ކުރެއްދޫ ރިސޯޓްގެ ޔޮޓް ފަރަކަށް އުރިއްޖެ

ޅ. ދިއްފުށިމާދޫ ފަރަށް ސަފާރީއެއް އުރިފައި: ހާދިސާ ހިނގިއިރު އޭގައި ފަސް މީހުން ތިބި -- ފޮޓޯ/ އެމްއެންޑީއެފް

މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ޅ. ދިއްފުށިމާދޫ ފަރަށް ޔޮޓެއް އުރިއްޖެ އެވެ.

ފުލުހުން ބުނީ ރޭ ފަތިހުގެ ވަގުތުގައި ހިނގި ހާދިސާގައި ދިއްފުށިމާދޫ އިރުމަތީ ފަރާތުގެ ފަރަށް އުރިފައި ވަނީ، ޅ. ކުރެއްދޫ ރިސޯޓުން އޮޕަރޭޓް ކުރާ "މުނާ ޔޮޓް" ޔޮޓް ކަމަށެވެ.

އެ ޔޮޓް ފަރަށް އަރަން މެދުވެރިވީ، ދިއްފުށިމާދޫ ބޭރުގައި އަޅާފައި އޮއްވާ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގިއިރު އެ ޔޮޓްގައި ކެޕްޓަނާ އެކު ހަތަރު ދިވެހިންނާއި އެއް ބިދޭސީއަކު ހުރި ކަމަށް ވެސް ސިފައިން ބުންޏެވެ.

ޔޮޓް ފަރަށް އުރުމާ އެކު އެ މީހުން ފަތާފައި ދިއްފުށި މާދޫއަށް އަރައި ސަލާމަތްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މީހުންގެ ހާލު ރަނގަޅެވެ.

އެ ޔޮޓް ފުންކުރުމުގެ މަސައްކަތް ސިފައިން މިހާރު ދަނީ ކުރަމުން އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން، ކަނޑުމަތީގެ ގިނަ ހާދިސާތަކެއް އަންނަނީ ކުރިމަތިވަމުން އެވެ. އެގޮތުން، އީދުގެ ފުރަތަމަ ދުވަހު ކަނޑުމަތީގައި މީހުން ހާލުގައި ޖެހުމާއި މީހުން ގެއްލުމުގެ ގިނަ ހާދިސާތަކެއް ހިނގާފައިވެ އެވެ.

comment ކޮމެންޓް