ރިލްވާން މައްސަލާގައި ޕީޖީގެ ވާހަކަތައް ހައިކޯޓުން ދޮގުކޮށްފި

ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލަށް އިސްތިއުނާފު ކުރި ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ދެއްކެވި ވާހަކަފުޅު ހައިކޯޓުން ދޮގުކޮށްފި އެވެ.

ރިލްވާން ގެއްލުވާލި މައްސަލަ ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފެއް ނުކުރެ އެވެ. އެމައްސަލަ އިސްތިއުނާފު ކޮށްފައި ނެތް ކަން ހައިކޯޓުން ވަނީ ރިލްވާންގެ މަންމައަށްވެސް ސިޓީއަކުން އަންގާފަ އެވެ.

ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރިލްވާންގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަށް ހައި ކޯޓުގައި އެދިފައި ވާނެކަމަށާއި، އޭގެ ޖަވާބުވެސް ލިބިފައިވާ ކަމަށެވެ.

އެގޮތުން، ދައުވާ ކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2018 އޯގަސްޓް ދެވަނަ ދުވަހު ކަމަށާއި ހަމަ އެ ދުވަހު ހައި ކޯޓުގައި އިސްތިއުނާފުގެ ހުއްދައަށް އެދިފައިވާންކަމަށް ޕީޖީ އޮފީހުން ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

ހައި ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރިލްވާން މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރުމަށް ގަސްދުކުރައްވާކަމަށް ވިދާޅުވެ، 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 2 ވީ ބުރާސްފަތި ދުވަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އެ ސިޓީގައި ބުނެފައިވަނީ އިސްތިއުނާފު ކުރެއްވުމަށް ގަސްދުކުރައްވާތީ، އެ މައްސަލައިގެ ޝަރީއަތް ނިމުމުގެ ގޮތުގެރިޕޯޓް ލިބިވަޑައިގަތުމުން މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅުއްވުމުގެ ހުއްދަ ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

ޕީޖީއިން ފޮނުވި ސިޓީއަށް ޖަވާބު ދީފައިވަނީ 2018 އޮގަސްޓް މަހުގެ 6 ވީ ހޯމަ ދުވަހު ކަމަށް ހައި ކޯޓުން ވަނީ ބުނެފަ އެވެ.

"ސުޕްރީމް ކޯޓުން 27 ޖެނުއަރީ 2015 ގައި ނެރުނު ސާކިއުލާގައި ބަޔާންކޮށްފައިވާ 10 ދުވަސް ފާއިތުވުމަށް ފަހު ހުށަހަޅާ މައްސަލައެއްނަމަ، އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދިކަމުގަ އެވެ. އަދި އެ މާއްދާގެ ދަށުން މައްސަލަ ހުށަހެޅުމުން ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ މައްސަލައަކާއި މެދު ގޮތެއް ނިންމޭނެ ކަމުގައި ދަންނަވަމެވެ،" ހައިކޯޓުގެ ބަޔާނުގައިވެއެވެ.

ރިލްވާން މައްސަލައިގައި އިތުރު އެހެން އެއްވެސް މުއާމަލާތެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު ކޮށްފައި ނުވާނެ ކަމަށް ހައި ކޯޓުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޕީޖީގެ ސިޓީއަށް 2018، 6 އޮގަސްޓުގައި ޖަވާބު ދީފައި ވަނިކޮށް، އެ ފަހުން އެއް އަހަރު ދުވަސްވެފައިވާ އިރުވެސް ރިލްވާން މައްސަލަ އިސްތިއުނާފު ކުރާކަށް ވެސް އަދި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދިވެސް ކޯޓަށް ހުށަހަޅުއްވާފައި ނުވާ ކަމަށް ހައިކޯޓުން ވަނީ ބުނެފަ އެވެ.

އެހެންކަމުން، ރައްޔިތުންގެ ހިތްތަކުގައި ހައިކޯޓުގެ އަގު ވެއްޓޭ ގޮތަށް ވާހަކަފުޅު ނުދެއްކެވުމަށާއި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ޓްވީޓު ނުކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ ކޯޓުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

comment ކޮމެންޓް