މި އަހަރުގެ ހައްޖަށް ދިޔަ ހުރިހާ ދިވެހި ހައްޖާޖީންވެސް ތިބީ ގަދަވެ ހެޔޮ ހާލުގައި، އަރަފާތު ބިމުގައި ކަމަށް މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަންނެވި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހައްޖުގެ އެންމެ މުހިންމު އެއް މަނާސިކަކީ އަރަފާތު ބިމުގައި މަޑުކުރުމެވެ. ޒުލްހިއްޖާ މަހުގެ ނުވަ ވަނަ ދުވަހަކީ ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހެވެ.
އަރަފާތު ހިމުގައި ހުންނަވައި، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ހުރިހާ ހައްޖާޖީންނާ ބައްދަލުކުރައްވާފައިވާ ކަމަށާއި އެއްވެސް ހައްޖާޖީ އަކު ބޮޑު ބައްޔެއްގައި ނޫޅޭކަމަށެވެ.
"ހައްޖު އަޅުކަމުގެ އެންމެ މުހިއްމު ދުވަހަށްވާއިރު މިއަދާ ހަމައަށް ހުރިހާ ހައްޖާޖީން ސިއްހަތު ސަލާމަތުން ހުރުމަކީ އުފާކުރަންޖެހޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިނާގައި ރޭ އެއް ހާޖީ އަކު ވީނުވީއެއް ނޭނގިގެން އުޅެންޖެހުނު ނަމަވެސް ރޭ ފަތިހު އަރަފާތުގައި އޭނާ ހުއްޓައި ފެނިފައިވާ ކަމަށެވެ.
އަދި މޫސުންވެސް ރަނގަޅު ކަމަށާއި ފިނިހޫނު މިންވެސް ރަނގަޅު މިންވަރެއްގައި ހުރި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހައްޖު ކޯޓާގެ ގޮތުގައި މިއަހަރު ރާއްޖެއަށް 2،000 ކޯޓާ ލިބިފައިވާއިރު ހައްޖު ކޯޕަރޭޝަނުގެ އިތުރުން ޒައީ ގުރޫޕާއި ތަޒްކިޔާ ގްރޫޕު އަދި ހަރަމައިން އާއި މިނާ އަދި އެކްރޯގެ ހަވާލުގައި މިއަހަރު މީހުން ހައްޖަށް ވަނީ ގޮސްފައެވެ.
މިއަދު އިރުއޮއްސެންދެން ހައްޖާޖީން އަރަފާތުގައި މަޑުކުރާނެއެވެ. އަދި މިރޭ ހައްޖާޖީން މުޒްދަލިފާގައި ރޭކުރުރާނެއެވެ.
މާދަމާއަކީ އަޟްހާ އީދު ދުވަހެވެ.