ތާރީޚީ ނަޒަރަކުން އަރަފާތު ބިމާއި ޖަބަލުއް ރަހްމާ

އަރަފާތު ބިމުގައި ހުންނަ ތާރޚީ ފަރުބަދަ ކަމަށްވާ ޖަބަލުއްރަހްމާ

މިއަދަކީ ބަރަކާތްތެރި ހައްޖު ދުވަހެވެ. ނުވަތަ އަރަފާތު ދުވަހެވެ. އަރަފާތު ދުވަހަކީ ހައްޖުވެރިން ހައްޖުގެ އެންމެމަތީ ރުކުން އަދާކުރުމަށް ޓަކައި އަރަފާތު ނުވަތަ އަރަފާގެ ބިމުގައި ތިބޭ ދުވަހެވެ. އަރަފާތު ބިމަށް ގޮސް އެތާނގައި ތިބުމަކީ ހައްޖުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ރުކުން ކަމަށްވުމުގެ އިތުރުން އެއީ އެއާ ނުލައި ހައްޖުގެ އަޅުކަން ފުރިހަމަ ނުކުރެވޭނޭ ރުކުނެކެވެ.

މި ރުކުން އަދާ ކުރުމަށް ޓަކައި ރޭ އިރާކޮޅުން ފެށިގެން ހައްޖުވެރިން ވަނީ އަރަފާތަށް ޖަމާވުމުގެ ދަތުރު ފަށައިފަ އެވެ. އަދި މިއަދު މެންދުރުކުރިން ހައްޖުވެރިން ޢަރަފާތަށްގޮސްފައިވާ ކަމަށް ސައޫދީ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ.

އަރަފާތު ނުވަތަ އަރަފާތު ބިން

ޢަރަފާތު ބިމުގައި ތިބުމުގެ ކުރިން ހައްޖުވެރިން ތަރްވިޔާގެ ދުވަސް ފާހަގަކުރަންޖެހެ އެވެ. ތަރްވިޔާގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޙައްޖުވެރިން މިނާގެ މަޝްޢަރަށްގޮސް އެތަނުގައި ތިބެނީ ކީރިތި ރަސޫލުﷲ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ޢަމަލުކުރައްވާފައިވާތީ އެކަލޭގެ ފާނުގެ ސުންނަތަށް އިޤްތިދާ ވުމުގެ ގޮތުންނެވެ.

އަރަފާތު ބިމަށް ގޮސް އެތާނގައި ތިބުމަކީ ހައްޖުގެ އެންމަތީ ރުކުންކަމަށް ވެފައި އެ ރުކުނާނުލައި ހައްޖު ފުރިހަމަ ނުވާއިރު އަރަފާތު ބިމާއި އެބިމުގައިވާ ތާރީޚީ ފަރުބަދަ ކަމަށްވާ އަރަފާތު ފަރުބަދަ ނުވަތަ ޖަބަލު އަރަފާތު (ޖަބަލް އައްރަހްމާ) އާމެދު ތާރީޚީ ނަޒަރަކުން ބަލާލާނަމެވެ.

އަރަފާތު ފަރުބަދަ (ޖަބަލް އައްރަހްމާ)

އަރަފާތުގައި ހުންނަ ޖަބަލު އަރަފާތު ނުވަތަ ޖަބަލުއްރަޙްމާއަކީ މީގެ 14 ގަރުނުގެ ކުރިން ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ކުރެއްވި މަޝްހޫރު ހައްޖު ކަމަށްވާ ހައްޖަތުލްވަދާއުގައި ކީރިތިރަސޫލާ ޚުތްބާ ދެއްވިތަނެވެ. އެކަލޭގެފާނު ހައްޖު ޚުތްބާ ދެއްވީ ޖަބަލުއްރަޙްމާ ނުވަތަ ޖަބަރު އަރަފާތުގެ ތިރީގައި ހުންނަވައިގެންނެވެ.

އިސްލާމް ދީނުގެ މާތް ރިސާލަތު ފުރިހަމަކޮށް ދެއްވިކަމުގެ އާޔަތް ކަމަށްވާ [الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا] [المائدة:3] މިއާޔަތް ބާއްވާލެއްވީ އެކަލޭގެފާނު އަރަފާތު ފަރުބަދައިގެ ތިރީގައި ހުންނަވަނިކޮށެވެ. މިހާރު އަރަފާތު ދުވަހުގެ ޚުތުބާ އިއްވަނީ މަސްޖިދުއްނަމިރާގައި މެންދުރު ނަމާދަށްފަހުގަ އެވެ.

މިއީ ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ހައްޖަތުލް ވަދާއުގައި ދެއްވި ތާރީޚީ ޚުތުބާއަށް ތަބާވެ އެކަމަށް އިޤްތިދާ ވުމުގެ ގޮތުން ދޭ ޚުތުބާއެކެވެ. މުސްލިމުން ހައްޖުގެ އަޅުކަން ކުރަމުންގެންދަނީ ހައްޖަތުލްވަދާޢުގައި އެއްލައްކަ މުސްލިމުންނާއެކު އެކަލޭގެފާނު ހައްޖުކުރެއްވި ގޮތަށެވެ.

