ފްލައިން ސްކޫލްގެ ބޯޓް ވެއްޓުނީއެއް ނޫން، އިންޖީނު ފެއިލްވުމުން ކަނޑަށް ޖެއްސީ

އައްޑޫ ސިޓީ ޝަންގްރިލާ ވިލިނގިލި ރިސޯޓު ކައިރިން މޫދަށް ޖެއްސި ބޯޓް އަށް މީޓަރު އަޑިއަށް ގޮސްފައި --- ފޮޓޯ/ އެމްއެންޑީއެފް

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ފްލައިންގް ސްކޫލުގެ ބޯޓެއް، އެ އަތޮޅުގައި ޝަންގްރިލާ ވިލިނގިލި ރިސޯޓު ކައިރިން ކަނޑަށް ވެއްޓުނީ ނޫން ކަމަށާއި އިންޖީނު ފެއިލް ވުމުގެ ސަބަބުން ކަނޑަށް ޖެއްސީ ކަމަށް އެ ތަނުގެ ބައެއް ދަރިވަރުން ބުނެފިއެވެ.

އިއްޔެ ހިނގި މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފާއި ފުލުހުން އެންމެ ފުރަތަމަ ބުނީ 4:30 ގައި އައްޑޫ ފްލައިން ސްކޫލްގެ ފްލައިޓެއް އިންޖީނު ފެއިލް ވެގެން ޝަންގްރިލާ ކައިރިއަށް ކަނޑަށް ވެއްޓިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން "ސަން"އަށް ބުނީ ފްލައިޓް ވެއްޓުނު ކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. ރަނގަޅު ގޮތަކީ ފްލައިޓްގެ އިންޖީނު ފެއިލްވުމުން ކާމިޔާބުކަމާއެކު މޫދަށް ޖެއްސީ ކަމަށެވެ. އަދި މަތިން ދުއްވަމުންދާ ބޯޓެއްގެ އިންޖީނު ފެއިލްވެއްޖެނަމަ ދެން ކަންތައް ކުރަން ޖެހޭ ގޮތަކީ ފެން ގަނޑަކަށް ނުވަތަ މޫދަށް ޖެއްސެން އޮވެއްޖެނަމަ ޖެއްސުން ކަމަށެވެ.

ރާއްޖޭގައި އޭވިއޭޝަނާ ގުޅޭ މައުލޫމާތު ގެނެސްދޭ ފޭސްބުކް ޕޭޖު އޭވިއޭޓާސް މޯލްޑިވްސްއިންވެސް ވަނީ މި މައުލޫމާތު މިގޮތަށް އާންމުކޮށްފައެވެ.

"އެ ފްލައިޓަށް ވީ ގޮތަކީ އިންޖީނު ފެއިލްވެ، ރަންވޭއަކާ ހަމައަށް ދިއުމުގެ ފުރުސަތު ނެތުމުން މޫދަށް ޖެއްސީ. ބޯޓު ވެއްޓުމާއި ޖެއްސުން އެއީ ވަރަށް ތަފާތު ދެ ކަމެއް،" އޭނާ ކިޔައިދިނެވެ.

އިންޖީނު ފެއިލްވުމުގެ ސަބަބުން އިއްޔެ ކަނޑަށް ޖައްސާފައިވަނީ ސެސްނާ މަރުކާގެ ޓްރެއިނިން އެއާކްރާފްޓެކެވެ. ބޯޓު މޫދަށް ޖެއްސިއިރު އޭގައި ޕައިލެޓަކާއި އެކު އިތުރު ދަރިވަރަކު ވެސް އިނެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ އިރު، އެ ސަރަހައްދުގައި އުޅުނު ޑައިވިން ދޯންޏަކުން އެ ދެ މީހުން ނެގިއެވެ.

އިއްޔެ އިންޖީނު ފެއިލް ވެގެން މޫދައް ޖެއްސި ބޯޓް، 2015 ވަނަ އަހަރު ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސަން އުޅެނިކޮށް ވެއްޓިފައި ---

އެނގިފައިވާ ގޮތުގައި އިއްޔެ އިންޖީނު ފެއިލްވި ބޯޓަކީ 2015 ވަނަ އަހަރު، ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ އަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު ބޯޓެވެ. އެ ހާދިސާގައި ވެސް ބޯޓުގައި އިން ދެ މީހުނަށް އަދި ބޯޓަށް ވެސް މާ ބޮޑު ގެއްލުމެއް ނުލިބި، ސަލާމަތްވިއެވެ.

comment ކޮމެންޓް