ސަރުކާރުގެ ހުރިހާ ސިޔާސަތެއް ތަންފީޒުކުރަނީ ޒިންމާދާރު ޒުވާނުންތަކެއް އުފެއްދޭނެ މަގުން ކަމަށާއި، ޒުވާނުން ޒިންމާދާރުވުމަކީ ގައުމު އިސްލާހުކުރުމުގެ ތަޅުދަނޑިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ފޮނުއްވި ޚިތާބުގައި ވިދާޅުވީ ދުނިޔޭގެ ހާލަތަށް ބަލާއިރު ދިވެހި ޒުވާނުންނަކީ ވަރަށް ނަސީބުވެރި ބައެއް ކަމަށެވެ.
"އެންމެ ޅަފަތުން ފެށިގެން ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވެފައިވާ ބައެކެވެ. އެންމެ ތުއްތު އިރުން ފެށިގެން ޒުވާން އުމުރު ނިމެންދެންވެސް، އަދި އޭގެ ފަހަށްވެސް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ތައުލީމު ހާސިލުކުރުމުގެ ފަހި ފުރުސަތުތައް ލިބިފައިވާ ބައެކެވެ،"
ރައީސް ވިދާޅުވީ ގައުމަށް ބޭނުންވަނީ ޒަމާނީ ތައުލީމު ލިބިފައިވާ، އުފެއްދުންތެރި އާ އީޖާދުތަކަށް ފިކުރު ހިންގާ، އަދި ރިވެހި އަޚްލާގުގެ ވެރި ޒިންމާދާރު ޒުވާނުން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ވެސް އެންމެ ބޮޑު އަމާޒަކީ ޒަމާނީ ތައުލީމު ލިބިފައިވާ އުފެއްދުންތެރި، ހެޔޮލަފާ އަދި ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ.
"ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ތަންފީޒުކުރަމުން ދާނީ، އެ ލަނޑުދަނޑި ހާސިލުކުރެވޭނެ މަގުންނެވެ. ބޭނުމަކީ ގައުމައިގެން ކުރިއަށް ދިޔުމުގެ ރޫހާއި، ވަތަނީ ލޯބި ހުރި، އަދުލު އިންސާފަށް ވަކާލާތުކުރާ ޖީލެއްގެ އަތްމައްޗަށް ގައުމުގެ ކުރިމަގު ފުރޮޅިގެން ދިޔުމެވެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ ދައުލަތުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފައިގެން، ކުރިމަގު އުޖާލާކުރުމުގެ އަޒުމައިގެން ޒުވާނުން މަސައްކަތްކުރުން ކަމަށެވެ. އަދި ޒުވާނުން ޒިންމާދާރުވުމަކީ ގައުމު އިސްލާހުކުރުމުގެ ތަޅުދަނޑީގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
"ތިޔަ ޒުވާނުންގެ އަމިއްލަ ދިރިއުޅުމަށް ލިބޭ ކޮންމެ ކުރިއެރުމަކީ، ގައުމަށް ލިބޭ ތަރައްގީއެވެ. ތިޔަ ޒުވާނުން ޒިންމާދާރުވުމަކީ، ގައުމު އިސްލާހުކުރުމުގެ ތަޅުދަނޑިއެވެ،" ރައީސް ވިދާޅުވިއެވެ.
އދ.ގެ ހިސާބުތައް ބުނާ ގޮތުގައި މިވަގުތު ދުނިޔޭގައި އުމުރުން 10 އަހަރާި 24 އަހަރާ ދެމެދުގެ 1.8 ބިލިއަން މީހުން އެބަ އުޅެއެވެ.
ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޯގަސްޓް 12 ވަނަ ދުވަސް ފާހަގަކުރުމަށް އދ.ގެ އާންމު މަޖިލީހުން ނިންމީ 1999 ވަނަ އަހަރުގައެވެ.
މި އަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ "ޓްރާންސްފޯމިންގް އެޑިއުކޭޝަން"އެވެ.