެޝިނަށް އަޅާފައި އިބާވެސް އައިސް ސޯފާގައި ޖައްސާލިއެވެ.

"އަނެއްހެން ބުރައެއް ނޫން. އަނެއްކާ އަޅުގަނޑަށްށް އެހާ ބޮޑު މުސާރައެއް ދޭއިރު އެއަށް އެކަށީގެންވާ ވަރަށް މަސައްކަތްވެސް ކުރަން ޖެހޭނެއެއްނޫންތޯ؟" އިބާ މަޑުމައިތިރިކަމާއެކު ދިން ޖަވާބުން ނަވީންގެ ތުންފަތަށް ލުއި ހިނިތުންވުމެއްވެރިވިއެވެ.

"އިބާ ކުރަންވީ ކަމަކީ އަހަރެންގެ މަންމަގެ ކަންތައް ތައް ބަރާބަރަށް ބަލައިދޭންވީ... އެހެންމީހަކު ގެނަޔަސް އިބާއޭ މަންމަގެ ހުރިހާ ކަމެއް ކުރާނީ... އޭނަ ހަމައެކަނި ކައްކާކަންތައް ކުރަން ގެންނަ ވާހަކަ މި ދައްކަނީ..." ނަވީންގެ ވާހަކައަށް އިބާ މިފަހަރު އެއްވެސް އެއްޗެއްނުބުނެއެވެ. މާހިރާ ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ. އެއަށްފަހު އޭނާ ޓީވީއަށް ނަޒަރު ހުއްޓާލީއެވެ.

*****

ނަވީންގެއަށް ގޮސްވަތްތަނާ ބައްޕަ ޔާސިރު ސްޓަޑީއަށް އައުމަށް ބުނުމުން އޭނާ ގޮސް ވަތް އިރު އަލޫކްވެސް އިނެވެ. އަލޫކްއަށް ބަލާލާފައި ބުމަ އަރުވާލަމުން ގޮސް ވަށްކޮށް ހުރި މޭޒުކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީނދެފައި ނަވީން ޔާސިރުއާ ވާހަކަދެއްކިއެވެ.

"ނަވީންއަށް އެނގިފަ ކަންނޭގެ އޮންނާނީ އަންނަ ހަފްތާ ފުރަންޖެހޭކަން... ވަރަށް ކުއްލިގޮތަކަށް ހުރިހާ ކަމެއް ވެސް ހަމަޖެހުނީ... އެހެންވީމަ ދަރިފުޅު ކޮށްދޭންވީ ކަމަކީ ބައްޕަ ހަވާލުކުރި ހުރިހާ އެއްޗެއް އަލޫކްއާ ހަވާލުކުރަންވީ... ދަތުރުގައި ގެންދަންޖެހޭ ހުރިހާ ލިޔެކިޔުމެއް ތައްޔާރުކުރަންވީ... އެއަށްފަހު ދަތުރަށް ތައްޔާރުވާންވީ... އާހިލްއާ ދެކުދިންނަށް ދެވޭނެއެއްނު....." ޔާސިރު ބުނެލިއެވެ.

"ލައްބަ... ހިތަށް އަރަނީ ކީއްވެބާއޭ އެމީހުން ކުއްލިއަކަށް ހުރިހާ ކަމެއް ހަމަޖެއްސީ... އަނެއްކޮޅުން މިދުވަސްކޮޅު އަޅުގަނޑު ދިޔައިމަ ކުންފުންޏަށްވެސް ވަރަށް އުނދަގޫވާނެ... އަލޫކްއާއެކު އާހިލް ފޮނުވަންވީނު... އާހިލްއަށް ހުރިހާކަމެއް އެގޭނެ" ނަވީން އެ ދަތުރު ދާކަށް ބޭނުމެއްނޫނެވެ. ބިޒްނަސް ދަތުރުގެ ވާހަކަ ދައްކަން އޭނާވެސް ހުރީ ބޭނުންވެފައެވެ. އޭނާގެ ބަދަލުގައި އެހެންމީހަކު ހަމަޖައްސަން އެދުނީ އެހެންވެއެވެ.

"މި ދަތުރު ކުންފުނީގެ ރައީސް ދިޔުން ވަރަށް މުހިންމު... އަނެއްކޮޅުން އަލޫކް އަދި ހުރިހާ ކަމަކަށްވެސް އާވާނެ... ދުނިޔޭގެ ދިހަ ގައުމަކުން ބައިވެރިވާ ބައްދަލުވުމަކަށް ވީތީ ތަޖުރިބާ ހުރި ގާބިލް މީހަކު ދާންވާނީ..." ޔާސިރު ނަވީންގެ ނިންމުމާ ދެކޮޅުހެދިއެވެ. އޭނާ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ. އެއަށްފަހު އެއީ އޭނާގެ އެންމެ ފަހުގެ ނިންމުމޭ ބުނެލިއެވެ. ހަރުކަށިކަން އަޑަށް ގެނައުމާއެކު ނަވީންވެސް އިތުރަށް ބަހުސްކުރާކަސް ބޭނުމެއްނުވިއެވެ. ދައްކަން ހުރި ވާހަކަތައް ދައްކާފައި ޔާސިރު ދިޔުމުން ނަވީން ގޮނޑީގައި ހަމަޖެހިލިއެވެ. ތުނިކޮށް ފަޅަންފަށާފައިވާ ތުނބުޅީގައި އަތް ހިންގާލުމަށްފަހު އަލޫކްއަށް ބަލާލިއެވެ.

"ދޮންބެ... އަނެއްކާ އަނެއް މަސައްކަތް..." އަލޫކްވެސް ތުންހަދާލިއެވެ.

"ތިހެން އަނގަހެދީމަ ހީވަނީ އަންހެނެއްހެން...ހެހެ... އެ މަސައްކަތް އަލޫކް ކުރާކަށް ނުޖެހޭނެ. ދޮންބެ އެ ހުރިހާކަމެއް ކޮށް ނިންމައިފިން..." އަލޫކް ގެ މޫނުމަތި ވަގުތުން އުޖާހާވެގެން ދިޔައެވެ.

