ލަންކާގެ މައި އިދިކޮޅު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ރާޖަޕަކްސަގެ ކޮއްކޯފުޅު

ލަންކާގެ މައިި އިދިކޮޅު ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ހަމަޖައްސާފައި ވަނީ ގޯޓާބަޔަ ރާޖަަޕަކްސަ -- ފޮޓޯ: ރޮއިޓާސް

ކޮލަމްބޯ (އޮގަސްޓު 12): ސްރީލަންކާގެ މައި އިދިކޮޅު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސަ ރަސްމީކޮށް އައްޔަންކޮށްފިއެވެ.

ލަންކާގެ ސްރީލަންކާ ޕޮޑުޖާނަ ޕެރަމުނަ (އެސްއެލްޕީޕީ)ގެ ރިޔާސީ ކެންޑިޑޭޓަކަށް ގޯޓާބަޔަ އައްޔަން ކުރީ އެ ޕާޓީގެ ރައީސް ކަމަށް މަހިންދަ ރާޖަޕަކްސަ ހޮވުމަށް ފަހުގައެވެ.

ގޯޓާބަޔަ ވިދާޅުވި ގޮތުގައި އޭނާ ރައީސްކަމަށް އިންތިހާބުވެއްޖެނަމަ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ގައުމުގެ ސަލާމަތަށާއި ގައުމުގެ އިގުތިސާދު ކުރިއެރުވުމަށެވެ.

މިދިޔަ އޭޕްރިލް މަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމަށް ފަތުރުވެރިންދާ މިންވަރު މަދުވެ، އެގައުމަށް ވަނީ އިގުތިސާދީ ގޮތުން ބޮޑެތި ގެއްލުންތައް ލިބިފައެވެ. ލަންކާގެ ބައެއް ފައްޅިތަކަށާއި ހޮޓާތަކަށް އަމާޒުކޮށް ދިން އެހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

"އެންމެ ބޮޑު އިސްކަމެއް ދޭނީ މިގައުމުގައި ޓެރަރިސްޓުން ހަރަކާތްތެރިވުމަށް ފުރުސަތު ނުދީ، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް،" އިއްޔެ އެސްއެލްޕީޕީއިން ބޭއްވި ރެލީގައި ގޯޓާބަޔަ ވިދާޅުވިއެވެ.

ލަންކާގައި ޑިފެންސް ސެކްރެޓަރީގެ މަގާމު 2005އިން 2015އަށް ފުރުއްވައި، އެގައުމުގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާ ކުރެއްވި ގޯޓާބަޔަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވީ މިދިޔަ އޭޕްރިލް މަހުގައެވެ. އޭނާއަކީ ލަންކާގެ އާބާދީގެ 70 ޕަސެންޓު ހިއްސާ ކުރާ ސިންހަލަ ނަސްލުގެ މީހުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ.

ނަމަވެސް ގޯޓާބަޔަގެ މައްޗަށް ވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ތުހުމަތު ކޮށްފައެވެ.

އެގޮތުން، 2009 ވަނަ އަހަރު ނޫސްވެރިޔާ ލަސާންތަ ވިކްރަމަތުންގަ މަރާލުމުގައި ގޯޓާބަޔަގެ އަތެއް ވާކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅާފައި ވެއެވެ. އަދި މީގެ ކުރިން ގޯޓާބަޔަގެ ބެލުމުގެ ދަށުގައި އޮތް ޓެރަރިޒަމް އިންވެސްޓިގޭޝަން ޑިވިޝަނުން ތަމަޅަ މީހަކު ހައްޔަރުކުރުމަށްފަހު އޭނާއަށް އަނިޔާކުރި މައްސަލައެއްވެސް ވަނީ ކޯޓަށް ހުށަހަޅާފައެވެ.

ނަމަވެސް ގޯޓާބަޔަ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

ލަންކާގެ ރިޔާސީ އިންތިހާބު އަންނަ ނޮވެމްބަރު އަށެކާއި ޑިސެމްބަރު އަށެކާ ދޭތެރޭ ބާއްވަން ޖެހޭނެއެވެ. އަދި އަންނަ ޖެނުއަރީ މަހުގެ އަށެއްގައި މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ދައުރު ނިމޭނެއެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ސިރިސޭނާ އިއުލާން ކުރައްވާފައި ނުވެއެވެ.

comment ކޮމެންޓް