ކާނިވާ ސަރަހައްދަށް އުދަ އަރަނީ

ކާނިވާ ސަރަހައްދަށް އުދަ އަރާފައި--- ފޮޓޯ/ ޕޮލިސް

މާލޭ ކާނިވާ ސަރަހައްދަށް މިއަދު ހެނދުނު އުދަ އަރައިފިއެވެ.

ފުލުހުން ބުނީ ކާނިވާ ސަރަހައްދަށް އުދަ އަރަމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށެވެ. އަދި ހުރިހާ ބޭފުޅުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ދިޔަވަރު ބޮޑުވާ ދުވަސްވަރު ކާނިވާ ސަރަހައްދަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުމަކީ އާންމު ކަމެކެވެ.

ކާނިވާ ސަރަހައްދަށް މިއަދު ހެނދުނު އުދަ އަރާފައިވާ އިރު، އެ ސަރަހައްދުގައި ނައިޓްމާކެޓެއްވެސް މި ދުވަސްވަރު ދަނީ ހިނގަމުންނެވެ.

އާދީއްތަ ދުވަހަކީ މި އަހަރުގެ ބޮޑު އީދު ދުވަހަށް ވާ އިރު، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފައިވާ ގޮތުގައި މި ބޮޑު އީދު ވެގެން ދާނީ ފެން އީދަކަށެވެ.

މި އީދުގައި މެދުރާއްޖެތެރެއާއި އުތުރގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި، އަދި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެކަމަށް މެޓުން ލަފާކުރެއެވެ.

އަދި މޫސުން ގޯސްވާ އިރު ބައެއް ރަށްރަށަށް އުދަ އެރުންވެސް އެކަށީގެންވާ ކަމަށް ލަފާކުރެއެވެ.

ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

comment ކޮމެންޓް