"ހޭނެ ވަރަކަށް ހީ... ފަހުން އަލޫކް މި ގޮނޑިއަށް އައިމަ ބަލާނަން ހެވިފަ އިނދެވޭތޯ... އެނީވޭޒް.... ވަރަށް ވަރުބަލި. އަނެއްކާ މާދަން ފުރަންޖެހޭއިރު ކުރަންޖެހޭ ބައިވަރު ކަންތައްވެސް އެބަހުރި.... ދަނީ" ތެދުވެ އަލޫކްގެ ކޮނޑުގައި ޖަހާލުމަށްފަހު ނަވީން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ފެންވަރާ ހަދާލައިގެން މަޢްރިބް ނަމާދުކުރަން މިސްކިތަށް ދިޔަ މީހާއައީ އީޝާނަމާދުވެސް ކޮށްލައިގެންނެވެ. ގެއަށް އައިސް ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށްފަހު ދެން އޭނާ އެރީ ޓެރެސްއަށެވެ. ބަޔަކު އަންނާތީ މާދަމާ ހެނދުނު އެއާރޕޯޓަށް ދާންޖެހޭތީ އޭނާ ނިދަންޖެހޭނީ ވެސް މިކޮޅުގައެވެ. ކުއްލިއަކަށް އަންނަ ހަފްތާގައި ދާން ޖެހޭކަން ހަނދާންވެފައި ނަވީން ގެ ބޮލުގައި ރިއްސާލިއެވެ. އޭނާ ދަތުރު ދާކަށް ބޭނުމެއްނޫނެވެ. އަނެއްކޮޅުން އިބާ އާއި މަންމަވެސް އެކަނިވާނެއެވެ. މަންމަގެ ކަންތައް އެނގޭ ހަމައެކަނި މީހަކީ އާހިލްއަށްވާއިރު އާހިލްވެސް މި ދަތުރު ދާތީ ނަވީން ކަންބޮޑުވިއެވެ. ރެއިލިންގެ ކައިރިއަށް ޖެހިލާ އޭނާ ހާމައަށް އޮތް އުޑަށް ބަލާލިއެވެ. ގުރުރަތުގެ ފުރިހަމަ ތަސްވީރެކެވެ. ކުދި ކުދި ޖަވާހިރުކޮޅެއްފަދަ ތަރިތައް ވިދަމުން ދިޔައިރު ހަނދު ހީވަނީ ތަރުތަކުގެ ދަރުބާރުގައި ރަސްކަން ކުރަނީހެންނެވެ. ސާދަ ވިލޭރޭގެ ބުރު ހަމަ ހަނދުގެ އަލިން އުޑުމަތި ޖަރީކޮށްލާފައިވެއެވެ. ޖެހެމުންދިޔަ ހަމަހިމޭން ވައިރޯޅިތަކުގެ ސަބަބުން ހިނދުކޮޅަކަށްވެސް އޭނާގެ ސިކުނޑީގެ ވަސްވާސްތަކުން ދުރުވެލިއެވެ. އެ ވައިރޯޅިން ހަށިގަނޑަށް ގެނެސްދިން އަރާމުން ހުރިހާކަމެއް މަތިން ހަނދާން ނައްތާލަން ނަވީން ހުރީ ބޭނުންވެފައެވެ. އަބަދާ އަބަދު އެ ހިތުގައި ހިނގާ ނުތަނަވަސްކަމުގެ އަސަރުތައް އެ ވައިރޯޅިއާއެކު އެކުދިހިގެން ހިނގައިދާނަމަ ކޮންފަދަހެއްޔެވެ؟ މަޑުމަޑުން ދެލޯ މަރާލީ ހަޤީގަތުގައިވެސް އޭނާގެ ހަޔާތުގެ ހަލަބޮލި މާހައުލުން ދުރަށް ދާން ބޭނުންވެފައި ހުރީތީއެވެ. އަމިއްލަ ހިތަށް ވިސްނައިދީގެން އުޅުނެއްކަމަކު އެހިތަށްވެސް އަސަރުކުރެއެވެ. ހިތްވަރު ކުރަނީ ކަންތައްތައް ހަމައަކަށް އެޅުވޭނީ އޭނާއަށް ކަން އެނގޭތީއެވެ. ފޮރުވިފައިވާ ގިނަ ސިއްރުތަކެއް އެނގެނީ އޭނާއަށް ކަމަށްވާތީއެވެ. ހަޤީގަތް އެންމެންގެ ކުރިމައްޗަށް ގެނެވޭނީ ޚުދު އޭނާގެ ހިތްވަރުން ކަމަށް ޤަބޫލުކުރެވޭތީއެވެ.

ނަވީންގެ ހިތުން ބިރު ފިލައިގެންދާ އެންމެ އިރެއްވެސް ނާދެއެވެ. ކިތަންމެ ހަމަޖެހިފައިވާ މޫނެއް ދެއްކިނަމަވެސް އެވެ. އަބަދުވެސް ޝައްކާ ވަހުމު އެ ހިތުތެރޭގައި އުތުރު އަރައެވެ. އޭނާގެ މަޤްސަދު ހާސިލް ނުވަނީސް އެ ކުރާ މަސައްކަތް ވެއްޔާ މޮޑެވިގެން ހިނގައިދާނެތީ ނަވީން ހުންނަވީ އަބަދު ސިހިސިހިއެވެ. އޭނާއަށް ނުބައިކޮށް އެޅޭ އެންމެ ފިޔަވަޅެއްގެ ސަބަބުން ވެސް ހަމަލާއެއް އަތުވެދާނެއެވެ. އެހަމަލާވާނީ ރެކިނުގަނެވޭނޭފަދަ ވަރުގަދަ ހަމަލާއަކަށްކަންވެސް އޭނާއަށް އެނގެއެވެ. އެހެންކަމުން ކުރިއަށް ފިޔަވަޅެއް އެޅުމުގެ ކުރިން އެތައް ހާސްފަހަރު ނަވީން ވިސްނަންޖެހެއެވެ. ޚުދު އޭނާގެ ސަލާމަތައްޓަކައެވެ. އަދި އޭނާގެ ލޯބިވާ މަންމައަށް ޓަކައެވެ. އިބާއަށްޓަކާވެސް މެއެވެ. އިބާގެ ފުރާނަވެސް އޭނާ ނުރައްކަލަށް ހުށައެޅީއެވެ. އިބާގެ ރައްކާތެރިކަމުގެ ޒިންމާ ވެސް ނަވީން ބޮލުގައި އެޅީއެވެ. މާހިރާ ފޮރުވައިގެން މާހިރާއަށް ހިމާޔަތް ދޭ ކޮންމެ މީހަކީ ބަޔަކު މީހުންގެ ދުޝްމަނުންކަން އޭނާއަށް ދެނެގަނެވެއެވެ. އެންމެ ހިނދުކޮޅަކަށްވެސް މި ފަސްގަނޑުން ދުރަށް ދާން ބޭނުންނުވަނީ އެހެންވެއެވެ. ކަންތައްތައް އެކޮޅުކޮޅުން އެނބުރޭނީ ކޮންވަގުތަކު ކަމެއް ނޭނގެއެވެ. ވެވޭ އެންމެ ބޮޑަކަށް ހުޝިއާރުވެ ހުންނަން ނަވީންއަށް މަޖުބޫރުވަނީ އެހެންވެއެވެ.

