އިންޑިއާއަށް ކުރަމުންދާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 95އަށް އަރައިފި

މަހާރަޝްތުރާގެ މަގެއް މަތީ ފެންބޮޑުވެފައި -- ފޮޓޯ: ހިންދުސްތާން ޓައިމްސް

ދިއްލީ (އޮގަސްޓު 10): އިންޑިއާގެ ކަރުނާޓަކާ އާއި ކެރަލާ އާއި މަހާރަޝްތުރާއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 95އަށް އަރައިފި އެވެ.

ކެރަލާ ސަރުކާރުގެ ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނި ގޮތުގައި ފާއިތުވި ދެ ދުވަސް ތެރޭ އެސްޓޭޓުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ 80 ހާދިސާއެއް ވަނީ ހިނގާފަ އެވެ. އަދި އޭގެ ސަބަބުން 42 މީހަކު މަރުވެ، 100،000 މީހުން ވަނީ އެހީ ފޯރުކޮށްދޭ ކޭމްޕުތަކަށް ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން ކެރަލާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރޮންގައި ފެންބޮޑުވުމުގެ ސަބަބުން އެ އެއާޕޯޓު ވަނީ މާދަމާ މެންދުރާ ޖެހެންދެން ބަންދުކޮށްފަ އެވެ.

ކަރުނާޓަކާގެ ޗީފް މިނިސްޓަރު ބީ އެސް ޔެޑީޔުރައްޕާ ވިދާޅުވި ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރާގައި އެސްޓޭޓުގެ 1،024 އަވަށެއްގައި ފެންބޮޑުވެ، އެސްޓޭޓަށް ވަނީ ފާއިތުވި 45 އަހަރު ތެރޭ ނުލިބޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި ކަރުނާޓަކާއިން މަރުވި މީހުންގެ އަދަދު 24އަށް އަރާފައިވާ ކަމަށާއި 200،000އަށް ވުރެ ގިނަ މީހުން އެހީ ފޯރުކޮށްދޭ ކޭމްޕުތަކަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މަހާރަޝްތުރާގެ ސަރުކާރުން ވަނީ ވިއްސާރައިގެ ސަބަބުން މިދިޔަ ހަފްތާ ތެރޭ އެސްޓޭޓުން 29 މީހަކު މަރުވެފައިވާ ކަމަށް ބުނެފަ އެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުގެ ވެބްސައިޓުގައިވާ ގޮތުން ކެރަލާ އާއި ކަރުނާޓަކާ އާއި މަހާރަޝްތުރާގެ ބައެއް ސަރަހައްދުތަކަށް މިއަދު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް