އައްޑޫ ފްލައިންގް ސްކޫލުގެ ބޯޓެއް ޝަންގްރިއްލާ ރިސޯޓު ކައިރިއަށް ވެއްޓިއްޖެ

އައްޑޫ ފްލައިންގް ސްކޫލުގެ ބޯޓުތަކެއް އެ ސިޓީގެ ގަން އިންޓަނޭޝާނަލް އެއާޕޯޓުގައި - ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ފްލައިންގް ސްކޫލުގެ ބޯޓެއް، އެ އަތޮޅުގައި ޝަންގްރިލާ ވިލިނގިލި ރިސޯޓު ކައިރިން ކަނޑަށް ވެއްޓިއްޖެއެވެ.

މިއަދު ހަވީރު 16:30 ހާއިރު ބޯޓު ވެއްޓުނީ ބޯޓުގެ އިންޖީނު ފެއިލްވެގެންނެވެ. އެކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފައެވެ.

ބޯޓު ވެއްޓުނު އިރު ބޯޓުގައި ދެ މީހުން ތިއްބެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ، ފްލައިންގް ސްކޫލުގެ އިންސްޓްރަކްޓަރެއްގެ އިތުރުން، ސ. މަރަދޫއަށް ނިސްބަތްވާ އަންހެން ދަރިވަރެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ބޯޓުގައި ތިބި ދެމީހުން ނަގާފައި ވަނީ ބޯޓު ވެއްޓުނު ސަރަހައްދުގައި އޮތް ޑައިވިން ދޯންޏަކުންނެވެ. ދެމީހުން ވެސް މިހާރު ވަނީ ޝަންގްރިއްލާ ރިސޯޓަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ ހާދިސާގައި ބޯޓުގައި ތިބި ދެމީހުންނަށް ވެސް އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށެވެ. ފުލުހުން މިވަގުތު އެތަނަށް އެޓެންޑުކުރަމުން ދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް