ރިލްވާންގެ އާއިލާއަށް ހައިކޯޓުން ފޮނުވި ސިޓީ ޕީޖީން ދޮގުކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

2014 ވަނަ އަހަރުގެ އޯގަސްޓް މަގު ގެއްލުނު ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް ގެއްލުވާލި މައްސަލައިގައި ދައުލަތުން ދައުވަކުރި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް އިސްތިއުނާފުކުރުމުގެ ހުއްދައަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހައި ކޯޓުގައި އެދިފައި ނުވާކަމަށް އެ ކޯޓުން ބުނި ބުނުން ޕީޖީ އޮފީހުން ދޮގުކޮށްފިއެވެ.

ރިލްވާން ގެއްލުނުތާ ފަސް އަހަރު ފާއިތުވެ، އަދި އޭނާ ގެއްލުވާލިކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިތާ އަހަރެއް ވެފައިވާ އިރުވެސް އެ މައްސަލައިގެ އިސްތިއުނާފުގެ މަރުހަލާ ހައި ކޯޓުގައި ފަށާފައި ނުވެއެވެ.

މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ހާޒިރުކޮށް، ރިލްވާން ގެއްލުވާލި މައްސަލައިގެ ހުކުމް އިސްތިއުނާފު ކޮށްފައިވާނެތޯ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ބިޝާމް ވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ.

އެކަން ސާފުކުރުމަށް ރިލްވާންގެ އާއިލާގެ ފަރާތުން ހައި ކޯޓުގައި އެދުމުން އެ ކޯޓުން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ހުކުމް އިސްތިއުނާފު ކުރުމުގެ ހުއްދައަށް ޕީޖީގެ ފަރާތުން އެދިފައިވާކަމުގެ އެއްވެސް ރެކޯޑެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރިލްވާންގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަށް ހައި ކޯޓުގައި އެދިފައި ވާނެކަމަށއި، އޭގެ ޖަވާބުވެސް ލިބިފައިވާ ކަމަށެވެ.

އެގޮތުން، ދައުވާ ކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2018 އޯގަސްޓް ދެވަނަ ދުވަހު ކަމަށާއި ހަމަ އެ ދުވަހު ހައި ކޯޓުގައި އިސްތިއުނާފުގެ ހުއްދައަށް އެދިފައިވާންކަމަށް ޕީޖީ އޮފީހުން ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

އަދި ހައި ކޯޓުން 2018 އޯގަސްޓް ހަވަނަ ދުވަހު ޖަވާބުވެސް ދީފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

https://sun.mv/122909

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ވެސް މިހާރު ރިލްވާނުގެ މައްސަލަ ބަލަމުން އަންނަ އިރު، ރިލްވާން ގެއްލުވާލުމުގެ އަޑީގައި ތިބި "ޓެރަރިސްޓް ގްރޫޕް" ހޯދިފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު އިއްޔެ ވިދާޅުވިއެވެ.

ސުއޫދު ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ އެކަމުގައި ބައިވެރިވި ޓެރަރިސްޓް ގްރޫޕްގެ ތަފްސީލީ މައުލޫމާތު މި މަސް ނިމުމުގެ ކުރިން ހާމަކުރަން ކޮމިޝަނުން ވިސްނަމުން އަންނަ ކަމަށެވެ. އަދި ޓެރަރިސްޓް ގްރޫޕްގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ކޮމިޝަނަށް ހެކި ހޯދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގައި ދައުލަތުން ދައުވާކުރީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.

comment ކޮމެންޓް