އީދަށް ރަށަށް ނުދެވި މާލޭގައި ބަންދުވެފަތަ؟ ދާންވީ ހުޅުމާލެއަށް

އީދުގައި ޒުވާނުންތަކެއް ފެންޖަހަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޮޑު އީދަށް މުޅި މާލެ ހުސްވަމުންދާ ކަހަލައެވެ؛ ހެނދުނުގެ ވަގުތުގައި، މާލޭގެ އެންމެ ބާރުބޮޑުވާ މަގުތައް މަތީގައި ސައިކަލެއް، ކާރެއްގެ ހިލަމެއްވެސް ނުވެއެވެ.

ވަކި ހިސާބަކުން ބޮޑުތަކުރުފާނުމަގަށް އަޅާލި އިރު ފެނުނީ ތަފާތު މަންޒަރެކެވެ. މާލެ ތެރެ "ފަޅު"ވަމުން ދާ ސަބަބު ފެނިއްޖެއެވެ. ގިނަ އަދަދެއްގެ ބަޔަކު ބޮޑު އީދަށް ރަށްރަށަށް ދިއުމަށްޓަކައި މާލެއިން ބޭރުވަނީއެވެ. މާލޭގައި އުޅަނދު ލަފާ ފުރާ ހުރިހާ ދިމާލަކުން ފޮށިތަންމަތި ހިފައިގެން މާލެއިން ފައިބަނީއެވެ.

ގިނަ ބަޔަކު މިފަހަރުގެ ބޮޑު އީދަށްވެސް ރަށަށް ދިޔަ ނަމަވެސް، މާލޭގައިވެސް އެއްބަޔަކު "ހައްޔަރު"ވެފައި އުޅޭނެއެވެ. އީދަށް އޮފީސްތައް ބަންދުނުވެ، އީދު ދުވަހުވެސް ޑިއުޓީ ކުރަންޖެހޭ މީހުން ތިބޭނެއެވެ.

ނަމަވެސް މާލެއާ ދާދި ގާތުން ބޮޑު އީދުގެ އުފަލާއި މަޖަލުގައި ބައިވެރިވެވިދާނެއެވެ: "މާލޭ ބަންދު"ގައި ތިބި މީހުން މަޖާކޮށްލުމަށް މިފަހަރު ދާންވީ ހުޅުމާލެއަށެވެ. ހުޅުމާލޭގައި ބޮޑު އީދު ފާހަގަކުރުމަށް ލައްކަ ކަންކަން ރޭވިފައި އެބަ އޮތެވެ.

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ހުޅުމާލޭގައި އީދު ފާހަގަކުރަން އެއްވަނައިގެ ޝެޑިއުލެއް ތައްޔާރުކޮށްފައެވެ.

އީދު ހުޅުޖެހުމާއި، ކޯޑި ކެޑުމާއި، މާލި ޕެރޭޑުގެ އިތުރުން ތަފާތު އީދު ކުޅިވަރުތަކެވެ. އީދު ހަރަކާތްތައް ހުޅުމާލޭގައި ފަށާނީ މިރޭ 20:30ގައި އީދު ހުޅުޖެހުމުންނެވެ. އީދު ހުޅުޖަހާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޮޑުބެރުންނެވެ.

އީދު ނަމާދަށްފަހު ކުދިންބޮޑު އެންމެން ސަޔަށް ދާންވީއެވެ. ސައި ބޮއި އަދި ނިންމާލާނީއެއް ނޫނެވެ. ހުޅުމާލޭ ރުއްގަނޑު 1 ގައި ކޯޑި ހެދުންވެސް އޮންނާނެއެވެ.

މީގެ ކުރިން އީދެއްގައި އޮތް ސަގާފީ ކުޅިވަރުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަވީރު އޮތީ ކުޑަކުދިން އެންމެ ގަޔާވެގެން ބަލާ ޕެރޭޑެވެ. ގޭގައި ތިބި ކުޑަކުދިން ގޮވައިގެން ޕެރޭޑު ފެށެންވާއިރަށް ރެހެންދި ސްކޫލު ކައިރިއަށް ދާށެވެ. އަވަހަށް ގޮސްގެން ނޫނީ ކުރީ ސަފުން ޕެރޭޑު ބަލައިލުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

ހަވީރު 4:00 ފަށައި އެ ޕެރޭޑު ނިންމާލާނީ ސެންޓްރަލް ޕާކް އާ ހަމައިންނެވެ. މާލި، ބޮޑުމަސް، ކޯޑި، ސަގާފީ ނެށުން، ބޮޑުބެރު އަދި ފްލޯޓްތައް ވެސް ޕެރޭޑުން ބަލައިލުމުގެ ފުރުސަތު އެބައޮތެވެ.

އަދި ހަމަ އެރޭ 8:30 ގައި ބޮޑުމަސް ބޭނުން ގާޒީ ސްކޫލް ކުރިމަތީގައި އޮންނާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.

އަދި މިހިސާބުން ނިމުނީއެއް ނޫނެވެ. ވަޅު އީދު ދުވަހުވެސް ހަރަކާތްތައް އޮތީއެވެ. ހެނދުނު 10:00 އިން ހަވީރު 4:00 އާ ދެމެދުގައެވެ.

ފައިގަތަޅާ، ގޯނި ރޭސް، ލުނބޯ ރޭސް، އާއިލީ ކާޑު، ތިން ފައި ރޭސް އަދި އެމްއެންޑީއެފްގެ ހަރަކާތްތަކުގެ އިތުރުން މޫދު ކުޅިވަރު ވެސް އޮންނާނެއެވެ. އެއީ ރުއްގަނޑު ސަރަހައްދުގައެވެ.

މީގެ ކުރިން ސަގާފީ ހަރަކާތްތަކާއެކު އީދު ފާހަގަކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އީދު ޝޯ އޮންނާނީ އަންގާރަ ދުވަހުގެ ރޭ 8:30 ގައި ސެންޓްރޯ މޯލްގަ އެވެ.

އީދު ވިލޭރޭއިން ފެށިގެން މި މަހު 13 ގެ ނިޔަލަށް ކުޅިވަރުތައް އޮތީ ކުރިއަށްދާ ގޮތަށެވެ.

ރަށަކުން ފެންނާނެ ހުރިހާ އީދު ކުޅިވަރުތަކެއް ހުޅުމާލެއިން ފެނިގެންދާނެއެވެ. މާލޭގައި ނުތިބެ ހުޅުމާލެ ގޮސް އީދު ހަރަކާތެއްގައި ނިކަން ބައިވެރިވެބަލާށެވެ.

comment ކޮމެންޓް