ދިހަ ރަށެއްގައި ބީއެމްއެލް އިން އީދު ސައި ބާއްވައިފި

ބީއެމްއެލް އިން ބޭއްވި އީދު ސައި -- ފޮޓޯ: ބީއެމްއެލް

މުޖުތަމައުގެ އެކުވެރިކަން ބަދަހިކުރުމުގެ މަގްސަދުގައި އަޟްހާ އީދު ދުވަހު ވެސް ބީއެމްއެލް އިން 10 ރަށެއްގައި އީދު ސައި ބާއްވައިފި އެވެ.

ބީއެމްއެލްއިން ވަނީ މިދިޔަ ފިތުރު އީދުގައި ވެސް އެކި ރަށްތަކުގައި އީދު ސައި ބާއްވައިފަ އެވެ. ބީއެމްއެލް އިން ބުނީ ކުރިން ބޭއްވުނު އީދު ސައިގެ ތެރެއިން ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އިޖްތިމާއީ ގުޅުމުގެ ބަދަހިކަން ފެނިގެން ގޮސްފައިވާ ކަމަށެވެ. އީދު ނަމާދަށް ފަހު ރާއްޖޭގެ ގިނަ ރަށްރަށުން ފެންނަ އެންމެ ރީތި އެއް މަންޒަރަކީ މިފަދަ މުނާސަބަތުތަކުން ފެންނަ އެކުވެރިކަން ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.

ބީއެމްއެލްއިން ބޭއްވި އީދު ސައިގެ ތެރެއިން--- ފޮޓޯ/ ބީއެމްއެލް

މި އެކުވެރިކަން އާލާކޮށް، މުޖުތަމުގެ އެކުވެރިކަން ބަދަހިކުރުމުގެ މަގްސަދުގައި ބީއެމްއެލް އިން މިފަހަރު އީދު ސައި ބާއްވާފައި ވަނީ ހއ. ވަށަފަރު، ނ. މަނަދޫ، ރ. މީދޫ، ބ. އޭދަފުށި، ކ. މާފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ތ. ގުރައިދޫ، ގދ. ގައްދޫ، އަދި ސ. މަރަދޫގަ އެވެ.

އީދު ސައި އިންތިޒާމްކޮށްފައި ވަނީ ރަށުގެ ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާތަކާއި އަދި އާންމު ފަރުދުންނާ ގުޅިގެން އެފަރާތްތަކުގެ އެހީތެރިކަމާއެކުގަ އެވެ.

އީދު ސަޔާ ގުޅޭ ގޮތުން ބީއެމްއެލްގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސައީދު ވިދާޅުވީ ކުޑަ އީދުގައި ވެސް ބީއެމްއެލް އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ އީދު ސައި ވަރަށް ކާމިޔާބު ކަމަށެވެ.

އަދި ކުދިބޮޑު އެންމެން އީދުގެ ސައިގައި ބައިވެރިވެ، އެއްކޮށް ސައިބޯލައި ވާހަކަ ދައްކާލާ މަންޒަރަކީ އުފާވެރި މަންޒަރެއް ކަމަށެވެ. އަދި އީދު ފަދަ މުނާސަބާތަކުގައި އެއްކޮށް މި ގޮތަށް އީދު ސައި ބާއްވާލުމަކީ އެކުވެރިކަން ބަދަހިވާ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ފުރުސަތުގައި ބޭންކުގެ ބްރާންޗުތަކުގެ މުވައްޒަފުން މިކަމަށް އިސްނަގައިގެން ކޮށްދިން މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި މި ރަށްތަކުގެ ރައްޔިތުންގެ ފަރާތުންނާއި ކައުންސިލްތަކާ މަދަނީ ޖަމިއްޔާތަކުން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް އެފަރާތްތަކަށް ވެސް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން."

comment ކޮމެންޓް