މިދިޔަ މަހު ދައުލަތަށް ރެކޯޑް އަދަދެއްގެ އާމްދަނީއެއް

މޭ 26، 2017: ބާޒާރުމަތީގައި ވިޔަފާރި ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ ޓެކްސް އިދާރާ، މީރާ މެދުވެރިކޮށް މިދިޔަ މަހު ރެކޯޑް އަދަދެއްގެ އާމްދަނީއެއް ދައުލަތަށް ލިބިފައިވާކަން އެ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

މީރާއިން އާންމުކޮށްފައިވާ ޖުލައި މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ޖުލައި މަހުގެ ތެރޭގައި އެކަނި މީރާއަށް ވަނީ 2.16 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. މިއަހަރުގެ ހަ މަސް ފާއިތުވީ އިރު، މިއީ އެއް މަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީރާއަށް އާމްދަނީ ލިބުނު ފުރަތަމަ މަހެވެ.

މިދިޔަ މަސް ފިޔަވާ ދެން އެންމެ ގިނައިން މީރާއަށް އާމްދަނީ ލިބުނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ މަހު މީރާއަށް ލިބިފައި ވަނީ 2.1 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ މަހުގެ ލިބުނު އާމްދަނީއަށް ވުރެ، 35.4 މިލިއަން ރުފިޔާ މަދު އަދަދެކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އެވްރެޖްކޮށް މީރާއަށް މަހެއްގެ މައްޗަށް ލިބެނީ ބިލިއަނެއްހާ ރުފިޔާ އެވެ.

މިދިޔަ މަހު މީރާއަށް ލިބުނު 2.16 ބިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 1.3 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހު މީރާއަށް ލިބުނީ، 2.13 ބިލިއަން ރުފިޔާ އެވެ.

މީރާއިން ބުނީ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބުނީ، ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ބޭންކް ޕްރޮފިޓް ޓެކްސްގެ އާމްދަނީ އިތުރުވުމުން ކަމަށެވެ.

މިދިޔަ މަހުުގެ އާމްދަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބިފައި ވަނީ ވިޔަފާރި ފައިދާގެ ޓެކްސް، ބީޕީޓީއިން އެވެ. އެއީ އާމްދަނީގެ 40.5 ޕަސެންޓް ކަމަށްވާއިރު، ބީޕީޓީގެ ގޮތުގައި 873.7 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ދެން އެންމެ ގިނައިން އާމްދަނީ ލިބުނު ޖީއެސްޓީއިން 519.1 މިލިއަން ރުފިޔާ އަދި ބޭންކް ޕްރޮފިޓް ޓެކްސްއިން ވަނީ، 436.10 މިލިއަން ރުފިޔާ ލިބިފަ އެވެ.

މިދިޔަ މަހު ރެކޯޑް އަދަދެއްގެ އާމްދަނީއެއް ލިބުނު ނަމަވެސް، މީރާއިން ބުނީ އެއީ މިދިޔަ މަހު ލިބޭނެ ކަމަށް އެ އޮތޯރިޓީއިން ލަފާކުރި އަދަދަށް ވުރެ 1.3 ޕަސެންޓް ދަށް އަދަދެއް ކަމަށެވެ. އޭގެ ސަބަބުތަކުގެ ގޮތުގައި މީރާއިން ބުނީ، ބީޕީޓީ އާއި ޖީއެސްޓީގެ ގޮތުގައި ލަފާކުރި އަދަދަށް އާމްދަނީ ނުލިބުމެވެ.

މިދިޔަ މަހު ވަނީ 50.56 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހުގައި ލިބުނު، 47.56 މިލިއަން ޑޮލަރަށް ވުރެ 6.3 ޕަސެންޓް އިތުރު އަދަދެކެވެ.

މިއަހަރުގެ ހަމަސް ފާއިތުވި އިރު، މީރާ މެދުވެރިކޮށް ވަނީ ދައުލަތަށް 11.07 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 10.63 ބިލިއަން ރުފިޔާ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް