ސްޕެޝަލް އޮލިމްޕިކްސްއަށް ދިޔަ ދެ ޓީމަށް ހޫނު މަރުހަބާއެއް

ސުޕެޝަލް އޮލިމްޕިކްގައި ބައިވެރިވި ޓީމް ރާއްޖެ އައުމުން މަރުހަބާ ކިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭޝިއާ ބައްރުގައި ފުރަތަމަ ފަހަރަށް ބޭއްވި ސްޕެޝަލް އޮލިމްކްސް އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ރާއްޖެ ތަމްސީލުކުރި އަންހެން އަދި ފިރިހެން ފުޓުބޯޅަ ޓީމުތައް އެނބުރި ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އިންޑިއާގެ ޗެންނާއީގައި ބޭއްވި މި މުބާރާތް މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ އިރު، 15 އަށް ވުރެ ގިނަ ގައުމުން 250 އަށްވުރެ ގިނަ ސްޕެޝަލް އެތުލީޓުން ވަނީ ވާދަ ކޮށްފައެވެ. މި މުބާރާތުގައި ރާއްޖެއިން ވާދަ ކުރާ އަންހެން އަދި ފިރިހެން ޓީމުގައި ވެސް ހިމެނުނީ އަށް ކުޅުންތެރިންނެވެ.

ސުޕެޝަލް އޮލިމްޕިކްގައި ބައިވެރިވި ޓީމް ރާއްޖެ އައުމުން މަރުހަބާ ކިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއީ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކެއް ރާއްޖެ ތަމްސީލުކުރި ފުރަތަމަ ފަހަރު ނަމަވެސް މި މުބާރާތުގައި އެކުދިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން މި މުބާރާތުގައި ވާދަ ކުރި ފިރިހެން ޓީމުން ވަނީ ރަޝިޔާ، ޖަރުމަނު އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކާ ވާދަކޮށް އެ ކެޓަގަރީގެ ލޯ މެޑަލް ހޯދައިފަ އެވެ.

ގައުމީ އެއާލައިންގެ ފްލައިޓެއްގައި މިރޭ ސްޕެޝިއަލް އޮލިމްޕިކްސް މުބާރާތުގައި ވާދަ ކުރި ދެ ޓީމުން ވެސް ރާއްޖެ އައުމުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީގައި ޔޫތު މިނިސްޓްރީގެ އިސްވެރިންނާއި ސްޕޯޓްސް ކޯޕަރޭޝަނުގެ އިސްވެރިންގެ އިތުރުން އެތުލީޓުންގެ އާއިލާ އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިން، ޓީމަށް މަރުހަބާ ކިޔަން ތިއްބެވެ.

ސުޕެޝަލް އޮލިމްޕިކްގައި ބައިވެރިވި ޓީމް ރާއްޖެ އައުމުން މަރުހަބާ ކިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓީމުގައި ހިމެނުނު ހުރިހާ ކުޅުންތެރިންގެ މޫނު މަތިން ވެސް އުފާވެރި ފެނުނު އިރު ބައެއް ކުޅުންތެރިން ބުނީ މިއީ "ހީރޯ" އެއް ކަމަށެވެ. އަދި އަނެއްބައި ކުޅުންތެރިން ބުނީ އަދިވެސް ބޭނުން ވަނީ މިކަހަލަ މުބާރާތްތައް ގިނަގިނައިން ކުޅެން ކަމަށެވެ.

ސްޕެޝަލް އޮލިމްޕިކްސްޓީމުގެ މެނޭޖަރު އަދި ކޯޗު އާނީ ބުނީ މި މުބާރާތަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ބާއްވާ މުބާރާތެއް ކަމުން މި މުބާރާތުގެ ސަބަބުން ރާއްޖޭގައި ތިބި އެފަދަ އެތައް ކުއްޖަކަށް ފައިދާވާނެ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ބޭނުމަކީ ރާއްޖޭގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މި މުބާރާތުން ރަނގަޅު ކާމިޔާބީއެއް ހޯދައިދިނުން ކަމަށްވެސް ވިދާޅުވި އެވެ.

ސުޕެޝަލް އޮލިމްޕިކްގައި ބައިވެރިވި ޓީމް ރާއްޖެ އައުމުން މަރުހަބާ ކިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކުޅިވަރުގެ ތެރެއިން ގައުމު ތަމްސީލުކުރުމަކީ ހާއްސަ އެހީއަށް ބޭނުންވާ ކޮންމެ ބެލެނިވެރިއަކުވެސް ދެކޭ ބޮޑު ހުވަފެނެއް. އެ ހުވަފެން ހަގީގަތަކަށް ހެދުމަކީވެސް މި މުބާރާތުގައި ބައިވެރިވާން ނިންމި އެއް ބޭނުން،" އާނީ ބުންޏެވެ.

ރާއްޖޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން އަންނަނީ ފަހަކަށް އައިސް ބައިނަލް އަގުވާމީ ބޮޑެތި މުބާރާތްތަކުގައި ވެސް ވާދަކޮށް ރަނގަޅު ނަތީޖާ ހޯދަމުންނެވެ. އެގޮތުން ނިމިގެން ދިޔަ އައިއޯއައިޖީގައި ރާއްޖޭގެ މާޒިން ވަނީ ލޯފަން މީހުންގެ ކެޓަގަރީ 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފަ އެވެ.

comment ކޮމެންޓް