އެއީ އެކަލޭގެފާނުގެ ސުންނަތަށް އިޤްތިދާވުމުގެ ގޮތުންނެވެ. އަރަފާތުގެ ބިމުގައި ހައްޖުވެރިން މެންދުރު ނަމާދާއި އަސްރު ނަމާދުކުރާނީ ގަސްރުކޮށް ޖަމްއުކޮށް (ޖަމްއު ތަގްދީމް) ކޮށެވެ. އެއީ ކީރިތި ރަސޫލާ ވެސް އަރަފާތު ދުވަހު މެންދުރުނަމާދާއި އަސްރު ނަމާދު ކުރެއްވި ގޮތެވެ.

އިބްރާހީމްގެފާނު މައްކާގައި އުޅުއްވި ދުވަސްވަރު އިބްރާހީމްގެ ފާނުގެ ވަށައިގެން ޖިބްރީލުގެފާނު ތަވާފް ކުރައްވައި ޖިބްރީލްގެފާނަކީ ކޮންބޭފުޅެއްކަން އިބްރާހީމްގެފާނަށް ތައާރަފްވެ ވަޑައިގެންނެވީ ވެސް އަރަފާތުގެ ބިމުގަ އެވެ. އަރަފާތު ދުވަހަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ މިބިންމަތީގައި ލެއްވެވި އެންމެ މާތް ދުވަހެވެ.

ހައްޖުގެ މަޝްޢަރުތަކުގެ ތެރެއިން އަރަފާތުގެ ބިމަކީ މައްކާގެ ހަރަމްފުޅާ 20 ކިލޯ މީޓަރު ދުރުގައިވާ ބިމެކެވެ. އެބިމުގެ ބޮޑުމިނަކީ 10.7 އަކަ ކިލޯ މީޓަރެވެ. އެބިން ވަކިވާގޮތަށް ސައޫދީން ވަނީ ފާހަގަތައް ޖަހައިފަ އެވެ.

މުޒްދަލިފާ

ހައްޖު ދުވަހުގެ ބޮޑުބައި ޢަރަފާތުގެ ބިމުގައި ހޭދަކުރުމަށް ފަހު އިރު އޮއްސޭންފެށުމުން ހައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. މި ރެއަކީ އަޟްޙާ ޢީދުވިލޭރެ އެވެ. މިރޭ ހައްޖުވެރިން ތިބޭނީ މުޒްދަލިފާގަ އެވެ. މުޒްދަލިފާއަކީ އަރަފާތާއި މިނާއާދެމެދު އޮންނަ ބިމެކެވެ. މުޒްދަލިފާއަށްގޮސް ހައްޖުވެރިން މަޣްރިބް ނަމާދާއި އިޝާނަމާދު ކުރާނީ ގަސްރުކޮށް ޖަމްޢުކޮށް (ޖަމްއު ތައުޚީރު) ކޮށެވެ. އެއްބަންގި އާއި ދެ ގަމަތް ދޭ ގޮތަށެވެ. އެއީ ކީރިތި ރަސޫލާ އަމަލުކުރެއްވި ގޮތެވެ. އެކަލޭގެފާނު އެގޮތަށް މުޒްދަލިފާގައި ނަމާދު ކުރެއްވީ މުޒްދަލިފާގައި އެދުވަސްވަރު ބިނާކުރެއްވި މަޝްއަރުލްހަރާމް މިސްކިތުގަ އެވެ.

މުޒްދަލިފާ

މުޒްދަލިފާއަކީ މައްކާގެ ހަރަމްފުޅާ 12 ކިލޯ މީޓަރު ދުރުގައިވާ ބިމެކެވެ. މުޒްދަލިފާގެ ބޮޑުމިނަކީ 12 އަކަ ކިލޯ މީޓަރެވެ. މަސްޖިދު މަޝްޢަރުލްހަރާމް ހުންނަނީ މުޒްދަލިފާގަ އެވެ. މިއީ މުޒްދަލިފާގައި ކީރިތި ރަސޫލާ ރޭކުރެއްވި އިރު ނަމާދުކުރެއްވި މިސްކިތްކޮޅެވެ.

މުޒްދަލިފާގައި ރޭކުރުމަށް ފަހު މުޒްދަލިފާއިން ހިލަ ހޮވައިގެން ހައްޖުވެރިން އާދީއްތަ ދުވަހު (އީދު ދުވަހު)ގެ ފަތިހު އަނެއްކާ ވެސް އަލުން އެނބުރި ދާނީ މިނާއަށެވެ. ހައްޖުވެރިން ހަދްޔު ކަތިލުމާއި ޖަމްރާތަކަށް ހިލަ އުކުމުގެ ކަންތައް ކުރާނީ މިނާގައި ތިބެގެންނެވެ.

ހައްޖުގެ އަޅުކަން ނިމޭނީ ޖަމްރާތަކަށް ހިލަ އުކުމަށް ފަހު އަލުން މައްކާގެ ހަރަމްފުޅަށްގޮސް ތަވާފުލް އިފާޟާކޮށް ސައުޔު ކުރުމުންނެވެ. މިނާއަކީ މައްކާގެ ހަރަމްފުޅުގެ އިރުން ފަސް ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. ޖަމްރާތައް ހުންނަނީ މިނާގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް