ކަޝްމީރުގެ މުޒާހަރާތައް ރޫޅާލަން ކަރުނަ ގޭހާއި ޕެލެޓު ގަން ބޭނުންކޮށްފި

ސްރީނަގަރުގައި އިއްޔެ ކުރި މުޒާހަރާގައި 10،000 މީހުން ބައިވެރިވި ކަމަށް ފުލުހަކު ބުނި -- ފޮޓޯ: އޭޕީ

ސްރީނަގަރު (އޮގަސްޓު 10): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި އިއްޔެ އެތައް ހާސް މީހުން ކުރި މުޒާހަރާ ރޫޅާލަން އިންޑިއާގެ ސަލާމަތީ ފައުޖުތަކުން ކަރުނަ ގޭހާއި ޕެލެޓު ގަން ބޭނުންކޮށްފި އެވެ.

އިއްޔެ ކަޝްމީރުގެ ސްރީނަގަރުގައި އެމުޒާހަރާތައް ފެއްޓީ ހުކުރު ނަމާދަށް ފަހުގަ އެވެ. އަދި މުޒާހަރާގެ ބައިވެރިން ތިބީ ކަޝްމީރަށް މިނިވަންކަން ދިނުމަށާއި އިންޑިއާގެ ގާނޫނު އަސާސީގެ މާއްދާ 370 އުވާލުން ކުށްވެރި ކުރާ ބެނާތައް ހިފައިގެންނެވެ.

ނަން ހާމަ ކުރަން ބޭނުން ނުވާ ފުލުހަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން އެމުޒާހަރާގައި 10،000 މީހުން ބައިވެރިވި އެވެ. އަދި އެ އެއްވުން ރޫޅާލުމަށް އިންޑިއާ ފުލުހުން "ކަރުނަ ގޭސް ޖަހައި، ރަބަރު ފަށަލައެއް ލާފައިވާ ދަގަނޑު އުންޑަ ޖެހި" ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުންޏެވެ.

ކަޝްމީރުގެ ހޮސްޕިޓަލަކުން ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހު އިންޑިއާއިން މާއްދާ 370 އުވާލި ފަހުން އެސަރަހައްދުގައި އިންޑިއާ ފުލުހުން ދިން ހަމަލާތަކުގައި ހަ މީހަކު ޒަހަމްވެފައިވެ އެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ ދަށުން ކަޝްމީރަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭ މާއްދާ 370 އުވާލީ ރައީސް ރާމް ނާތު ކޯވިންދުގެ ރިޔާސީ އަމުރަކުންނެވެ. އޭގެ ސަބަބުން ކަޝްމީރަށް ވަނީ އެސަރަހައްދުގެ ކަންތައްތަކާ ބެހޭ ގޮތުން އަމިއްލައަށް ގޮތް ނިންމުމުގެ ބާރާއި އަމިއްލަ ގާނޫނު އަސާސީއެއް އެކުލަވާލުމުގެ ބާރު ގެއްލިފަ އެވެ.

މީގެ އިތުރުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އެގައުމުގެ މައި ސަރުކާރުން ސީދާ ބާރު ހިންގާ ގޮތަށް، ކަޝްމީރު ދެ ޔޫނިއަން ޓެރިޓަރީއަކަށް ބަހާލަން ފާސްކޮށްފަ އެވެ. އެއީ ޖައްމޫ އެންޑް ކަޝްމީރު އެއް ޓެރިޓަރީއަށް އަދި ލަޑާކް އެއް ޓެރިޓަރީއަށެވެ.

comment ކޮމެންޓް