ކެނޯގައި ގެއްލުނު ދެ މީހުން އަމިއްލައަށް ފަތާފައި ހުޅުމާލެއަށް އަރައިފި

ނޮވެމްބަރ 30، 2017: މާލެއަށް މޫސުން ގޯސްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ ހަވީރު ވިލިމާލެއިން ކެނޯއެއްގައި ނިކުމެގެން އުޅެނިކޮށް ގެއްލުނު ދެ މީހުން، ރޭ ދަންވަރު އަމިއްލައަށް ފަތާފައި ހުޅުމާލެއަށް އަރައިފި އެވެ.

ކެނޯއެއްގައި ވިލިމާލެ ނެރުމައްޗަށް ނިކުމެ އުޅެނު ދެ މީހުން ގެއްލުނީ އިއްޔެ ހަވީރު 5:00 އެހާއިރު، އައި ކޮޅިގަނޑެއްގަ އެވެ. އެ ވަގުތުން ފެށިގެން އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުން އެވެ.

ފުލުހުން ބުނީ، އެ ކޮޅިގަނޑުގައި ބެހިގެން ގޮސް، އެ ދެ މީހުން ކެނޯއާ އެކު ލައްވީ ހުޅުމާލޭ ސުވިމިން ޓްރެކް ކައިރިއަށް ރޭ ދަންވަރު ކަމަށެވެ. އަދި އެ ސަރަހައްދަށް ލައްވުމުން އެ މީހުން އަމިއްލައަށް ފަތާފައި ހުޅުމާލެއަށް އެރީ ރޭ ދަންވަރު 3:10 އެހާކަންހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެދެ މީހުންގެ ހާލު ރަނގަޅެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް ދަނީ ހިނގަމުން އެވެ. މޫސުމަށް ބަލައިގެން ނޫނީ ކަނޑުދަތުރުތައް ނުކުރުމަށް ސިފައިން ގެންދަނީ އިލްތިމާސް ކުރަމުން އެވެ.

ހަ މަހުގެ ކުއްޖަކާ އެކު ފިނޮޅަކަށް ޕިކްނިކް ގޮސްއުޅުނު އާއިލާއެއް ހާލުގައި ޖެހިގެން ފުލުހުން އިއްޔެ ވަނީ އެ މީހުން ސަލާމަތްކޮށްފަ އެވެ.

comment ކޮމެންޓް