ކަޝްމީރުގައި އަޅާފައިވާ ފިޔަވަޅުތައް އީދުގައި ލުއިކޮށްދޭނެ ކަމަށް ބުނެފި

ކަޝްމީރުގައި މުވާސަލާތީ ހިދުމަތް ކަނޑާފައިވާތީ، ސަރުކާރުގެ އޮފީހެއްގައި ހުރި ފޯނެއް ބޭނުން ކުރުމަށް ގިނަ ބަޔަކު އެއްވެފައި -- ފޮޓޯ: ރޮއިޓާސް

ސްރީނަގަރު (އޮގަސްޓު 11): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި މީގެ ހަފްތާއެއް ކުރިން އެޅި ސަލާމަތީ ފިޔަވަޅުތައް އީދު ދުވަސްތަކުގައި ލުއިކޮށްދޭނެ ކަމަށް ކަޝްމީރުގެ ގަވަރުނަރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ މައި ސަރުކާރުން މިދިޔަ އަހަރު ކަޝްމީރަށް އައްޔަން ކުރި ގަވަރުނަރު ސަތުޔާ ޕަލް މާލިކް ވިދާޅުވި ގޮތުގައި އެ ފިޔަވަޅުތައް ލުއިކޮށްދެނީ އީދު ފާހަގަކުރުމަށް ބޭނުންވާ ކަންތައްތައް ކުރުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމަށެވެ.

އަދި ކަޝްމީރުގެ އިސް އޮފިޝަލެއް ކަމަށްވާ ބަސީރު ޚާން ވިދާޅުވި ގޮތުގައި މިއަދު ކަޝްމީރުގެ ބައެއް ސަރަހައްދުތަކަށް ގޮދަނާއި މަހުގެ ބާވަތްތައް ފޯރުކޮށްދޭނެއެވެ. އަދި ފިޔަވަޅުތައް ލުއި ކުރުމާއެކު ގިނަ އަދަދެއްގެ މީހުން ވަނީ ފައިސާ ނެގުމަށް އޭޓީއެމްތަކަށާއި ކާނާ ގަތުމަށް ފިހާރަތަކަށް އެއްވެފައެވެ.

ނަމަވެސް އިންޑިއާއިން އަދިވެސް އޮތީ ކަޝްމީރުގައި މުވާސަލާތީ ހިދުމަތްތައް ކަނޑާލާފައެވެ. އެހެންކަމުން ކަޝްމީރުން ބޭރުގައި ދިރިއުޅޭ ގާތްތިމާގެ މީހުންނަށް އީދުގެ ތަހުނިޔާ ނުފޮނުވޭތީ ގިނަ އަދަދެއްގެ މީހުން ހިތާމަ ފާޅުކުރަމުން ދެއެވެ. އަދި ކަޝްމީރުގެ މަގުތަކުގައި އިންޑިއާގެ ގިނަ އަދަދެއްގެ ފުލުހުން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މިދިޔަ ހޯމަ ދުވަހު އިންޑިއާއިން ވަނީ އެގައުމުގެ ގާނޫނު އަސާސީގެ ދަށުން ކަޝްމީރަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭ މާއްދާ 370 އުވާލާފައެވެ. އޭގެ ސަބަބުން ކަޝްމީރަށް ވަނީ އެސަރަހައްދުގެ ކަންތައްތަކާ ބެހޭ ގޮތުން އަމިއްލައަށް ގޮތް ނިންމުމުގެ ބާރާއި އަމިއްލަ ގާނޫނު އަސާސީއެއް އެކުލަވާލުމުގެ ބާރު ގެއްލިފައެވެ.

މީގެ އިތުރުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އެގައުމުގެ މައި ސަރުކާރުން ސީދާ ބާރު ހިންގާ ގޮތަށް، ކަޝްމީރު ދެ ޔޫނިއަން ޓެރިޓަރީއަކަށް ބަހާލަން ފާސްކޮށްފައެވެ. އެއީ ޖައްމޫ އެންޑް ކަޝްމީރު އެއް ޓެރިޓަރީއަށް އަދި ލަޑާކް އެއް ޓެރިޓަރީއަށެވެ.

އެނިންމުންތައް އިއުލާން ކުރުމުގެ ކުރިން އިންޑިއާއިން ކަޝްމީރަށް އިތުރު ސިފައިން ފޮނުވާ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ. އަދި އެނިންމުންތަކާ ދެކޮޅަށް އިއްޔެ ކަޝްމީރުގެ ސްރީނަގަރުގައި ބޭއްވި މުޒާހަރާއެއްގައި އެތައް ހާސް މީހުން ބައިވެރިވިއެވެ. އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ކަރުނަ ގޭހާއި ޕެލެޓު ގަން ބޭނުން ކުރި ކަމަށާއި އޭގެ ސަބަބުން 12 މީހަކަށް އަނިޔާވި ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުންޏެވެ.

comment ކޮމެންޓް