އިންތިހާބަށް ވާދަކުރުމަށް ރާޖަޕަކްސަގެ ކޮއްކޯފުޅު އެމެރިކާ ރަށްވެރިހަން ދޫކޮށްލައިފި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސަ އެގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ -- ފޮޓޯ: ރޮއިޓާސް

ކޮލޮމްބޯ (އޮގަސްޓު 9): ސްރީލަންކާގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގޮތުން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު، އަދި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޯޓާބަޔަ ރާޖަޕަކްސަ އެމެރިކާގެ ރަށްވެހިކަން ދޫކޮށްލައްވައިފިއެވެ.

ގޯޓާބަޔަ އެފަދައިން އަމަލު ކުރެއްވީ، ސްރީލަންކާ ނޫން އެހެން ގައުމެއްގެ ރަށްވެހިކަން އޮންނަ މީހަކަށް އެގައުމުގެ އިންތިހާބުތަކުގައި ވާދަކުރަން ގާނޫނު އަސާސީން ހުއްދަ ނުކުރާތީއެވެ.

ގޯޓާބަޔަ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ ކޮއްކޯފުޅު ބެސިލް ރާޖަޕަކްސަގެ ޕާޓީ، ސްރީ ލަންކާ ޕީޕަލްސް ފްރޮންޓުގެ ކެންޑިޑޭޓުގެ ގޮތުގަ އެވެ. އަދި އެ ޕާޓީގެ ލީޑަރަކަށް އައްޔަން ކުރާނީ މަހިންދަ ރާޖަޕަކްސަކަމަށް ބެސިލް ވިދާޅުވިއެވެ.

ލަންކާގައި ޑިފެންސް ސެކްރެޓަރީގެ މަގާމު 2005އިން 2015އަށް ފުރުއްވައި، އެގައުމުގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާ ކުރެއްވި ގޯޓާބަޔަ ރާޖަޕަކްސަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވީ މިދިޔަ އޭޕްރިލް މަހުގައެވެ. އޭނާއަކީ ލަންކާގެ އާބާދީގެ 70 ޕަސެންޓު ހިއްސާ ކުރާ ސިންހަލަ ނަސްލުގެ މީހުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ.

ނަމަވެސް ގޯޓާބަޔަގެ މައްޗަށް ވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ތުހުމަތު ކޮށްފައެވެ.

އެގޮތުން، 2009 ވަނަ އަހަރު ނޫސްވެރިޔާ ލަސާންތަ ވިކްރަމަތުންގަ މަރާލުމުގައި ގޯޓާބަޔަގެ އަތެއް ވާކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅާފައި ވެއެވެ. އަދި މީގެ ކުރިން ގޯޓާބަޔަގެ ބެލުމުގެ ދަށުގައި އޮތް ޓެރަރިޒަމް އިންވެސްޓިގޭޝަން ޑިވިޝަނުން ތަމަޅަ މީހަކު ހައްޔަރުކުރުމަށްފަހު އޭނާއަށް އަނިޔާކުރި މައްސަލައެއްވެސް ވަނީ ކޯޓަށް ހުށަހަޅާފައެވެ.

ނަމަވެސް ގޯޓާބަޔަ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހުގެ ކުރިން ސްރީލަންކާގައި ރިޔާސީ އިންތިހާބު ބާއްވަން ޖެހެއެވެ. އަދި މިހާރުގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ދައުރު ނިމޭނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހުގައެވެ.

އިންތިހާބުގައި ވާދަކުރެއްވުމާ މެދު އަދި ވަކި ގޮތަކަށް ނުނިންމަވާ ކަމަށް މިހާރުގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

comment ކޮމެންޓް