ކޮޗިން (އޮގަސްޓު 9): އިންޑިއާގެ ކެރަލާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުގައި ފެންބޮޑުވުމުގެ ސަބަބުން އެ އެއާޕޯޓު މިއަދުން ފެށިގެން ތިން ދުވަހަށް ބަންދުކޮށްފި އެވެ.
ކެރެލާގެ ޗީފް މިނިސްޓަރުގެ އޮފީހުން ކުރި ޓުވީޓެއްގައިވާ ގޮތުން ކޮޗިން އެއާޕޯޓުގެ އޭޕްރޮންގައި ފެންބޮޑުވުމުގެ ސަބަބުން އެއާޕޯޓު މިއަދު ބަންދު ކުރުމަށް ފަހު ދެން ހުޅުވާނީ އަންނަ އާދިއްތަ ދުވަހުގެ 15:00ގަ އެވެ.
ކެރަލާއަށް ބޯކޮށް ވާރެ ވެހުމުގެ ސަބަބުން އެސްޓޭޓުން ވަނީ މިއަދަށް ސްކޫލުތަކާއި ކޮލެޖުތައް ބަންދުކޮށްފަ އެވެ. އަދި ކެރަލާގެ އިތުރުން މަދުޔަ ޕްރަދޭޝް، ޗައްތިސްގަރު، ގޯއާ، މަހާރަޝްތުރާ، ގުޖުރާތު އަދި ކަރުނާޓަކާއަށް ވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.
އެވިއްސާރައިގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު 40 އަށް އަރާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ 22،000އަށް ވުރެ ގިނަ މީހުން އެހީ ފޯރުކޮށްދޭ ކޭމްޕުތަކަށް ބަދަލުކޮށްފައިވާ ކަމަށް ކެރެލާގެ ސަރުކާރުން ބުންޏެވެ.
ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން ވިދާޅުވި ގޮތުގައި އެސްޓޭޓަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ލަފާ ކުރެ އެވެ.