ކަމެއްކުރުމުގެ ކުރިން ވަށައިގެން އެތައް ފަހަރަކު ކަޅިއަޅަންޖެހެއެވެ. ނޭނގިނަމަވެސް އެއިން މީހަކަށް ކަމެއް އެނގިއްޖެއްޔާ ދެންވާނީ ކިހިނެތްކަމެއް ނޭނގެއެވެ.

ފޯނުނަގާ އާހިލްއަށް ގުޅާލިއެވެ.

"އާހިލް... ފުރުން ފައިނަލްވެއްޖެ! އަންނަ ހަފްތާގައި ފުރާ ގޮތަށް ހަމަޖެހިއްޖެ... ދާންބޭނުމެއްވެސް ނޫން. އެކަމަކު ދެން މިކަން ނުކޮށެއްވެސް ނެތް ވާކަށް... އިބާ އާއި މަންމައާއިވެސް އެކަނި ތިބޭނީ. އެކަމާ ވަރަށް ހާސްވެފަ މިހުންނަނީ... މިކޮޅުގަ އެމީހުންނަށް އެހީތެރިވާނެ އިތުރު މީހަކުވެސް ނުހުންނާނެ. ކަމެއް ޖެހިއްޖެއްޔާ އަޅާލާނެ މީހަކުވެސް ނުހުންނާނެ." ވާހަކައިގައި ހުރެ ނަވީން ފަހަތަށް އެނބުރިލީ ފަހަރެއްގައި ފަހަތުގައި މީހަކު ހުންނާނެ ކަމަކަށް ނޫނެވެ.

ފަހަތުގައި ލައިލާ ހުރިތަން ފެނި އޭނާގެ ދެލޯ ބޮޑުވިއެވެ. ލައިލާ ހުރީ ނުލާހިކު ހަމަޖެހިލާފައެވެ.

"ކާކަށް އަޅާލާނެ މީހަކު ނެތިގެން އެވާހަކަ ތި ދައްކަނީ؟" ލައިލާ ބުމަ އަރުވާލިއެވެ.

"އާނ އޯކޭ... އާހިލް... އެކަމަކު އާހިލްމި ދަތުރު ދިޔުންވެސް ވަރަށް މުހިންމު..." ނަވީން ވާހަކަ އޮޅުވާލިއެވެ. ލައިލާގެ މޫނުމައްޗަށް އެރި ކުލަވަރުން އޭނާއަށް ހުރިހާ އެއްޗެއް އަޑު ނީވޭކަން ނަވީންއަށް އެނގުނެވެ. އެހެންކަމުން އަދިވެސް ވާހަކަ އޮޅުވާލުމަށްފަހު ފޯނު ބޭއްވިއެވެ.

ލައިލާ ގެ މޫނުމަތީގެ ކުލަވަރު ބަދަލުވުމާއެކު ނަވީން ހާސްވިއެވެ.

(ނުނިމޭ...)

https://sun.mv/122992

comment ކޮމެންޓް