ހަ މަހުގެ ތުއްތު ކުއްޖަކާ އެކު ހާލުގައި ޖެހުނު އާއިލާއެއް ސަލާމަތް ކޮށްފި

އދ.ބޮޑު ފިނޮޅު: ބޮޑު ފިނޮޅަށް ދަތުރު ދިޔަ އާއިލާއެއް ހާލުގައި ޖެހިފައިވަނިކޮށް ފުލުހުން ވަނީ ސަލާމަތްކޮށް ދަނގެއްޗަށް ގެންގޮސްދީފައި ----

އީދު ޗުއްޓީއަށް އދ. ދަނގެއްޗަށް ދިޔަ އާއިލާއެއް ހަ މަހުގެ ތުއްތު ކުއްޖަކާ އެކު ހާލުގައި ޖެހި ފިނޮޅެއްގައި ތިއްބާ ސަލާމަތް ކޮށްފި އެވެ.

ފުލުހުން ބުނީ އީދު ޗުއްޓީއަށް އދ. ދަގެއްޗަށް ދިޔަ އާއިލާއެއް، ދިގުރަށު ފަޅުގައި އޮންނަ ބޮޑު ފިނޮޅަށް ދަތުރު ގޮސް އުޅެނިކޮށް ހާލުގައި ޖެހިގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވަނީ މިއަދު ހަވީރު 16:55 ހާއިރު އެވެ.

އަދި އިރުއޮއްސި 6:55 ހާއިރު އެ އެންމެން ސަލާމަތްތެރިކަމާ އެކު ދަނގެއްޗަށް ގެންގޮސްދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެކަމުގައި ދަނގެތީގެ ދޯންޏެއްގެ އެހީތެރިކަން ލިބިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

ހާލުގައި ޖެހުނު އާއިލާގައި ތިބީ ހަ މަހުގެ ތުއްތު ކުއްޖެއްގެ އިތުރުން، ހަތަރު ފިރިހެނުންނާއި ހަތް އަންހެނުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މީހުން ހާލުގައި ޖެހުނީ މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ބޮޑު ފިނޮޅުން އެ މީހުން ބަލާ ދިޔަ ލޯންޗަށް ނުދެވުމުގެ ސަބަބުންނެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ގަދަ ވަޔާ އެކު ވިއްސާރަކުރަމުން އަންނައިރު މެދު ރާއްޖެތެރަށް މިހާރު ވެސް ވަނީ ގަދަ ވަޔާ އެކު ވިއްސާރަވާނެ ކަމަށް ލަފާކޮށް، ޔެލޯ އެލާޓް ނެރެފަ އެވެ.

އެގޮތުން ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ބޯކޮށް ވާރެވެހުމާއެކު ގުގުރައި ވިދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް