މިނާ (އޮގަސްޓް 9): މިއަހަރުގެ ހައްޖު މޫސުމުގައި މިއަދަކީ ތަރްވިޔާގެ ދުވަހެވެ. ތަރްވިޔާގެ ދުވަހަކީ ހައްޖުގެ އަޅުކަން ފެށުމުގެ ގޮތުން ހައްޖުވެރިން މިނާއަށް ޖަމާވާން ފަށާ ދުވަހެވެ.
މިނާއަށް ޖަމާވަނީ ހައްޖުވެރިން އަރަފާތުގެ ބިމަށް ދިއުމަށް ތައްޔާރުވުމުގެ ގޮތުންނެވެ. ހައްޖުވެރިންގެ އެއްބަޔަކު މިއަދު ހެނދުނު މިނާއަށް ގޮސްފައިވާ އިރު ދެންތިބި ހައްޖުވެރިން ލަސްވެގެން މިއަދު ހަވީރު މިނާއަށް ދާނެއެވެ.
އަރަފާތު ބިމުގައި ތިބުމުގެ ކުރިން ތަރްވިޔާގެ ދުވަސް ފާހަގަކުރަންޖެހެއެވެ. ތަރްވިޔާގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހައްޖުވެރިން މިނާގެ މަޝްޢަރަށް ޖަމާވަނީ މިގޮތަށް ކީރިތި ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަ އަމަލު ކުރައްވާފައިވާތީ އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމުގެ ގޮތުންނެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމަށްޓަކައި މާތްވެގެންވާ މައްކާގައިވާ ޙައްޖުގެ ހުރިހާ މަޝާއިރުތަކެއް ޙައްޖުވެރިންނަށްޓަކައި ވަނީ މުޅިން ތައްޔާރުވެފައެވެ. ހައްޖުގެ މަޝާއިރުތައް ކުރިޔަށްދާނީ މިނާއާއި އަރަފާތާ އަދި މުޒްދަލިފާގެ އިތުރުން މައްކާގެ ހަރަމްފުޅުގައެވެ. ޙައްޖު ދުވަސް ނުވަތަ އަރަފާތުގެ ދުވަހަކީ މާދަމާ ކަމަށްވާއިރު ގާތްގަނޑަކަށް 2.5 މިލިޔަން ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާގެ މުޤައްދަސް ބިންތަކަށް ޖަމާވެފައިވާ ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.
ހައްޖުގެ އެންމެ ބޮޑު ރުކުން އަދާކުރުމަށްޓަކައި ޙައްޖުވެރިން އަރަފާތުގެ މާތް ބިމަށް ގެންދިޔުމަށް 32،000 ބަސް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު މިނާއިން ޢަރަފާތުގެ ބިމަށް ދިޔުމަށް ޙައްޖުވެރިން ދަތުރު ފަށާނީ މިރޭ ފަތިސްނަމާދަށް ފަހުގަ އެވެ. ނަމަވެސް މަގުތައްތާށި ވާނެތީ މިރޭ ދަންވަރުން ފެށިގެން ހައްޖުވެރިން އަރަފާތަށްދާން ފަށާނެއެވެ.
އަރަފާތުގެ ބިމުގައިވާ ނަމިރާ މިސްކިތުގައި މާދަމާ މެންދުރު ނަމާދަށްފަހު ހައްޖު ޚުތްބާ ދިނުން އޮންނާނެއެވެ. މާދަމާގެ ބޮޑުބައި ޢަރަފާތުގެ ބިމުގައި ގުރްއާން ކިޔެވުމާއި ހެޔޮ ދުއާކުރުމާއި ތަކްބީރު ތަހްލީލުކުރުމާއި ހޭދަކުރުމަށްފަހު އިރުއޮއްސޭން ފެށުމާއެކު ހައްޖުވެރިން މުޒްދަލިފާއަށް ނަފްރާ ކުރާނެއެވެ.
މާދަމާ ރެއަކީ އަޟްހާ އީދު ވިލޭރެއެވެ. އެރޭ ހައްޖުވެރިން ތިބޭނީ މުޒްދަލިފާގައި ރޭކުރުމަށްފަހު މުޒްދަލިފާއިން ހިލަ ހޮވައިގެން އާދީއްތަ ދުވަހުގެ (އީދު ދުވަސް) ފަތިހު އަނެއްކާ ވެސް މިނާއަށް ދިޔުމުގެ ދަތުރު ފަށާނެއެވެ.
މިނާއަށްގޮސް ހައްޖުވެރިން ހަދްޔު ކަތިލާނެއެވެ. މިކަން ކުރިޔަށްގެންދާނީ ހައްޖުވެރިން ފައިސާ ދެއްކުމުން ކަމާބެހޭ ސައޫދީ މުއައްސަސާތަކުންނެވެ.
ޖަމްރާތަކަށް ހިލަ އުކުމަށްޓަކައި ހައްޖުވެރިން އީދު ދުވަހުގެ އިތުރުން އަދި ތިން ދުވަސްވަންދެން މިނާގައި މަޑުކުރާނެއެވެ. ނަމަވެސް އަވަހަށް ތަހައްލުލުވާން ބޭނުންވާ ހައްޖުވެރިން ތިބޭނީ އެއްދުވަހު ނުވަތަ ދެދުވަހު އެވެ. އެއަށް ފަހު މައްކާގެ ހަރަމްފުޅަށްގޮސް ތަވާފުލް އިފާޟާކޮށް ސައުޔު ކުރުމުން ހައްޖުގެ އަޅުކަން ނިމުނީއެވެ.
(ސައޫދީ މީޑީއާ)