ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓް 2019: އެޗްކިއު ބަލިކޮށް މާފުށީ ޕްރިޒަނުން ތަށި އުފުލާލައިފި

ޕީއާރުސީ ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅުނު ފައިނަލު މެޗުން މޮޅުވެ މާފުށީ ޕްރިޒަނުން ތަށި އުފުލާލަނީ --- ފޮޓޯ// ކަރެކްޝަން ސާވިސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން ކުލަބުން އިސްނަގައިގެން އެ އިދާރާއިގެ ސެކްޝަންތަކުގެ މެދުގައި ބާއްވާ ޕީއާރުސީ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ޓީމް ހެޑް ކުއާޓާ (އެޗްކިއު) ބަލިކޮށް މާފުށީ ޖަލުން ވިދިވިދިގެން ދެވަނަ ފަހަރަށް އެ މުބާރާތް ކާމިޔާބު ކޮށްފި އެވެ.

މިއަދު މާފަންނު ޓާފުގައި ކުޅުނު އެ މެޗުން އެޗްކިއު ބަލިކޮށް މާފުށީ ޖަލުން މުބާރާތުގެ ތަށި އުފުލާލީ 0-1ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ. މާފުށީ ޖަލުން ވަނީ މި މުބާރާތް މިދިޔަ އަހަރު އައްސޭރި ޖަލުގައި ބޭއްވި އިރު ވެސް މުބާރާތް ކާމިޔާބުކޮށް ތަށި އުފުލާލައިފަ އެވެ.

މިއަދު ކުޅުނު ފައިނަލު މެޗުގެ ތެރެއިން ---

މިއަދުގެ އެ މެޗުގެ ހަމައެކަނި ލަނޑު މާފުށި ޕްރިޒަންއިން ކާމިޔާބުކުރީ ދެވަނަ ހާފްގައި ލިބުނު ޕެނެލްޓީއަކުންނެވެ. މުބާރާތުގެ ތަށި މާފުށި ޕްރިޒަންއިން ދިފާއު ކުރިއިރު ޓީމް އެޗުކިއުން ވަނީ ލީގު އުސޫލުން ކުރިޔަށް ދިޔަ ބުރުގައި ކުރި ހޯދާ ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިފަހަރުގެ މި މުބާރާތުގައި ބައިވެރިވެފައި ވަނީ މާލެ ޕްރިޒަނާއި އެމަޖެންސީ ސަޕޯޓާއި އައްސޭރި ޕްރިސަން (ހިންމަފުށީ ޖަލު) އަދި ޓީމް ހެޑް ކުއާޓާ (އެހްކިއު) ގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން މާފުށީ ޕްރިސަން އެވެ.

މެޗަށް ފަހު ވަނީ މުބާރާތުގެ އެކި ވަނަތައް ލިބުނު ކުޅުންތެރިންނަށް ތައްޓާ މެޑަލް ދީފަ އެވެ. އެގޮތުން މުބާރާތުގެ އެންމެމޮޅު ފޯވާޑަކަށް އީއެސްޖީގެ އަހުމަދު ސާމިން ހޮވުނު އިރު އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ މާފުށި ޕްރިޒަންގެ އަހުމަދު ނައުފަލް އެވެ. އަދި އެންމެ މޮޅު ކީޕަރަކަށް އެޗްކިއުގެ އިސްމާއިލް ޝިހާމް ހޮވުނު އިރު މިފަހަރުގެ މުބާރާތުގެ ފެއަރ ޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ އެ ކުލަބުގެ އާދަމް ނަސީރު އެވެ.

މީގެ އިތުރުން މި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ މާފުށި ޕްރިޒަންގެ މުހަންމަދު އައިމަން އެވެ. އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ އެސްޖީގެ މުހަންމަދު އަލީ އެވެ. އެންމެ މޮޅު ކޯޗަކަށް އެޗްކިއުގެ އާތިފް މުހައްމަދު ހޮވުނު އިރު ފެއަރ ޕްލޭ ޓީމަކީ އައްސޭރި ޕްރިޒަން އެވެ.

މިފަހަރުގެ މުބާރާތުގައި ހުރިހާ ގޮތަކުން އެންމެ މޮޅުކުޅުންތެރިޔަކީ އެޗްކިއުގެ މޫސާ ހަސަންފުޅެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ފަރާތުން އިންތިޒާމުކުރާ މި މުބާރާތުގެ މަގުސަދަކީ އެ އިދާރައިގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމެވެ.

comment ކޮމެންޓް